"އެ ފައިނަލްގެ ބައެއް ވީޑިއޯ ކްލިޕްތައް ބަލާލުމުންވެސް އަހަންނަށް އަދިވެސް ރޮވޭ. އެ އުފާވެރި ހަނދާންތައް އަދިވެސް ފިލައިގެން ނުދޭ. އެ ހުންނާނެ މުޅި އުމުރަށްވެސް. އަހަރެމެން ހަގީގަތުގައިވެސް އެ ފަހަރު ތާރީހު ލިޔެލީ. އެކަމަށްޓަކައި އަހަރެމެން އަދިވެސް ފަހުރުވެރިވޭ،" އިޓަލީގެ ކެޕްޓަން ޖިއާންލުއީޖީ ޑޮނަރޫމާ މި ފަހަރުގެ ޔޫރޯ ފެށުމުގެ ކުރިން ވާހަކަދައްކަމުން ބުނެފައިވެއެވެ.
އިޓަލީން ތަށި ދިފާއުކުރުމުގެ މަސައްކަތް މިރޭ ފަށާނީ އަލްބޭނިއާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖު މެޗުންނެވެ. ފުޓުބޯޅައިގެ ބޮޑު މާޒީއެއް އޮތް، ތާރީހީ ގައުމެއް ކަމަށްވާ އިޓަލީން މިދިޔަ ފަހަރު ޔޫރޯ 2020ގެ ތަށި ހޯދީ، އޭގެ ކުރިން ބޭއްވި 2018 ވަނަ އަހަރުން ފުރުސަތު ގެއްލިފައި އޮވެގެން ޔޫރޯއަށް ނުކުމެއެވެ. އެހެންކަމުން އެ ގައުމުގެ ފުޓުބޯޅައަށް އެންމެފަހުގެ ޔޫރޯ ހާއްސަވިއެވެ. މިއަދުވެސް އޮތީ ހަމަ އެ ހާލަތެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮތް ޔޫރޯއަށްވެސް އިޓަލީ ކޮލިފައިވެފައެއް ނުވެއެވެ. އެ ފުރުސަތު ގެއްލުމުގެ މާޔޫސްކަމުގައި އޮވެ، އަނެއްކާވެސް މި ފަހަރު ނުކުންނަނީ ޔޫރޯ ތަށީގެ ވިސްނުމުގައެވެ.
"އަހަރެން ވަރަށް އުފާވޭ، އިޓަލީ ކެޕްޓަނެއްގެ ގޮތުގައި މި މުބާރާތަށް އަނެއްކާވެސް ނުކުމެވޭތީ. މިއީ އެތައް ގޮތަކުން ތަފާތު މުބާރާތެއް. އަހަންނަކީ ނަސީބުވެސް ގަދަ މީހެއް. ޔޫރޯގެ ތަށި ލިބުމަކީ އެންމެ ބޮޑު އެއް ނަސީބު. އަހަރެމެން މި ތިބީ އެ ތަށި ދިފާއުކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތްވެސް ކުރަން ތައްޔާރަށް،" މިދިޔަ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާ، ޑޮނަރޫމާ ބުންޏެވެ.
ޑޮނަރޫމާގެ ނަޒަރުގައި ފްރާންސާއި އިންގްލެންޑްގެ ސްކޮޑު ވަރުގަދަ ނަމަވެސް، "ފެވަރިޓުންނެއް ނެތެވެ." އިޓަލީއަށްވެސް ތަށީގެ އުންމީދު ކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައިވެސް އިޓަލީ ފުޓުބޯޅައާ ރައްޓެހި، ލޫސިއާނޯ ސްޕަލެޓީގެ ކޯޗިން ކެރިއަރު 1993 ވަނަ އަހަރު ފެށީ އެމްޕޯލީންނެވެ. އެ ޓީމުގެ ޕްރޮމޯޝަންގައި އެހީވެދީ، އިޓަލީގެ ގިނަ ކްލަބުތަކަކަށް ސްޕަލެޓީ ކޯޗުކޮށްދިނެވެ. ރޯމާ އާއެކު ދެ ފަހަރަށް އިޓަލީ ކަޕް ކާމިޔާބުކޮށް، ސްޕަލެޓީ ވަނީ ޒެނިތު ސެއިންޓް ޕީޓާސްބާގަށް ރަޝީއާ ލީގު ދެ ފަހަރަށް ހޯދައި ދީފައެވެ. އިޓަލީ ފުޓުބޯޅައާ ގުޅޭ، މޮޅުވުމުގެ މެންޓާލިޓީއެއް ގެންގުޅޭ ކޯޗު ސްޕަލެޓީގެ ކްލަބު ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ނަޕޯލީއަށް އިޓަލީ ލީގު ހޯދައިދިނުމެވެ. އޭނާ ނަޕޯލީއަށް ލީގު ހޯދައިދިނީ 2022-23 ވަނަ އަހަރު ސީޒަނުގައެވެ.
އެ ފަހުން އިޓަލީ އާއެކު މަސައްކަތްކޮށް، މިފަހަރު ޔޫރޯއަށް ނުކުންނަ އިރު، އުމުރުން 65 އަހަރުގެ ސްޕަލެޓީ ގަބޫލުކުރަނީ އިޓަލީ އަކީ މިހާރު ޑިފެންސިވް ސްޓައިލެއް ގެންގުޅޭ ޓީމެއް ނޫން ކަމަށެވެ.
"އިޓަލީއަކީ ޑިފެންސިވް ވިސްނުމެއް ގެންގުޅޭ ޓީމެއްގެ ގޮތުގައި ވަރަށް ގިނަ ފަހަރަށް މީހުން ސިފަކުރޭ. އެކަމަކު އެއީ މިހާރުގެ ހަގީގަތެއް ނޫން. އިޓަލީ އަކީ މިހާރު ޑިފެންސްކޮށް، ކައުންޓާގައި ގޯލު ޖަހަން ކުޅޭ ޓީމެއް ނޫން. އަހަރެމެން މިހާރު އެ ވިސްނުން ބަދަލުކޮށްފިން. އަބަދު ބޯޅައަށް މަޑުކޮށްގެން ތިބުމުގެ ބަދަލުގައި ކުރިއަށް ޖެހި، ޕްރެސްކޮށްގެން، އިދިކޮޅު ޓީމަށް ޖާގަ ނުދީ ކުޅެމުން މި ދަނީ. މިހާރުގެ ފުޓުބޯޅައަކީ ވަރަށް އަވަސްކޮށް ޖާގަ ހޯދަންޖެހޭ، ފުލުއިޑް ގޭމެއް،" ސްޕަލެޓީ ބުންޏެވެ.
އިޓަލީން މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024