އަންނަ މަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ރައީސް ކަމަށް ކުރިމަތިލީ މިހާރުވެސް އެ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އެކަނި ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެފިއެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން މި މަހު ދެ ވަނަ ދުވަހު ބޭއްވި ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ޖަލްސާގައި ވަނީ ނިންމައިފައެވެ. ޓީޓީ އެސޯސިއޭޝަނުން ކުރި އިއުލާނުގައިވާ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހަމަވާން އޮތީ މިއަދުގެ މެންދުރުފަހު 2:00 އަށެވެ.

މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވިއިރު، ކޮންމެ މަގާމަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ މީހެކެވެ.

އައްޔަ ރައީސަކަށް ކުރިމަތިލައްވާފައިވާ އިރު، ނައިބު ރައީސްގެ މަގާމަށް ކުރިމަތިލީ މިހާރުވެސް އެ މަގާމުގައި ހުރި އިބްރާހިމް ޝިއުރީއެވެ. ޝިއުރީ ދާދި ފަހުން ވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގައި އެހެން މަގާމުތަކަށް ކުރިމަތިލި މީހުންނަށް ބަލާއިރު، ހަޒާންދާރަކަށް އަހުމަދު ޝާޒިލް، ހިންގާ ކޮމިޓީގައި ފުރިހަމަ މެންބަރުން ތަމުސީލުކުރާ އަންހެން މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ހިންގާ ކޮމިޓީގައި ފުރިހަމަ މެންބަރުން ތަމުސީލުކުރާ ފިރިހެން މެންބަރަކަށް އަމްޕަޔަރު، އައްޒާމް އިބްރާހިމް، ހިންގާ ކޮމިޓީގައި ކްލަބް ޖަމިއްޔާތައް ތަމުސީލުކުރާ މެންބަރު ކަމަށް ޖާދުﷲ ހަސަން އަދި ހިންގާ ކޮމިޓީގައި އެސޯސިއޭޓް މެންބަރުން ތަމުސީލުކުރާ މެމްބަރު ކަމަށް އިސްމާއިލް ސުޖާއުއެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސާފައިވާ އައްޔައަކީ 2006 އިން 2008 އަށް ޓީޓީ އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރި އިރު، 2008 ވަނަ އަހަރުން ފެށިގެން ޓީޓީގެ ނައިބް ރައީސެވެ. އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިއަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. އެކަމަކު އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔައިރު، އައްޔަ ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެފައެވެ.