ޑެންމާކުން ޔޫރޯ 2020ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފިންލޭންޑާ ދެކޮޅަށް ކުޅެނިކޮށް، ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އިމަޖެންސީގައި މެޗު މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައިދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކުރިއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.
އެ ހާދިސާއަށްފަހު ހިތަށް އައިސީޑީއެއް ލައްވައި، 32 އަހަރުގެ އެރިކްސަން އެނބުރި އޭރުގެ ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަންއަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެ ހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލިއެވެ. އޭނާ ވަނީ ފިޓްނެސް ހިފެހެއްޓުމަށް ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.
އެރިކްސަން އަލުން ދަނޑުމައްޗަށް ނުކުތީ ޕްރިމިއާ ލީގުގެ މެޗެއްގައެވެ. 2022 ވަނަ އަހަރު ޖެނުއަރީ މަހުގެ ޓްރާންސްފާގައި އެރިކްސަން ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ބަދަލުވެ ކުޅެން ފަށާފައިވާ އިރު، އެ ފަހުން އެރިކްސަން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ.
އެރިކްސަން ގައުމީ ޓީމަށް އަނެއްކާވެސް އެނބުރި އައިސް، މިރޭ ޔޫރޯއަށްވެސް އަލުން ނުކުންނާނެއެވެ. ޔަގީނުންވެސް ޖަޒުބާތީ ވަގުތު ކޮޅަކަށް އެ ވަގުތު ކޮޅުވާނެއެވެ. އެހެން ނަމަވެސް އެ ޖަޒުބާތުގައި ޖެހެން އެރިކްސަން މިހާރު ބޭނުމެއް ނުވެއެވެ.
"އަހަންނަށް މީގެ ތިން އަހަރު ކުރިން ދިމާވި ހާދިސާއާ ކުރިމަލީންސުރެ އަހަރެން އަބަދުވެސް އުންމީދުކޮށް، މަސައްކަތް ކުރީ މިހާރު މި ހުރި ލެވެލްއަށް އަނެއްކާވެސް އަނބުރާ އަންނަން. މިދިޔަ ތިން އަހަރުގައި ބައިވަރު ކަންތައްތަކެއް ހިނގައިފި. ބައިވަރު މަސައްކަތްވެސް ކުރެވިއްޖެ. އަހަރެން މިހާރު ބޭނުމެއް ނޫން، އެ ހާދިސާއަށް މާބޮޑަށް ވިސްނާކަށް. މިހާރު ފޯކަސް ހުރީ ކުޅެން އެކަނި،" އެރިކްސަން ބުންޏެވެ.
އެރިކްސަންގެ ހިތްދަތިކަމުގައިވެސް އެ ފަހަރު ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކު ވަނީ ކުޅެފައެވެ. އެއީ ތާރީހީ ބޮޑު ކާމިޔާބީއެކެވެ. ޑެންމާކުން މި ފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9:00 ގައި ނުކުންނާނީ ސްލޮވޭނިއާއާ ދެކޮޅަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024