ޔޫއެފާ ޔޫރޯ 2024ގެ ފަސްވަނަ މެޗުގައި ޕޮލެންޑާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ވަރުގަދަ ނެދަލޭންޑްސްއިން މިފަހަރު ޔޫރޯއަށް ނުކުންނަނީ ތާރީހުގައި ދެވަނަ ޔޫރޯ ތަށްޓެއްގެ މަސައްކަތުގައި. މިރޭގެ މެޗަކީ ނެދަލޭންޑްސްއާއި ޕޮލެންޑުންވެސް މިފަހަރު ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. މެޗުގެ ކުރިން ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް މެޗު އޮންނަ ހޭމްބާގް ސްޓޭޑިއަމްގައި ތަމްރީނުކުރަން ފުރުސަތު ޔޫއެފާއިން ދީފައެއް ނުވޭ. އެއީ ދަނޑުގެ ވިނަގަނޑު ބަދަލުކޮށްފައި އޮތުމުން.

މިއަދު މެޗުގައި އަނިޔާގެ ސަބަބުން ލެވަންޑޯސްކީއަށް ނުކުޅެވޭނެ. ލަވަންޑޯސްކީއަކީ ޕޮލެންޑްގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ. ދުނިޔޭގެ ފުޓުބޯޅައިގެވެސް ލެޖެންޑެއް. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދާފައިވަނީވެސް ލެވަންޑޯސްކީ. އެހެންކަމުން އަދިވެސް ލެވަޑޯސްކީއަކީ ޕޮލެންޑްގެ އެންމެ މުހިއްމު ކުޅުންތެރިޔާ. ގައުމީ ޖާޒީގައި ރެކޯޑު އަދަދަކަށް މެޗު ކުޅެ، ރެކޯޑު އަދަދަކަށް ގޯލު ޖަހާފައިވާ ލެވަންޑޯސްކީއަށް ކުރިއަށް އޮތް ޔޫރޯއަކީ ކެރިއަރުގައި ގައުމީ ޓީމާއެކު ކުޅޭނެ ފަހު މުބާރާތަށްވެސް ވުން ގާތް.

"އަހަރެންގެ ނަޒަރުގައި މި ފަހަރުގެ ޔޫރޯއަށް އެހާ ބޮޑު، ހާއްސަ ފެވަރިޓެއް ނެތް. ވެދާނެ ފްރާންސަކީ ފެވަރިޓުން ކަމަށްވެސް. އެއީ ދެން ބޮޑެތި މުބާރާތްތައް ކާމިޔާބުކުރުމުގެ ތަޖުރިބާއަށް ބަލާފައި. އެހެން ނަމަވެސް މި އޮތީ ވަރަށް އޯޕަން ފުރުސަތެއް. ތަފާތު ގޮތްތަކަށް ކުޅޭ ގައުމުތައް. އެ ފުރުސަތުގެ ތެރެއިން ނެދަލޭންޑްސް އަކީ ތަށްޓަށް ވާދަކުރާނެ ޓީމެއް"