ޔޫއެފާ ޔޫރޯ 2024ގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ވަރުގަދަ ކްރޮއޭޝިއާ ބަލިކޮށްފިއެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ކްރޮއޭޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ސްޕެއިނަކީ މިފަހަރުގެ މުބާރާތަށް ނުކުތްއިރުވެސް ފެވަރިޓެކެވެ. މީގެ ކުރިން ރެކޯޑު ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ސްޕެއިނުން މިދިޔަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކޮށް، ޔޫރޯއަށް ނުކުތީ ފޯމުގައެވެ. ވާދަވެރި ކްރޮއޭޝިއާގެ ރަން ޖީލުގެ ނިމުމަށް އައިސްފައިވާ މިފަހަރުގެ ޔޫރޯއަށްވެސް ނުކުތީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކަކާއެކުގައެވެ.

ސްޕެއިންގެ ޒުވާން ސްކޮޑުގެ ބުންވަރާއި ފެންވަރު މިރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ފެންނަމުން ދިޔައެވެ. ކްރޮއޭޝިއާގެ ފަހަތުން ބޯޅަ ހިފަހައްޓަން މަސައްކަތް ކުރި ކޮންމެ ފަހަރަކު ސްޕެއިންގެ ފޯވަޑް ލައިނުން ދިޔައީ އެޓީމުގެ ފަހަތަށް ޕްރެސްކޮށް ބާރުބޮޑު ކުރަމުންނެވެ. އަވަސް ޕާސްތަކެއްގައި ސްޕެއިނުން މެޗު ފަށައި، 29 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ.

ކައުންޓާ އެޓޭކެއްގައި ފަބިއަން ރުއިޒް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލްވާރޯ މޮރާޓާއެވެ. މިރޭގެ މެޗުގައި ޖެހި ގޯޅާއެކު މޮރާޓާ ވަނީ ޔޫރޯގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ ތިންވަނައަށް ޖެހިލައިފައެވެ.

މޮރާޓާއާއި އެލެން ޝިއެރާ، އެންޓޮއިން ގްރީޒްމަންވެސް ޔޫރޯގައި ހަތް ގޯލު ޖަހާފައިވާ އިރު، ދެވަނައިގައި އޮތް މިޝޭލް ޕްލެޓިނީ ވަނީ ނުވަ ގޯލު ޖަހައިފައެވެ. އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 14 ގޯލު މިހާތަނަށް ޔޫރޯގައި ޖަހައިފައެވެ.

ތަފާތު ރަނގަޅު ފޯމެއްގައި ޔޫރޯ ފެށި ސްޕެއިނުން މެޗުގެ 32 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ. ކްރޮއޭޝިއާގެ ދެ ޑިފެންޑަރުން ފަރިތަކޮށް ނައްޓައިލުމަށްފަހު، ރުއިޒް ފޮނުވާލި ބޯޅަ ވައްދާލީ ސީދާ ތިރީ ކަނަށެވެ.

އޭގެފަހުން ކްރޮއޭޝިއާގެ ދެ ހަމަލާއެއް ފުލުފުލުގައި ފެނުނެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މާޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖޮސްކޯ ގުވާޑިއޯލް ފޮނުވާލި ހަމަލާއެވެ. އެ ހަމަލާވެސް މަތަކުރީ އުނައި ސިމޮންއެވެ.

ސްޕެއިނުން ވަނީ ހާފު ނިމުމުގެ ކުރިން ތިންވަނަ ގޯލު ޖަހައިފައެވެ. ލަމީން ޔަމާލް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ ކާވަހާލެވެ. ކަވަހާލްގެ އެ ގޯލަކީ އޭނާ ސްޕެއިނަށް ޖެހި ފުރަތަމަ ގޯލެވެ. އެ ގޯލާއެކު ސްޕެއިނުން ހުވަފެނީ ފުރަތަމަ ހާފެއް ނިންމާލާފައިވަނީ އުފަލުގައި ތިބެގެންނެވެ.

ދެވަނަ ހާފަށް ކްރޮއޭޝިއާއިން ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން 55 ވަނަ މިނެޓުގައި ސްޕެއިންގެ އެޓޭކް ހިފަހައްޓައި، ކޮންމެވެސް ވަރަކަށް ކްރޮއޭޝިއާއިން ހަމަލާތަކަށް މަސައްކަތް ކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޖޮސިޕް ސްޓަސިނިޗް ފޮނުވާލި ހަމަލާ، ސްޕެއިން ޑިފެންޑަރު މާކް ކުކުރެޔާ ބްލޮކް ކުރި އިރު، ރީބައުންސް ބޯޅައިން އަންޓޭ ބުޑިމިއާ ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު ސިމޮން ވަނީ މަތަކޮށްފައެވެ.

ކްރޮއޭޝިއާއިން ކުރި އެ މަސައްކަތުގައި 78 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ކްރޮއޭޝިއާއަށް އެ ޕެނަލްޓީ ލިބުނީ ސްޕެއިންގެ ކީޕަރު އުނައި ސިމޮންއަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ޕެޓްކޮވިޗްއަށް ބޯޅަ ލިބުމާއެކު ރޮޑްރީ ފައުލްކުރުމުންނެވެ.

ޕެޓްކޮވިޗް ފޮނުވާލި ޕެނަލްޓީ ކީޕަރު ސިމޮން މަތަކޮށްފައިވާ އިރު، ރީބައުންސް ބޯޅައިން ޕެރިސިޗް ދިން ބޯޅަ، ޕެޓްކޮވިޗް ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. ގޯލެއް ނޫން ކަމަށް ނިންމީ ޕެނަލްޓީ ޖެހި އިރު، ޕެރިސިޗް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރުމުންނެވެ.

ކްރޮއޭޝިއާއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވެ މެޗުގެ ފަހުކޮޅަށް ގޮސްފައިވާ އިރު، ސްޕެއިނުން ވަނީ ވަރުގަދަ ފެށުމަކުން ޔުރޯ ފަށައިފައެވެ.