ޔޫރޯއަކީ ދުނިޔޭ ފުޓުބޯޅައިގެ އެންމެ ޝަރުފުވެރި، އެންމެ ބޮޑު އެއް އިވެންޓެވެ. ޔޫރަޕްގެ ޓީމުތަކުން ތައްޓަށް ކުރަމުންދާ މަސައްކަތާއި އުންމީދުން އެކަން ސާފެވެ. މުޅި ދުނިޔެއަށްވެސް ޔޫރޯގެ ބްރޭންޑް ތައާރަފުވެ، މިހާރު އެއީ ކުޅިވަރުގެ އެންމެ ބޮޑު އެއް ބްރޭންޑެވެ. ފައިސާގެ ނަޒަރުން ވިސްނާލިޔަސް، ޔޫރޯގެ ފައިދާ ބޮޑެވެ. ދިވެހިރާއްޖޭގެ ސްކްރީންތަކުން، ސިޓިން ރޫމުތަކާއި ކެފޭ ހޮޓާތަކަށްވެސް ޔޫރޯ ފޯރާފައިވާ އިރު، މީޑިއާ ރައިޓްސްގެ ފައިސާގެ އިތުރުން ސްޕޮންސާޝިޕް ފައިސާގެ އަދަދުތައްވެސް މިހާރު އިންތިހާއަށް ބޮޑެވެ.
ހަތަރު އަހަރުން އެއް އަހަރު ބާއްވާ ޔޫރޯގެ ފައިދާ އިން، ޔޫއެފާ އިން ދަނީ ފުޓުބޯޅައަށް ހޭދަވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ޔޫއެފާ ހެޓްރިކް ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ހާއްސަ ޕްރޮގްރާމެކެވެ. އޭގެ އިތުރުން ޔޫރަޕުގެ ގައުމީ ޓީމުތަކަށް އެކި ގޮތްގޮތުން ދޭ އެހީތެރިކަމާއި ޔޫރޯ މުބާރާތުގެ އިނާމު ފައިސާވެސް އެއީ ޔޫއެފާ އިން ދޭ ފައިސާގެ ބަދަލަށް ބެލިދާނެއެވެ.
ކުރިންވެސް ފާހަގަކޮށް ގޮތަށް ޔޫރޯއަށް ވަންނަ އެންމެ ބޮޑު އާމްދަނީއަކީ މީޑިއާ ރައިޓްސްއިން ލިބޭ ފައިސާއެވެ. އެތައް މިލިއަން ބަޔަކު، ކޮންމެ މުބާރާތެއްވެސް ބަލަމުންދާ އިރު، މެޗުތަކުގެ ކުރިން ދައްކާ ޝޯގެ ކޮލިޓީގެ ސަބަބުންވެސް ޔޫރޯ ޝައުގުވެރިވެއެވެ. އަދި މެޗުތަކުން ފެންނަ މަގުބޫލު ކުޅުންތެރިންގެ ސަބަބުން ޔޫރޯގެ މަގުބޫލުކަން އިތުރުވެ، ބެލުންތެރިންގެ އަދަދު އިތުރުވެއެވެ.
ހާއްސަކޮށް މިހާރު ފޭން ޒޯންތަކާއި އާދައިގެ ޓީވީތަކުންވެސް ޔޫރޯ ބަލާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އަހަރު ޔޫރޯގެ މީޑިއާ ރައިޓްސް ވިއްކައިގެން 1.135 ބިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދަކުން އާމްދަނީ ވަންނާނެ ކަމަށް ބެލެވެއެވެ. އެއީ ޔޫރޯ 2020 އަށްވުރެ ބޮޑު އަދަދެއްގެ އިތުރު ވުމެކެވެ.
ޔޫރޯގެ ފައިދާގެ އަނެއް ހިއްސާދާރުންނަކީ ސްޕޮންސަރުންނެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ޔޫރޯ ސްޕޮންސަރަށް ޝައުގުވެރިވެ، ސްޕޮންސާ ކޮށްފައިވެއެވެ. މި ފަހަރުގެ ޔޫރޯއިންވެސް އަލިޕޭ ޕްލަސް، ބުކިން.ކޮމް، ކޮކާ-ކޯލާ ފަދަ ކުންފުނިތައް ބޮޑެތި ސްޕޮންސާތަކުގެ ގޮތުގައި ފާހަގަވެއެވެ.
