ސާބިއާ އިން މި ވަގުތު އޮތީ އިންގްލެންޑާ ކުރިމަތިލާން އެންމެ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ސާބިއާގެ ކޯޗު ޑްރަގަން ސްޓޮކޮވިޗް ބުނެފިއެވެ.

ސާބިއާގެ ނަމުގައި އެ ގައުމުން ފުޓުބޯޅައަށް ނުކުތީ 2010 ވަނަ އަހަރެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު ސާބިއާ އޮތީ ސޯޝަލިސްޓް ފެޑެރަލް ރިބަޕްލިކް އޮތް ޔޫގޯސްލާވިއާގެ ގޮތުގައެވެ. އޭގެފަހުން ސާބިއާ އެންޑް މޮންޓަނީގްރޯގެ ނަމުގައި އެ ގައުމު އޮތްއިރު، މިހާތަނަށް ސާބިއާގެ ނަމުގައި ޔޫރޯއެއް ކުޅެފައެއް ނުވެއެވެ. މިއީ އެ ނަމުގައި އެކަނި ސާބިއާ އިން ނުކުންނަ ފުރަތަމަ ފަހަރެވެ.

މިފަހަރު ޔޫރޯގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި ސާބިއާ އިން މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނަ އިރު، ސްޓޮކޮވިޗް ބުނީ ފެވަރިޓުންނަކީ އެންމެންގެ ނަޒަރުގައިވެސް އިންގްލެންޑް ކަމަށެވެ. ނަމަވެސް އިންގްލެންޑާ ކުރިމަތިލާން ހުރިހާ ގޮތަކުންވެސް ތައްޔާރު ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ މުބާރާތް ފަށަން މި ޖެހުނީވެސް ފެވަރިޓަކާ ދެކޮޅަށް ކަމަށް. އެއީ އިންގްލެންޑް. އެހެންވިޔަސް، އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވެއްޖައިން. އެއީ ޓެކްޓިކަލީ އަދި ފިޒިކަލީވެސް. އަހަރެމެންނަށް މިހާރު ރަނގަޅީ ވީހާވެސް އަވަހަކަށް މެޗު ފެށިއްޔާ. އަހަންނަށް އެނގޭ އިންގްލެންޑްގެ ޗެލެންޖާ ކުރިމަތިލާން އަހަރެންގެ ޓީމު ތައްޔާރުކަން،" ސްޓޮކޮވިޗް ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.

ސްޓޮކޮވިޗްގެ ނަޒަރުގައި ސާބިއާގެ ނަމުގައި ޔޫރޯގައި ކުޅެން ނުކުތުމަކީ ގައުމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އެގޮތުން ސާބިއާގެ ނަމުގައި ޓީމު ނުކުތުމުން، ގައުމަށްޓަކައި ގުރުބާންވާން ތައްޔާރު ކަމަށާއި "މެކްސިމަމް" އަށްވުރެވެސް އިތުރަށް މަސައްކަތް ކުރާނެ ކަމަށްވެސް ސްޓޮކޮވިޗް ބުންޏެވެ.

އިންގްލެންޑާއި ސާބިއާ މިރޭ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.