ޖަރުމަނުން މިފަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ފެށީ ތަފާތު ބޮޑު މޮޅަކުން ސްކޮޓްލޭންޑް ބަލިކޮށްގެންނެވެ. ރޭ އެލިއާންސް އެރީނާގައި ކުޅުނު މެޗުގައި ޖަރުމަނުން ސްކޮޓްލޭންޑް ބަލިކުރީ 5-1 ނަތީޖާ އަކުންނެވެ. އެއީ ޖަރުމަން ފުޓްބޯޅަ ތާރީހުގައިވެސް އެ ގައުމުން ޔޫރޯ މުބާރާތެއްގައި ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. އެއީ ޔޫރޯގެ ތާރީހުގައިވެސް މުބާރާތް ފެށި މެޗަކުން ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ. ޖަރުމަނަށް ބަޔަކު ފާޑުކިޔަމުން ގޮސް މުބާރާތް ފެށި ނަމަވެސް، އެ ޓީމުން ރޭ ވަނީ ތަށީގެ ރޫހު އާކޮށްލައިފައެވެ.

އެންމެ މެޗަކުން މޮޅުވެގެން އެ ވާހަކަ މާގިނައިން ދެއްކެން ނެތް ނަމަވެސް، ރޭ ޓީމަށް އޮތް ޕްރެޝަރަށް ބަލައި، ހޯދި މޮޅު މުހިންމެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހުނު ޖެހުމަށް މިރޭގެ މެޗުން އެ ޓީމަށް އޮތީ ސަޕޯޓަރުންނަށް ޖަވާބުދާރީވާން ޖެހިފައެވެ. އެހެންކަމުން ރޭގެ މޮޅަކީ "ސްޓޭޓްމަންޓް" މޮޅެކޭ ބުނެވިދާނެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖަރުމަނުގެ ކޯޗު، އުމުރުން 36 އަހަރުގެ ޖޫލިއަން ނަގެލްސްމަން ބުނީ މުޅި މެޗުގައިވެސް ޓީމު ދެއްކީ ތަފާތު ރޫހެއް ކަމަށާއި ހާއްސަކޮށް ފުރަތަމަ ގޯލުން ޓީމުގެ ފެންވަރު ސާފުވި ކަމަށެވެ.

"އަހަރެމެން މެޗުގައި ކުޅުނީ ވަރަށް މޮޅު ކުޅުމެއް. ހާއްސަކޮށް ފުރަތަމަ 20 މިނެޓުގައި ކުޅުނީ އަހަރެން ބޭނުންވި ކުޅުން. ސްކޮޓްލޭންޑުން އަހަރެމެންނަށް އިހުތިރާމު ކުރި، އެގޮތަށް ޖަރުމަނު ހިފަހައްޓަން ކުޅެނިކޮށް އެ ޖެހި ގޯލުތައް އެއީ މޮޅު ގޯލުތަކެއް. ހާއްސަކޮށް ފުރަތަމަ ގޯލަކީ ކުޅުމަށް ބަލައި، ވަރަށް މޮޅު ގޯލެއް،" ނަގެލްސްމަން ބުންޏެވެ.

ޖަރުމަނުން މިފަހަރު ޔޫރޯއަށް ތައްޔާރުވާން ފެށިތަނާ، އެ ގައުމުގެ އެލީޓް ސިފައިންތަކެއް ޖަރުމަން ކޭމްޕަށް ގޮސް، ޓީމު ޓީމެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހޭނެ ގޮތުގެ ބައެއް ކްލާސްތައް ނަގައިދީ، ކުޅުންތެރިންގެ ރޫހު ރަނގަޅު ކުރަން މަސައްކަތް ކޮށްފައިވެއެވެ.

ނަގެލްސްމަން ބުނީ އެ ސެޝަންތަކުން ކުޅުންތެރިން "އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ހިމާޔަތްކޮށް، ޓީމެއް ގޮތުގައި މަސައްކަތް،" ކުރަން ދަސްކޮށްފައިވާކަން ރޭގެ މެޗުން ފެނުނު ކަމަށެވެ. އަދި ޖަރުމަނަށް ފުރަތަމަ ފިޔަވަޅު ރަނގަޅަށް އެޅިއްޖެ ކަމަށާއި ދެން އޮތީ ހަންގޭރީ މެޗަށް ތައްޔާރުވުން ކަމަށް އޭނާ ބުންޏެވެ.