ދުނިޔޭގެ ބައެއް މަގުބޫލު ސެލެބްރިޓީން ބޭނުންކުރާ ސަމާޓް އަނގޮޓިއެއް ކަމަށްވާ އޯރާ ރިންގް، އިންގްލެންޑްގެ ކުޅުންތެރިން ބޭނުންކުރަން ފަށައިފިއެވެ.

ޔޫރޯ 2024 ގައި އިންގްލެންޑުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސާބިއާއާ ދެކޮޅަށް ނުކުންނާނެއެވެ. 1966 ވަނަ އަހަރަށްފަހު ތައްޓަކަށް މަސައްކަތް ކުރަމުން އަންނަ އިންގްލެންޑުން މިހާރު ގިނަ މުބާރާތްތަކަށް ދަނީވެސް ފެވަރިޓުންގެ ގޮތުގައެވެ. އެއީ ސްކޮޑުގެ ވަރުގަދަ ކަމުންނެވެ. މިދިޔަ ޔޫރޯ 2020ގެ ފައިނަލުން އިންގްލެންޑް ބަލިވި އިރު، އޭގެފަހުން ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލުންނެވެ. އިންގްލެންޑުން ތައްޓަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިހާރު ކުރަމުންދާއިރު، ޔޫރޯގެ ތައްޔާރީތަކުގައި ޓެކްނޮލޮޖީގެ ބޭނުންވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ހިފަން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންގްލެންޑުން ސާބިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރީ ޓްރެއިނިންގެ އިތުރުން ޕްރެސްގައިވެސް ފާހަގަވި އެއް ކަމަކީ ގެރެތް ސައުތުގޭޓާއި ކުޅުންތެރިން އޯރާ ޓްރެކިން ރިންގް އަޅައިގެން ތިބި ކަމެވެ. ކޯޗުގެ އިތުރުން، މިޑްފީލްޑަރު ކޯނޯ ގަލެގާއާއި ޑިފެންޑަރު ޖޯން ސްޓޯންސްވެސް އޯރާ ރިންގް އަޅާ ކަމަށް މީޑިއާތަކަށް ފާހަގަވިއެވެ. އެ އަނގޮޓިއާ ގުޅިގެން ސްޓޯންސް ބައެއް މީޑިއާތަކަށް ބުނެފައި ވަނީ "އެއީ އުފާވެރިކަން ފަސޭހައިން ލިބޭ، ދެވިހިފާ ކަމެއް،" ކަމަށެވެ.

ޓައިޓޭނިއަމް ހެލްތް ރިންގެއް ކަމަށްވާ އޯރާ ރިންގަކީ އެ އަނގޮޓިން ޑޭޓާ ހޯދައި، ޑޭޓާ ފޮނުވައިދޭ އަނގޮޓިއެކެވެ. ހަށިގަނޑުގެ ލޭގެ ޕްރެޝަރު، ވިންދުގެ އިތުރުން ނިދާ މިންވަރާއި ސްޓްރެސް ލެވެލް އަދި ހިނގާބިގާވެ އުޅޭ އުޅުންވެސް އޯރާ ރިންގުން ދެނެގަނެ، ޑޭޓާ ހޯދައެވެ.

"ދުނިޔޭގެ އެންމެ މަގުބޫލު އެތުލީޓުން އަހަރެމެންގެ ޕްރޮޑަކްޓް، އޯރާ ރިންގް ބޭނުންކުރުމަކީ ފަހުރުވެރިވާ ކަމެއް،" އޯރާ ރިންގް އުފައްދާ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ޑޮރޮތީ ކިލްރޯއީ ބުންޏެވެ.

އެތުލީޓުންގެ ޑޭޓާ ހޯދުމަށް އޯރާ ރިންގް ބޭނުންކުރުމަކީ ފިޒިކަލް އެނަލައިޒިން ޓީމަށް ފަސޭހަތަކެއްވާނެ ކަމެކެވެ. އެގޮތުން އިނގިރޭސި އޮލިމްޕިކްސް ޓީމާއި ޕެރަ އޮލިމްޕިކްސް ޓީމުގައި މަސައްކަތްކުރާ ޑޭވް ތޯމަސް ބުނީ، އޯރާ ރިންގުގެ ޑޭޓާއަކީ އެތުލީޓުންގެ ކަންކަން ބައްޓަން ކުރުމުގައި މުހިންމު ވަސީލަތެއް ކަމަށެވެ.

އޯރާ ރިންގް، މިހާރު ދުނިޔޭގެ އެހެން ބައެއް އެތުލީޓުންވެސް ބޭނުންކުރަމުންދާއިރު، އެ އަނގޮޓިއަކީ ނަފުސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށްވެސް އެހީވެދޭ ވަސީލަތެކެވެ. އޯރާ ރިންގް، 300 ޕައުންޑާއި 500 ޕައުންޑާ ދެމެދުގެ އަގަކަށް ލިބޭ އިރު، އެ އަނގޮޓި އާންމުކޮށް ބޭނުންކުރާ އޭ ލިސްޓް ސެލެބްރިޓީންގެ ތެރޭގައި ކިމް ކާޑޭޝިއަންއާއި ޕްރިންސް ހެރީ އަދި ގްވައިނެތު ޕަލްޓްރޯ ހިމެނެއެވެ.

ސުވާލަކީ މިހާރުވެސް ފެވަރިޓް އިންގްލެންޑަށް، އޯރާ ރިންގްގެ އެހީގައި އިތުރު ކުރިއެރުމެއް ހޯދިދާނެތޯ ކުރެވޭ ސުވާލެވެ.