މުބާރާތުގެ ކުރިން އަނިޔާގެ ބައެއް މައްސަލަތަކާ ކުރިމަތިވި ނަމަވެސް ނެދަލޭންޑްސް އަކީ ތައްޓަށް ވާދަކުރާނެ ޓީމެއް ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކޯޗު، ރޮނާލްޑް ކޫމަން ބުނެފިއެވެ.
ނެދަލޭންޑްސް އަށް މިހާތަނަށް ހޯދިފައިވަނީ އެންމެ ޔޫރޯ ތައްޓެކެވެ. އެއީ 1988 ވަނަ އަހަރުގެ ޔޫރޯ ތައްޓެވެ. އޭގެފަހުން އެ ގައުމުގައި ފުޓުބޯޅައިގެ ރަން ޖީލުތައް އުފެދުނު ނަމަވެސް، ތަށި ހޯދުންވީ އުނދަގޫ ކަމަށެވެ. ނެދަލޭންޑްސް އިން މިހާތަނަށް ހޯދި ހަމައެކަނި ޔޫރޯ ތަށި ހޯދުމުގައި މިހާރުގެ ކޯޗު ކޫމަންވެސް ދައުރެއް އަދާކުރިއެވެ. އޭނާއަކީ އޭރުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ.
ކޫމަން ވަނީ މި ފަހަރުގެ ޔޫރޯ ފެށުމުގެ ކުރިން އެ އުފާވެރި ހަނދާންތައްވެސް މީޑިއާއާ ހިއްސާކޮށްފައެވެ. އެ ޝަރަފު ކޯޗެއްގެ ގޮތުގައި ހޯދަން ކޫމަން އުންމީދު ކޮށްގެން ހުރި އިރު، އޭނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލައެވެ. މުބާރާތުގެ ކުރިން ނެދަލޭންޑްސް އިން އިއުލާން ކުރި ޔޫރޯ ސްކޮޑުގައި ހިމެނުނު ބާސެލޯނާގެ މިޑްފީލްޑަރު، ފްރޭންކީ ޑި ޔޯންގާއި އެޓަލާންޓާގެ މިޑްފީލްޑަރު ޓެއުން ކޫޕްމެއިނާސް ވަނީ އަނިޔާގެ ސަބަބުން ސްކޮޑުން ބާކީ ކޮށްފައެވެ.
ބަދަލުގައި ނެގީ ޗެލްސީގެ ލޯނެއްގައި ޑޯޓްމުންޑަށް ކުޅެމުންދާ އިއާން މާޓްސަން އާއި އިޓަލީގެ ބޮލޯނިއާއަށް ކުޅެމުންދާ ޖޯޝުއާ ޒިރްކްޒީއެވެ. އޭގެ އިތުރުން ސްކޮޑުގައި މި ވަގުތު ހިމެނޭ އަޔެކްސްގެ ފޯވަޑް ބްރައިން ބްރޮބޭވެސް އަދި ފިޓެއް ނޫނެވެ.
ނަމަވެސް ކޫމަން ބުނީ އެކަން މިހާރު ހަނދާނުން ނައްތާލައި، މުބާރާތަށް ފޯކަސް ހިފާފައި ހުރި ކަމަށާއި ހާއްސަކޮށް ނެދަލޭންޑްސް އަކީ ތައްޓަށް ވާދަކުރާނެ ޓީމެއް ކަމަށެވެ.
"އަހަރެންގެ ނަޒަރުގައި މި ފަހަރުގެ ޔޫރޯއަށް އެހާ ބޮޑު، ހާއްސަ ފެވަރިޓެއް ނެތް. ވެދާނެ ފްރާންސަކީ ފެވަރިޓުން ކަމަށްވެސް. އެއީ ދެން ބޮޑެތި މުބާރާތްތައް ކާމިޔާބުކުރުމުގެ ތަޖުރިބާއަށް ބަލާފައި. އެހެން ނަމަވެސް މި އޮތީ ވަރަށް އޯޕަން ފުރުސަތެއް. ތަފާތު ގޮތްތަކަށް ކުޅޭ ގައުމުތައް. އެ ފުރުސަތުގެ ތެރެއިން ނެދަލޭންޑްސް އަކީ ތައްޓަށް ވާދަކުރާނެ ޓީމެއް،" ކޯޗު ކޫމަން ބުންޏެވެ.
އިއްޔެގެ ޕްރެސްގައި ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކްވެސް ވަނީ ކޫމަންގެ އެ ވާހަކައަށް އެއްބަސްވާ ބީދައިން ވާހަކަ ދައްކައިފައެވެ. ވެން ޑައިކް ބުނީ ވަރުގަދަ ބައިވަރު ޓީމުތައް އެބަ އޮތް ކަމަށާއި އޭގެ ތެރޭގައި ނެދަލޭންޑްސް ވެސް ހިމެނޭ ކަމަށެވެ.
ނެދަލޭންޑްސްއާއި ޕޮލެންޑުން ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 6:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024