ޔޫއެފާ ޔޫރޯ 2024 ގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ސްލޮވޭނިއާއާ އެއްވަރު ވެއްޖެއެވެ.
މިރޭގެ މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، އެއީ 24 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރޯގައި ކުޅެމުންދާ ސްލޮވޭނިއާއަށް ބޮޑު ކާމިޔާބީއެކެވެ. އެއީ ޑެންމާކަކީ މިދިޔަ ޔޫރޯގެ ސެމީގައި ކުޅެ، އޭގެ ކުރިން ޔޫރޯ ކާމިޔާބުވެސް ކޮށްފައިވާ ޓީމަކަށްވާތީއެވެ.
މިރޭގެ މެޗު ފެށިގެން ފުރަތަމަ ކޮޅު އެންމެ ބޮޑަށް ހާއްސަވީ ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންއަށެވެ. ޑެންމާކުން ޔޫރޯ 2020ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފިންލޭންޑާ ދެކޮޅަށް ކުޅެނިކޮށް، ޓީމުގެ ތަރި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އެއީ މީގެ 1000 ދުވަސް ކުރީގެ ހާދިސާއެކެވެ.
އެ ހާދިސާއަށްފަހު ހިތަށް އައިސީޑީއެއް ލައްވައި، 32 އަހަރުގެ އެރިކްސަން އެނބުރި ފުޓުބޯޅައަށް އައުމަށް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެރިކްސަންގެ އެ މަސައްކަތުގައި އެނބުރި ދަނޑު މައްޗަށް ފުރަތަމަ ނުކުތީ ޕްރިމިއާ ލީގުގެ ބްރެންޓްފޯޑުންނެވެ. އުންމީދު އާ ވެގެންދިޔަ އެ އެނބުރި އައުމަށްފަހު މިރޭ ޔޫރޯއަށް އެނބުރި އައިސް، އެރިކްސަން ވަނީ ޑެންމާކަށް ގޯލު ޖަހައިދީފައެވެ.
މިރޭ ސްޓުޓްގާޓް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނުނީ ޑެންމާކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޑެންމާކު ލީޑު ނެގިއެވެ. ޖޮނަސް ވިންޑް ދިން ރީތި ބޯޅައަކުން ޑެންމާކަށް ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި އެރިކްސަނެވެ. އެ ގޯލު ހާއްސަވާ އެތައް ސަބަބެއް އޮތް އިރު، އެ ގޯލަށްފަހު ދެން ފެނުނީ ހަމަލާތައް މަދު ނަމަވެސް، ވާދަވެރި މެޗެކެވެ.
ފުރަތަމަ ހާފުގައި ސްލޮވޭނިއާގެ ބެންޖެމިން ސެސްކޯ ހަމަލާއަކަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، އޭނާއަށްވެސް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފުގެވެސް ކުރީކޮޅުގައި ނުރައްކާ ކުރީ ޑެންމާކެވެ. ވިކްޓާ ކްރިޓަންސެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަސްމުސް ހޮއިލުންޑް ފޮނުވާލި ހަމަލާ، ސްލޮވޭނިއާ ކީޕަރު ޔާން އޮބްލަކް މަތަކުރި އިރު، އޭގެފަހުން ސްލޮވޭނިއާއިން މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. ފަހު 15 ވަރަކަށް މިނެޓް ޑޮމިނޭޓް ކުރީ އެޓީމުންނެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ސެސްކޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ހިސާބުން ސްލޮވޭނިއާއަށް ދިރުން ލިބި، މެޗު ހުޅުވިގެން ދިޔައެވެ. އިރުކޮޅެއް ނުވެ، ސްލޮވޭނިއާއިން މެޗު އެއްވަރުވެސް ކުރިއެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ސްލޮވޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެރިކް ޔަންޒާއެވެ. އޭނާގެ ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑެންމާކުގެ މޯޓެން ހިޖޫލްމަންޑްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.
އެފަހުންވެސް ސްލޮވޭނިއާއިން ގޯލަކާ ގާތަށް ޖެހިލިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސްޕޮރާރް ފޮނުވާލި ބާރު ހަމަލާ، ޑެންމާކްގެ ކީޕަރު ޝްމައިކަލް މަތަކުރި އިރު، މެޗުގެ ފަހު މިނެޓު ކޮޅުގައި ސްލޮވޭނިއާ ވަނީ ރަނގަޅަށް ޑިފެންސްކޮށް ޕޮއިންޓެއް ހޯދައިފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024