ޖަރުމަނުގެ އެލިއާންޒް އެރީނާގައި މިރޭ ފެށި ޔޫރޯ 2024 ގެ ފުރަތަމަ މެޗުގައި ހޯސްޓް ޖަރުމަނުން، ސްކޮޓްލޭންޑް ކައިރިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މިރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ޖަރުމަނުން ސްކޮޓްލޭންޑް ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ޖަރުމަނަށް މިއީ ކޮންމެހެންވެސް ނަތީޖާ ރަނގަޅު ކުރަން ޖެހިފައި އޮތް މުބާރާތެކެވެ. އެންމެފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހުނު ޖެހުމަށް މިރޭގެ މެޗުން އެޓީމަށް އޮތީ ސަޕޯޓަރުންނަށް ޖަވާބުދާރީވާން ޖެހިފައެވެ.
އަނެއްކޮޅުން ނުކުތް ސްކޮޓްލޭންޑް މިހާތަނަށް ބޮޑު އެއްވެސް މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފައިނުވާ އިރު، ޖަރުމަނުން އެ ފެންވަރު މިރޭ ސާބިތުވެސް ކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްކޮޓްލޭންޑަށް ޖަރުމަނާ ކައިރިވެސް ކޮށްނުލެވުނެވެ. ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާއާ ސޭވެއް ކުރަން ނުޖެހި ޖަރުމަނުން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުވެސް ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޖަރުމަނުގެ މެދުތެރެއިން ޖަމާލް މުސިއާލާއާއި ވަދާއީ މުބާރާތަށް ނުކުމެ ހުރި ޓޯނީ ކްރޫސް ދިޔައީ މެޗު ކޮންޓްރޯލް ކުރަމުންނެވެ. ޖަރުމަނުގެ ފުރަތަމަ މިނެޓުގައި ކަހަލަ ގޮތަކަށް ހަމަލާ އުފައްދަންވެސް ފެށިއެވެ. ފްލޯރިއަން ވާޓްޒް ފުރަތަމަ މިނެޓުގައި ޖެހި ބޯޅަ މަތަވީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު އަންގުސް ގުން ބޮލުގައި ޖެހިފައެވެ.
އޭގެ އިރުކޮޅެއް ފަހުން، މެޗުގެ 11 ވަނަ މިނެޓުގައި ވާޓްޒް ވަނީ ޖަރުމަނަށް ގޯލު ހުޅުވާލަ ދީފައެވެ. ޖޯޝުއާ ކިމިކް ހުރަސްކޮށްލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވާޓްޒް ފޮނުވާލި ބޯޅަ ގޯލަށް ވަދެފައިވަނީ ސްކޮޓްލެންޑް ކީޕަރު ގުން އަތުގައި ޖެހި، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
އެ ގޯލާއެކު އުމުރުން 21 އަހަރާއި 42 ދުވަހުގެ ވާޓްޒް ވެފައި ވަނީ ޔޫރޯ މުބާރާތެއްގައި ޖަރުމަނަށް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިރޭގެ ކުރިން އެ ރެކޯޑު އޮތީ ކައި ހަވާޓްސް އަތުގައެވެ. އެއީ 22 އަހަރާއި އަށް ދުވަހުގެ ތެރޭގައި ޔޫރޯ 2020 ގައި ގޯލު ޖަހައިގެންނެވެ.
އެ ގޯލާއެކު ޖަރުމަނު ހަމަޖެހިލައި، ޕްރެޝަރު ކަނޑުވާލިއެވެ. ހުރިހާ ބޯޅައަކަށްހެން ޕްރެސްކޮށް، ސްކޮޓްލޭންޑްގެ ފަހަތް މާޔޫސްކޮށްލިއެވެ. ނަތީޖާ ވަރަށްވެސް ފުރިހަމައެވެ. 21 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި އެލިއާންޒް އެރީނާ ކައްކުވާލިއެވެ. ކައި ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވަޑް ޖަމާލް މުސިއާލާއެވެ.
އުމުރުން 21 އަހަރާއި 109 ދުވަހުގެ މުސިއާލާއަކީ ވާޓްސްގެ ފަހަތުން ޔޫރޯގައި ޖަރުމަނަށް ގޯލު ޖަހައިދިން ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ.
