ޔޫއެފާ ޔޫރޯ 2024ގެ ހަވަނަ މެޗުގައި ސްލޮވޭނިއާއާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޑެންމާކުން އެންމެފަހުން 2020 ވަނަ އަހަރު ބޭއްވި ޔޫރޯގެ ސެމީ ފައިނަލްގައި ކުޅެފައިވޭ. އެއީ ފަހަކަށް އައިސް އެޓީމުން ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. އޭގެ ކުރިން ޑެންމާކު ވަނީ ޗެމްޕިއަންކަންވެސް ހޯދާފައި. ޔޫރޯ 1992 ގައި ވަރުގަދަ ޓީމުތައް ކަޓުވާލި ޑެންމާކުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގިނަ ބަޔަކު ހައިރާން ކޮށްލާފައި.

ސްލޮވޭނިއާއިން މީގެ ކުރިން ވާދަކުރި ޔޫރޯގެ ހަމައެކަނި މުބާރާތަކީ 2000 ވަނަ އަހަރު ބެލްޖިއަމާއި ނެދަލެންޑްސްގައި ބޭއްވި ޔޫރޯ. ގްރޫޕު ސްޓޭޖުގައި އެފަހަރު ސްޕެއިން އަތުން ސްލޮވޭނިއާ ބަލިވި އިރު، ޔޫގޮސްލާވިއާ އަދި ނޯވޭ އަތުން ވަނީ އެއްވަރުވެފައި. އެހެންކަމުން މިއީ 24 އަހަރަށްފަހު އެޓީމުން ކުޅޭ ފުރަތަމަ ޔޫރޯ.

  • ރަސްމުސް ހޮއިލުންޑް

އުމުރު: 21 އަހަރު

ކްލަބު: މެންޗެސްޓާ ޔުނައިޓެޑް

ކްރިސްޓިއަން އެރިކްސަން ފަދަ ތަރިންތަކެއް ޑެންމާކުގައި ހިމެނުނު ނަމަވެސް، ޓީމުގައި މިފަހަރު އެންމެ ވިދުންގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޒުވާން ފޯވަޑް ހޮއިލުންޑް. އިޓަލީގެ އެޓަލާންޓާއަށް ކުޅުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާ ހޮއިލުންޑް ގުޅުނީ މިދިޔަ ސީޒަނުގައި. ޑެންމާކްގެ ގައުމީ ޓީމަށް ހޮއިލުންޑް ފުރަތަމަ މެޗެއް ކުޅުނީ 2022 ވަނަ އަހަރު. އޭނާ ވަނީ ޑެންމާކުގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކެއް ހަދައިފައި. ގައުމީ ސީނިއާ ޓީމަށް ހޮއިލުންޑްގެ ފުރަތަމަ ގޯލުތަކެއް ފެނުނީ ވެސް ފިންލެންޑާ ދެކޮޅަށް ޔޫރޯ ކޮލިފައިންގައި ކުޅުނު އެ މެޗުގައި.

  • ޔާން އޮބްލަކް

އުމުރު: 31 އަހަރު

ކްލަބު: އެތުލެޓިކޯ މެޑްރިޑް

ޔާން އޮބްލަކަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ގުނާލެވޭ ކީޕަރެއް. ބެންފީކާގެ ވެސް ގޯލު ބެލެހެއްޓި އޮބްލަކް 2014 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ، އެ ކްލަބާއެކު ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2021 ވަނަ އަހަރުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރުން. އޭގެ ކުރިން އެތުލެޓިކޯއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ވެސް އޭނާ ކުޅުނު. ސްލޮވީނިއާގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އޮބްލަކް، ސީނިއާ ޓީމުން ފުރަތަމަ ފެނުނީ 2012 ވަނަ އަހަރު. ސްލޮވޭނިއާއަށް 60 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އޮބްލަކްއަކީ މިހާރު ޓީމުގެ ކެޕްޓަން.