ޔޫއެފާ ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިއަހަރު ކުޅުނު ފުރަތަމަ މެޗުގައި އަލްބޭނިއާ ބަލިކޮށްފިއެވެ.
ބްރޫޝިއާ ޑޯޓްމުންޑްގެ ޑޯޓްމުންޑް ސްޓޭޑިއަމްގައި ކުޅުނު މެޗު، ފަހަތުން އަރައި އިޓަލީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަކީ އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުވެ. އެންމެފަހުން ފަހަރު އިޓަލީން ތަށި ހޯދީ ފައިނަލުގައި އިންގްލެންޑް ބަލިކޮށްފައެވެ. އެ ހަނދާންތަކާއެކު މިރޭގެ މެޗަށް ނުކުތީ ތަށި ދިފާއުކުރުމުގެ ވިސްނުމުގައެވެ. އެޓީމަކީ ގިނަ މީހުންގެ ފެވަރިޓެއް ނޫން ނަމަވެސް، އެކަން ޓީމުގެ ކުޅުންތެރިން ގަބޫލެއް ނުކުރެއެވެ.
އަނެއްކޮޅުން ނުކުންނަ އަލްބޭނިއާއަކީ ޔޫރޯއަށް އެހާ ފަރިތަ ޓީމެއް ނޫނެވެ. ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަލްބޭނިއާ ޔޫރަޕުގެ އެންމެ މަތީ ފަންތިއަށް ފުރަތަމަ ފެނިލީވެސް 2016 ވަނަ އަހަރުއެވެ. ޔޫރޯ 2016 އަށް ކޮލިފައިވެ، އަލްބޭނިއާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ތިންވަނައިގައެވެ. މިއީ އޭގެފަހުން ކުޅޭ ފުރަތަމަ ޔޫރޯއެވެ.
ބްރެޒިލްގެ ކޯޗު ސިލްވީމިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އަލްބޭނިއާއިން ފެށީ ތާރީހީ ފެށުމެކެވެ. މެޗުގެ 23 ވަނަ ސިކުންތުގައި އެޓީމުން ވަނީ ޗެމްޕިއަނުން ކޮޅަށް ގޯލު ޖަހައިފައެވެ. އިޓަލީ ޑިފެންޑަރު ފެޑެރީކޯ ޑިމާކޯއަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަލްބޭނިއާއަށް ގޯލު ކާމިޔާބުކޮށްދިނީ ނެދީމް ބައިރާމީއެވެ. އެ ގޯލަކީ ޔޫރޯގެ ތާރީހުގައި ޖެހި އެންމެ އަވަސް ގޯލެވެ.
އެ ގޯލާއެކު އަލްބޭނިއާގެ ފެށުން ކިތަންމެހާވެސް ފުރިހަމައެވެ. އެހެން ނަމަވެސް ބޭނުން ގޮތަކަށް ކުޅެން އިޓަލީން ފުރުސަތެއް ނުދިނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އިޓަލީން މެޗުގެ ކޮންޓްރޯލް ހޯދައި، ގިނަ އެޓޭކްތަކެއް ކުރަން ފެށިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި އިޓަލީން ވަނީ ނަތީޖާ ހަމަހަމަކޮށް ހަމަޖެހިލައިފައެވެ. ލޮރެންޒޯ ޕެލެގްރިނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެސެންޑްރޯ ބަސްޓޯނީއެވެ.
އެ ގޯލަށް މާ ގިނައިރެއް ނުވެ 16 ވަނަ މިނެޓުގައި އިޓަލީން ލީޑު ނަގައި، ސަޕޯޓަރުން ހެއްވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް، ބޫޓުގެ ބޭރުފަޅިން ހިތްގައިމުކޮށް ގޯލުގެ ކަނަށް އަމާޒުކޮށްލައި އެ ގޯލު ޖަހައިދިނީ ނިކޮލާ ބަރޭލާއެވެ.
އެ ނަތީޖާ އިތުރަށް ފުޅާކުރަންވެސް އިޓަލީއަށް އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ލިބުނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޖިއަންލޫކާ ސްކަމާކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ހުސްކޮށް ހުރެ އަލްބޭނިއާ ކީޕަރު ތޯމަސް ސްޓްރަކޯޝާގެ ބޯމަތިން ޑޭވިޑް ފްރަޓޭސީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެފަހުން ހާފު ނިމެންދަނިކޮށް، ސްކަމާކާއަށް ލިބުނު ހުސް ފުރުސަތުގައި ހަނި އެންގަލުން އޭނާ ފޮނުވާލި ބޯޅަ ފައިން މަތަކުރީވެސް އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާއެވެ.
ދެވަނަ ހާފުގެވެސް ޓެމްޕޯ ކޮންޓްރޯލް ކުރަމުންދިޔައީ އިޓަލީންނެވެ. އަލްބޭނިއާގެ ސަޕޯޓަރުންގެ އަޑު ގަދަކޮށް ފެނުނު ނަމަވެސް އިޓަލީން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. ފެޑަރީކޯ ކިއޭސާ ފޮނުވާލި ހަމަލާ ދަނޑިކައިރިން ބޭރަށް ގޮސްފައިވާ އިރު، ރަޓޭސީ ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ މަތަކޮށްފައެވެ.
މެޗުގެ ފަހުކޮޅުގައި އަލްބޭނިއާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި އިޓަލީއަށް އެޓޭކް ކުރަން ހުރަސް އެޅިއެވެ. އަލްބޭނިއާއިން ސެޓް ޕީސް ފުރުސަތަކަށް، ކައުންޓާ އެޓޭކަކަށް މަޑުކޮށްގެން ކުޅެފައިވާ އިރު، އިޓަލީން ވަނީ ދުރުން ހަމަލާތައް ފޮނުވާލައިގެން ގޯލު ޖެހޭތޯވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ޑިމާކޯ ފޮނުވާލި ބޯޅަ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ ވަނީ މާބޮޑު އުނދަގުލެއް ނެތި ހިފައިފައެވެ.
މެޗުގެ ފަހު މިނެޓު ކޮޅުގައި އަލްބޭނިއާއިން ކުރިއަށް ޕްރެސް ކޮށްލައިގެން އިޓަލީއަށް އުނދަގޫތަކެއް ކުރިމަތި ކުރުވިއެވެ. ރޭ މަނާއީއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ފޮނުވާލި ހަމަލާ ދަނޑިކައިރިން ބޭރުވީ އިޓަލީ ކީޕަރު ޑޮނަރޫމާގެ ގައިގައި ޖެހިފައެވެ. އަލްބޭނިއާއަށް ފުރުސަތު ލިބުނު ނަމަވެސް، އިތުރު ގޯލެއް ނުޖެހި، އިޓަލީއަށް ތިން ޕޮއިންޓް ޔަގީންވެގެން މެޗު ނިމިގެން ދިޔައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024