ޖަރުމަނުން އެ ހިސާބުންވެސް ހުއްޓާލީކީ ނޫނެވެ. ޕްރެސްކޮށް، އެޓޭކްކޮށް، މުޅި މެޗު އެއްކޮށް ކޮންޓްރޯލްކުރިއެވެ. އެހެން ގޮސް ހާފު ނިމެންދަނިކޮށް، ސްކޮޓްލޭންޑަށް އިތުރު ބޮލުގެ ރިހުމަކާ ކުރިމަތިވިއެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް، ރަޔަން ޕޯޓިއެސް، ގުންޑޮގަންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކައި ރެފްރީ ވަނީ ޖަރުމަނަށް ޕެނަލްޓީއެއް ދީފައެވެ.
އެ ޕެނަލްޓީ ކައި ހަވާޓްސް ކާމިޔާބުކޮށްދީ ޖަރުމަނުން ހާފު ނިންމާލީ ތިންވަނަ ގޯލެއްވެސް ޖަހައިގެންނެވެ.
ދެވަނަ ހާފަށް ޖަރުމަނުން ނުކުތީ އަދި މާ އިތުބާރާއެކުގައެވެ. ސްކޮޓްލޭންޑްގެ ކުޅުންތެރިޔަކު މަދުވުމުން އެޓީމުގެ މެދުތެރެއަށް ކުރިއަށް ޖެހެން ބޮޑު މިނިވަން ކަމެއް ލިބިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުން ނުރައްކާކުރިއެވެ. ވާޓްޒްއަށް ހުސް ފުރުސަތެއް ލިބި އޭނާ އަތުން މާ ބޮޑަށް ބޯޅަ މައްޗަށް އަރައިގެން ގޮސްފައިވާ އިރު، އޭގެ އިރުކޮޅެއްފަހުން މުސިއާލާ ފޮނުވާލި ހަމަލާ މަތަކުރީ ސްކޮޓްލޭންޑްގެ ކީޕަރު ގުންއެވެ.
އެ ހަމަލާތައް ފަހުކޮޅަށް ގޮސް އިތުރުވެސް ވެގެން ގޮސްފައިވެއެވެ. ސްކޮޓްލޭންޑަށް ރަނގަޅު އެންމެ އެޓޭކެއް ކުރުމަށްވެސް ފުރުސަތު ނުދީ ޖަރުމަނު ހަތަރުވަނަ ގޯލެއްވެސް ޖެހިއެވެ. ބަދަލަކަށް ނުކުތް ނިކްލަސް ފުލްކްރަގެވެ. އޭނާ ގޯލު ޖެހީ ގުންޑޮގަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
އޭގެފަހުންވެސް ފުލްކްރަގް ފޮނުވާލި ހަމަލާއެއްގައި ބޯޅަ ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ ބޯޅަ ފޮނުވާލި ވަގުތު އޮފްސައިޑްގައި ހުރި ކަމަށެވެ. ފަހުކޮޅުގައި ތޯމަސް މުލާވެސް ކުޅުމަށް ނުކުމެފައިވާ އިރު، ސްކޮޓްލޭންޑުން ފަހުކޮޅުގައި ގޯލު ޖެހީ ހިލޭ ޖެހުމެއްގެ ބޭނުން ހިފައިގެންނެވެ.
ސްކޮޓްލެންޑް ކެޕްޓަން އެންޑްރޫ ރޮބާޓްސަން ނަގައިދިން ހިލޭ ޖެހުމަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްކޮޓް މެކެނާ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ބޮލުގައި ޖެހި ބައިކޮޅަށެވެ. އޭގެފަހުން އަނެއްކާވެސް ޖަރުމަނުން މެޗުގެ ފަސްވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ބަދަލަކަށް ނުކުތް އެމްރޭ ޗާންއެވެ.
މެޗުގެ ފަހުކޮޅުގައި ބައިކޮޅަށް ގޯލެއް ވަނުމުން ކޮންމެވެސް ވަރަކަށް މާޔޫސްވި ނަމަވެސް، އުމުރުން 36 އަހަރުގެ ޖަރުމަނު ކޯޗު ޖޫލިއަން ނަގެލްސްމަންގެ ޓީމުން ހޯދީ ފުރިހަމަ ކާމިޔާބީއެކެވެ.
ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖު ތިން މެޗު މާދަމާ ރޭ އޮންނާނެއެވެ.
- 18:00 ހަންގޭރީ - ސްވިޒަލޭންޑް
- 21:00 ސްޕެއިން - ކްރޮއޭޝިއާ
- 00:00 އިޓަލީ - އަލްބޭނިއާ
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024