އެއާއެކު ޔޫރޯގެ ޓިކެޓިން ފައިސާއަކީވެސް ބޮޑު އަދަދެކެވެ. 2.5 މިލިއަނެއްހާ ޓިކެޓަށް އެތައް ސަޕޯޓަރުންނެއް މަސައްކަތް ކުރަމުންދާ އިރު، މިހާރު އޮތް ގޮތުންވެސް މެޗުތަކުގައި ފެނިގެންދާނީ ފުލް ސްޓޭޑިއަމްތަކެވެ. ޓިކެޓްތަކުގެ އަގާއި ހޮސްޕިޓާލިޓީ ޕެކޭޖުތަކުން ލިބޭ ފައިސާ އިން އެކަނިވެސް މުބާރާތުގެ ހިންގުމުގެ ހަރަދު ކަވަރުވެއެވެ. އޭގެ އިތުރުން މާޗަންޑައިސް ސްޓޯރުތަކުން ލައިސަންސިން ފީގެ ގޮތުގައި ހޯދާ ފައިސާއަކީވެސް ބޮޑު އަދަދެއްގެ ފައިސާއެކެވެ.
ޔޫއެފާ އިން ޔޫރޯ ފަދަ މުބާރާތްތަކުން ލިބޭ ފައިސާ އިން ހޭދަކުރާ އެންމެ ބޮޑު ކެމްޕޭނަކީ ޔޫއެފާ ހެޓްރިކް ޕްރޮގްރާމެވެ. 2004 ވަނަ އަހަރުން ފެށިގެން ޒުވާން ހުނަރުވެރި ކުދިންގެ ވައިޑީޕީ ޕްރޮގްރާމް ކަމަށްވާ ހެޓްރިކް ޕްރޮގްރާމް ހިންގުމަށް ޔޫއެފާ އިން ދަނީ 55 ވަރަކަށް ޔޫރަޕްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ފައިސާ ދެމުންނެވެ. މިނީ ޕިޗްތަކާއި އެމެޗާ ކޯޗިން ތަމްރީނު ކުރުމުގެ އިތުރުން ސްކޫލްތަކުގެ ގްރާސް ރޫޓް ޕްރޮގްރާމްތަކަށްވެސް ޔޫއެފާ އިން ހަރަދު ކުރެއެވެ. މި އަހަރުގެ ޔޫރޯ ފައިސާ އިން ރެކޯޑު 935 މިލިއަން ޔޫރޯ، ގައުމުތަކަށް ހަރަދުކުރަން ނިންމާފައިވެއެވެ.
ޔޫއެފާގެ ގައުމުތަކުގެ މެޗުތަކަށް ކުޅުންތެރިން ދޫކޮށްދިނުމުންވެސް އެ ގައުމުތަކަށް ސީޒަން ތެރޭގައި ފައިސާ އަގު ދައްކާފައިވެއެވެ. ކްލަބުތަކުން ކުޅުންތެރިން ރިލީސް ކޮށްގެން 240 މިލިއަން ޔޫރޯ ކްލަބުތަކަށް މިދިޔަ ސީޒަނުގައިވެސް ޔޫއެފާ އިން ދީފައިވެއެވެ.
ޔޫއެފާ އިން ކުރާ ހޭދައިން 331 މިލިއަން ޔޫރޯއަކީ އިނާމު ފައިސާއަށް ހޭދަކުރާ އަދަދެވެ. ބައިވެރިވާ 24 ޓީމުގެ ތެރެއިން، ކޮންމެ ޓީމަަކަށް މުބާރާތް ފެށުމުގެ ކުރިން 9.25 މިލިއަން ޔޫރޯގެ މަގުން 222 މިލިއަން ޔޫރޯ ދެއެވެ. އަދި ގްރޫޕް ސްޓޭޖު ނަތީޖާއާއި ނޮކްއައުޓް ބުރުގެ ނަތީޖާތަކަށް ބަލައި، 109 މިލިއަން ޔޫރޯ ޓީމުތަކަށް ބަހާނެއެވެ. އެގޮތުން ބައެއް ޓީމުތަކަށް ގަދަ 16 އާ ހަމައަށް ދާއިރު، 28.5 މިލިއަން ޔޫރޯ ޔޫއެފާ އިން ދެއެވެ.
ކުއާޓާއަށް ދާ ކޮންމެ ޓީމަކަށް 2.5 މިލިއަން ޔޫރޯ ދޭއިރު، ސެމީއާ ހަމައަށް ދިއުމުން އިތުރު ހަތަރު މިލިއަން ޔޫރޯ، އޭގެން ކޮންމެ ޓީމަކަށް ދެއެވެ. އަދި ރަނަރަޕަށް އިތުރު ފަސް މިލިއަން، ޗެމްޕިއަން ޓީމަށް އިތުރު އަށް މިލިއަން ޔޫރޯ ޔޫއެފާއިން ދޭނެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024