ޔޫއެފާ ޔޫރޯގެ އެންމެފަހުގެ ރަނަރަޕް އިންގްލެންޑުން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ސާބިއާ ބަލިކޮށްފިއެވެ.
ޝާލްކޭގެ ދަނޑުގައި ކުޅުނު މެޗުގައި މިރޭ އިންގްލެންޑުން ސާބިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުތްއިރުވެސް ފެވަރިޓުންނަކީ އިންގްލެންޑެވެ. އެޓީމަކީ މުބާރާތް ކާމިޔާބުކުރުމަށްވެސް ގިނަ ބައެއްގެ ފެވަރިޓެކެވެ. އެއީ ސްކޮޑުގެ ވަރުގަދަކަމާއި ވޭތުވެދިޔަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގެ ނަތީޖާއަށްވެސް ބަލައިފައެވެ. އިންގްލެންޑުން ޔޫރޯ 2020 ގެ ފައިނަލުގައިވެސް ކުޅެފައިވާ އިރު، އެފަހަރު އިޓަލީ ކައިރިން ބަލިވީ ޕެނަލްޓީގައެވެ. މިއީ އެ ނަސާބި ބަދަލުކުރަން އިންގްލެންޑުން ނުކުތް ފަހަރެވެ.
އަނެއްކޮޅުން ނުކުތް ސާބިއާއިން، ސީދާ ސާބިއާގެ ނަމުގައި މީގެ ކުރިން ޔޫރޯ ކާމިޔާބު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، އެޓީމުގައި ތިބީ ޔޫރަޕްގެ ތަޖުރިބާ ބޮޑު ކުޅުންތެރިންނެވެ. އެހެންކަމުން އިންގްލެންޑް ހާސްކޮށްލެވޭނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާ ކުރިއެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑް މާ ބޮޑަށްވެސް މޮޅެވެ. ހާއްސަކޮށް ފުރަތަމަ ކޮޅުގައި އެޓީމުގެ ޓެމްޕޯގައި، ހިތްގައިމު ކުޅުމެއްވެސް ކުޅުނެވެ. މެދުތެރެއިން ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް ދިޔައީ މަޑުޖެހުމެއް ނެތި މަސައްކަތްކޮށް، މުޅި ދަނޑު ކަވަރު ކުރަމުންނެވެ.
އިންގްލެންޑުން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާގައި ގޯލު ހުޅުވާވެސް ލިއެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޓީމުގެ ތަރި ބެލިންހަމްއެވެ. މޮޅު ގޯލަކުން އިންގްލެންޑަށް ހިތްވަރު ހޯދައިދީ، ބެލިންހަމް އޭނާގެ ނަން މިފަހަރުގެ ޔޫރޯއަށް އިއުލާނުކޮށްލިއެވެ.
އޭގެފަހުން އިންގްލެންޑަށް ފުރަތަމަ ހާފުގައި އެންމެ އެކަށީގެންވާ ހަމަލާތަކެއް އުފެއްދިފައިނުވާ އިރު، ސާބިއާ ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަމުންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ސާބިއާއިން މެޗަށް ވަދެ، އިންގްލެންޑް ހާސްވެސް ކޮށްލިއެވެ. މެޗުގެ 52 ވަނަ މިނެޓުގައި އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޫސާން ވްލަހޮވިޗް ހުރަސްކޮށްލި ބޯޅަ، ގޯލު ކުރިމަތީގައި ހުރި ފިލިޕް މިލަޑެނިވިޗްގެ ފައިގައި ލައްވާލާ ގޮތް ވެފައި ނުވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އެލެކްސެންޑްރާ މިޓްރޮވިޗަށް ލިބުނު ފުރުސަތުގައި އޭނާއަށްވެސް ބޭނުމެއް ނުހިފުނެވެ.
ފޯވަޑް ލައިނަށް ބަދަލުތަކެއް ގެނެސްގެންވެސް ސާބިއާއިން ގޯލަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، އަނެއްކޮޅުން ހެރީ ކޭންގެ ހަމަލާއެއް ފާހަގަވިއެވެ. ބަދަލަކަށް ނުކުތް ޖެރަޑް ބޮވެން ހުރަސްކޮށްލި ބޯޅަ، ކޭން ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަ މަތަކުރީ ސާބިއާ ގޯލްކީޕަރު ރައިކޮވިޗެވެ.
އޭގެފަހުން އަނެއްކާވެސް އިންގްލެންޑް ކޮޅަށް ފުލުފުލުގައި ސާބިއާއިން އެޓޭކް ކުރިއެވެ. މެޗުގެ 82 ވަނަ މިނެޓުގައި ވްލަހޮވިޗް ފޮނުވާލި ބާރު ހަމަލާ ޖޯޑަން ޕިކްފޯޑު ޕަންޗްކޮށްލި އިރު، ކޯނަރުގައި ލިބުނު ފުރުސަތުގައި އޭރިއާ ބޭރުން ވެއިކޯ ބިރްމަންސެވިޗް ފޮނުވާލި ހަމަލާ، ގޯލު ކުރިމަތީ ހުރި އިންގްލެންޑް ކެޕްޓަން ކޭން ވަނީ ދިފާއުކޮށްފައެވެ.
އެ ހާސްކަމުގައި އިންގްލެންޑް އުޅުނު ނަމަވެސް، އެޓީމުން ވަނީ ފުރަތަމަ މެޗު މޮޅަކާއެކު ނިންމާލައިފައެވެ. އުނދަގޫ މޮޅެއް ނަމަވެސް، ތިން ޕޮއިންޓަށް އިންގްލެންޑަށް ޕްރެޝަރު ކުޑަވާނެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024