ޔޫކްރެއިންގައި މިވަގުތު ކުރަމުންދާ ހަނގުރާމައަކީ ކުޅުންތެރިންނަށް އިތުރު ހިތްވަރަކަށް ވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ސެރްހީ ރެބްރޯވް ބުނެފިއެވެ.
ރަޝިއާއާއި ޔުކްރެއިން ހަނގުރާމަ ފެށިފައި ވަނީ މިދިޔަ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ތެރޭގައެވެ. އެ ހަނގުރާމަ އަދިވެސް ދެމިގެންދާ އިރު، ޔުކްރެއިނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ހަނގުރާމައިގެ ސަބަބުން ފީފާއިން ރަޝިއާ ސަސްޕެންޑް ކޮށްފައިވެސް ވެއެވެ. އެ ސަސްޕެންޝަނާއެކު ދުނިޔޭގެ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ޔުކްރެއިނަށް ވަނީ އަމާޒުވެފައެވެ. އެއީ ޔުކްރެއިނުންވެސް ހަނގުރާމަ ކުރަމުންދިޔަ ދަނޑިވަޅުގައި ރަޝިއާއަށް އެގޮތަށް ފިޔަވަޅު އަޅާފައިވާތީއެވެ. ރަޝިއާއަށް އެޅި ފިޔަވަޅު، އަނިޔާވެރި ސަހްޔޫނީންގެ ދައުލަތް ކަމަށްވާ އިސްރާއީލަށް ނާޅާ ސަބަބާމެދުވެސް ދާދިފަހުން ފީފާ ކޮންގްރެސްގައި ވަނީ ސުވާލު އުފައްދާފައެވެ.
ހަނގުރާމައިގެ ތެރޭގައި އޮވެ، ޔޫކްރެއިން މިފަހަރުގެ ޔޫރޯއަށް ނުކުންނަ އިރު، ކޯޗު ރެބްރޯވްގެ ނަޒަރުގައި، ރައްޔިތުންގެ ހާލަތު ވެގެންދާނީ ކުޅުންތެރިންނަށް ހިތްވަރަކަށެވެ.
"އަހަރެމެން ގައުމުގައި އޮތް ހަނގުރާމައިގެ ހާލަތަކީ ކުޅުންތެރިންނަށް ހިތްވަރެއް. އަހަރެން ކުޅުންތެރިން އެ ކުރާ ހިތްވަރަށް ފަހުރުވެރިވޭ. އެއީ ގައުމުށްޓަކައި ކުރާ މަސައްކަތެއް. ޔުކްރެއިންގެ ހިތްވަރާއި ރޫހު ދައްކާލަން ޖެހޭ މެޗުގައިވެސް. މި މުޅި މުބާރާތުގައިވެސް އެ ރޫހު ދައްކާލަން އަހަރެމެން ބޭނުން،" ޔުކްރެއިންގެ ކޯޗު، 49 އަހަރުގެ ރެބްރޯވް ބުންޏެވެ.
ރެބެރޯވް އިތުރަށް ބުނީ ޖަރުމަނުގައި ކުޅެން ޖެހުމަކީ ޔުކްރެއިނަށް ފަސޭހައެއް ކަމަށާއި، އަބަދުވެސް ޖަރުމަނު އިހުސާސްކުރެވެނީ ހޯމް ގައުމު ކަހަލަ ގޮތަކަށް ކަމަށެވެ. ރެބްރޯބް ޕްރެސްގައި ރޮމޭނިއާއާ ގުޅޭ ގޮތުން ބުނެފައި ވަނީ، ގްރޫޕެއްގެ އެއްވަނަ ހޯދައިގެން ކޮލިފައިވާ ޓީމަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ވަކިން ހާއްސަކޮށް ޔޫރޯއެއް ފަށަން އިދިކޮޅަށް ނުކުންނަން ރޮމޭނިއާ ފަސޭހަ ނުވާނެ ކަމަށްވެސް ކޯޗު ރެބްރޯވް ބުންޏެވެ.
ޔޫކްރެއިނާއި ރޮމޭނިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 6:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024