އިންގްލެންޑުގެ ތާރީހުގައިވެސް ހޯދުނު ހަމައެކަނި ކާމިޔާބީއަކީ ވޯލްޑް ކަޕްގެ ތަށި 1966 ވަނަ އަހަރު ހޯދުމެވެ. އަށް ފަހަރަކު އިންގްލެންޑުން ކުއާޓާ ފައިނަލުގައި ވާދަކުރި ނަމަވެސް އެ ޓީމަކީ ސެމީ ފައިނަލާ ބީރައްޓެހި ޓީމެކެވެ. 1966 އަހަރުގެ ތައްޓަށްފަހު ސެމީގައި އިންގްލެންޑަށް ކުޅެވުނީ އެންމެ ދެ ފަހަރެވެ.

އެ ޓީމަށް އަދި މިހާތަނަށް ޔޫރޯވެސް ހޯދިފައެއް ނުވެއެވެ. ޔޫރޯގައި އިންގްލެންޑަށް ތައްޓާ އެންމެ ގާތަށްވެސް ދެވުނީ އެންމެ ފަހުން ބޭއްވި ޔޫރޯ 2020 ގައެވެ. އެއީ ފައިނަލަށެވެ. އެ ފައިނަލުގައި އިންގްލެންޑް ބަލިވީ އިޓަލީ އަތުންނެވެ. އޭގެ ކުރިން އެންމެ ގާތަށް ޖެހިލީ ތިންވަނައާ ހަމައަށެވެ. އެއީ 1968 ވަނަ އަހަރާއި 1996 ވަނަ އަހަރެވެ. 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑުގައި ބާއްވައި، އެ ޔޫރޯއަކީ އިންގްލެންޑަށް އުންމީދު ބޮޑުކޮށް އޮތް މުބާރާތެއް ނަމަވެސް އެ މުބާރާތުގައިވެސް ސެމީން އިންގްލެންޑް ކެޓީ ހިތްދަތި ގޮތަކަށެވެ. އެންމެ ބޮޑަށް ގުޅިފައިވަނީ މިހާރު އިނގިރޭސި ކޯޗުކަމުގައި ހުރި ގެރެތު ސައުތުގޭޓާއެވެ.

ސައުތުގޭޓަށް މިހާރުވެސް ފާޑުކިޔުންތައް ކުޑައެއް ނޫނެވެ. މީޑިއާ އިން ދޭ ޕްރެޝަރުވެސް ކުޑައެއް ނޫނެވެ. އެންމެފަހުން ނުކުތް ވޯލްޑް ކަޕާއި ޔޫރޯއަށްވެސް "އިޓްސް ކަމިން ހޯމް"ގެ ޓެގުގައި ދިނީ ބޮޑު ޕްރެޝަރެކެވެ. މި ފަހަރުވެސް އެކަމަށް ބަދަލެއް ނާދެއެވެ. އިންގްލެންޑަކީ ބޮޑެތި ހުރިހާ މީޑިއާތަކެއްގެ "ފެވަރިޓް"އެވެ. ކޮންމެއަކަސް ސައުތުގޭޓްގެ ފުރަތަމަ އިމްތިހާނު މިރޭ އޮންނާނެއެވެ. މާކުރިން ދެއްކި ވާހަކައެއްގެ ހަނދާން އާކޮށްލުން މުހިންމެވެ.

"އަހަރެމެންނަށް މި ފަހަރު ތަށި ނުހޯދިއްޖެނަމަ، އަހަރެން މަގާމުގައި ނުހުންނާނެ ކަމަށް ބަލާ. މިއީ އެންމެ ފަހު ފުރުސަތަށް ވުން ގާތް. އަހަރެމެންނަކީ ބޮޑު ޓީމަކަށް އަދި އަހަންނަކީ ވަރުގަދަ ކޯޗަކަށް ވާން ބޭނުންވާ ނަމަ، ބޮޑެތި މުބާރާތްތަކުން ކާމިޔާބު ހޯދަން ޖެހޭ،" ސައުތުގޭޓް ޔޫރޯ ފެށުމުގެ ކުރިން ބުންޏެވެ.

އެހެންކަމުން މިއީ އޭނާގެ ނަޒަރުގައި ފަހު ފުރުސަތެވެ. "އިޓް ޝުޑް ގޯ ހޯމް"އެވެ. ނޫން ނަމަ، ސައުތުގޭޓް ތައްޓެއް ނުނަގައި، ޓީމުން ވަކިވާނެ ކަމަށް ބެލެވެއެވެ. އެއީ ބައެއް މީހުންނަށް ރަނގަޅު ނިންމުމެކެވެ. އިންތިޒާރުވެސް ކުރަން ޖެހޭނީ ވަކި މިންވަރަކަށްތާއެވެ.

"ސާބިއާ އަހަރެމެންނަށް ފަސޭހަ ނުވާނެ. އިންޑިވިޖުއަލް ވަރަށް ހުނަރުވެރި ކުޅުންތެރިން ސާބިއާގައި އެބަ ތިބި. އަދި އެ ޓީމުގެ ރޫހުވެސް ވަރަށް ރަނގަޅުވާނެ. އަހަރެމެންނަށް އެނގޭ މި ފަހަރު އޯޕެނިން މެޗު އުނދަގޫވާނެކަން. ބުރަކޮށް މަސައްކަތް ކުރަންޖެހޭ،" މިރޭ ސާބިއާއާ ދެކޮޅަށް ނުކުންނަ މެޗާ ގުޅޭގޮތުން ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓްގެ ސްކޮޑަށް މީޑިއާގެ ސަމާލުކަން އަބަދުވެސް ބޮޑެވެ. އެކަމަށް އޭނާ ބުނީ ސްކޮޑު ނަގަނީ ގިނަ ކަންތައްތަކަކަށް ބަލާފައި ކަމަށާއި މިރޭގެ މެޗަށް ސްކޮޑު އެއްކޮށް ފިޓް ކަމަށެވެ. ނަމަވެސް ލޫކް ޝޯގެ ބޭނުން އަދި ކުރަން އޭނާ ބޭނުންނުވާ ކަމަށް ބުންޏެވެ. ސައުތުގޭޓް މި ފަހަރު ސްކޮޑަށް ޝޯ ނެގީ، އޭނާ ދިގު މުއްދަތަކަށް ނުކުޅެ ހުއްޓައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. ނަމަވެސް ޝޯއަށް އިތުބާރު އެބަ އޮތް ކަމަށް ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން ޔޫރޯއަށް ތައްޔާރުވާން ކުޅުނު ވާމްއަޕް މެޗަކުން އައިލޭންޑް ކައިރީ ވި ބައްޔާއެކު، މިރޭގެ ފެށުމަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެއެވެ. އެއީ ސައުތުގޭޓްގެ ޓީމުގެ ރޫހު އޮތް ގޮތް ބެލުމަށެވެ. އެ އިންތިޒާރަށް ނިމުން ގެންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައި އޮންނަ މެޗުންނެވެ.