ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް އޭގައި ސްވިޒަލޭންޑުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ހަންގޭރީ ބަލިކޮށްފިއެވެ.
ކޮލޯންގައި ސްވިޒަލޭންޑުން މިރޭ ހަންގޭރީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
އެންމެފަހުން ބޭއްވި ޔޫރޯ 2020 ގެ ކުއާޓާ ފައިނަލްގައި ކުޅުނު ސްވިޒަލޭންޑް މިފަހަރު ނުކުތީ އެ ކާމިޔާބީ ފަހަނައަޅައި ދިއުމަށެވެ. އަނެއްކޮޅުން ހަންގޭރީވެސް ވަނީ އެންމެފަހުން 2020 ވަނަ އަހަރު ބޭއްވި ޔޫރޯގައި ވާދަކޮށްފައެވެ. އެފަހަރު މަރުގެ ގްރޫޕުގައި ހިމެނުނު ނަމަވެސް، ހަންގޭރީން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވި ނަމަވެސް، ހަންގޭރީން ވަނީ ވަރުގަދަ ފްރާންސާއި ޖަރުމަން ހިފަހައްޓައިފައެވެ. ހަންގޭރީން އެ މުބާރާތް ނިންމާލީ ޖުމުލަ ދެ ޕޮއިންޓާއެކުއެވެ.
ގްރޫޕް އޭގައި ރޭ ޖަރުމަނުން ސްކޮޓްލޭންޑް ބަލިކޮށްފައި އޮތް އިރު، އަނެއް ބުރަށް ދާން ފެށުން ރަނގަޅުކުރަން ދެ ޓީމަށްވެސް އޮތީ މުހިއްމު ވެފައެވެ. ވާދަވެރިވާނެ ކަމަށް ބެލެވުނު މިރޭގެ މެޗު ރަނގަޅަށް ފެށީ ސްވިޒަލޭންޑުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެޓީމު ލީޑުވެސް ނެގިއެވެ.
މިޝެލް އަބިޝާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކުވަޑްކޯ ޑުއާއެވެ. އޭނާއަށް ބޯޅަ ލިބުނު އިރު އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.
އެ ގޯލާއެކު ރަނގަޅު ފެށުމަކުން ފަށައި، ފުރަތަމަ ހާފުގައި އެޓީމުން ވަނީ އިތުރު ހަމަލާތައްވެސް އުފައްދައިފައެވެ. އެގޮތުން 20 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރުބެން ވާގަސް ފޮނުވާލި ހަމަލާ، ހަންގޭރީގެ ކީޕަރު ޕީޓާ ގުލާޝީ ވަނީ މަތަކޮށްފައެވެ.
ސްވިޒަލޭންޑުން މެޗުގައި ޖެހި ދެވަނަ ގޯލު ޖެހީ ހާފު ނިމެން މިނެޓަކަށްވެފައި އޮއްވައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިޝެލް އެބިޝާއެވެ. އޭނާގެ ބޯޅަ އަމާޒުކޮށްލާފައިވަނީ ހަންގޭރީ ގޯލުގެ ތިރީ ކަނަކަށެވެ. އެއީ ގައުމީ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލުވެސް މެއެވެ.
ސްވިޒަލެންޑުން ދެވަނަ ހާފު ވެސް ފެށީ ނުރައްކާކޮށެވެ. ގްރެނިޓް ޖަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑުއާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ހަންގޭރީގެ ކީޕަރު ގުލާޝީއެވެ. އޭގެފަހުން އޭރިއާ ތެރެއިން ވާގަސް ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރު ގުލާޝީއެވެ.
ސްވިޒަލޭންޑުން ފުލުފުލުގައި ހަމަލާތައް އުފައްދަމުން ދިޔަ ނަމަވެސް، މެޗުގެ ތިންވަނަ ގޯލު ޖެހީ ހަންގޭރީންނެވެ. 66 ވަނަ މިނެޓުގައި ބާނަބަސް ވާގާ ޖެހި ގޯލުން ހަންގޭރީއަށް ދިރުން ގެނެސްދިނެވެ. އެ ގޯލާއެކު ސަޕޯޓަރުން އަޑު އިންތިހާއަށް ގަދަވެގެން ގޮސްފައިވާ އިރު، ހަންގޭރީން އުންމީދުގައި ކުޅެން ފެށިއެވެ. އެހެން ނަމަވެސް ސްވިޒަލޭންޑުން އިރުކޮޅެއް ތެރޭގައި ގޭމު ތެރެއަށް ވަދެ، އަނެއްކާވެސް ކޮންޓްރޯލް ހޯދިއެވެ.
ސްވިޒަލޭންޑުން މެޗުގެ ފަހުކޮޅުގައި ހަމަލާތައް އުފައްދާފައިވެސް ވެއެވެ. ރުބެން ވާގަސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްވިޒަލެންޑްގެ ފަބިއަން ޝާ ބޮލުން ފޮނުވާލި ހަމަލާ، ހަންގޭރީގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އިތުރު ވަގުތުގައި ސްވިޒަލޭންޑް ލީޑު ފުޅާކުރިއެވެ. ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބްރީލް އެމްބޯލޯއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024