ޔޫރޯ މުބާރާތުގެ ސާދަ ވަނަ އިސްދާރު ބާއްވަނީ، ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވާ ޖަރުމަނުގައެވެ. މިއީ 2006 ވަނަ އަހަރުގެ ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތަށް ފަހު ޖަރުމަނުގައި ބާއްވާ ފުރަތަމަ ބޮޑު މުބާރާތެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ޖަރުމަނުގެ ދިހަ ޝަހަރެއްގައެވެ. އެއީ ވެރިރަށް ބާރލިންގެ އިތުރުން، ކޮލޯން، މިޔުނިކް، ފްރޭންކްފަރޓް، ހެމްބަރގް، ޑޯރޓްމުންޑް، ލައިޕްޒިގް، ގެލްސެންކާރޝެން، ސްޓުޓްގަރޓް، އަދި ޑުސެލްޑޯރފެވެ.

ޔޫރޯ 2024 މުބާރާތުގެ މެޗުތައް ކުޅޭނެ އެންމެ ބޮޑު ދަނޑަކީ އޮލިމްޕިއާސްޓާޑިއޯން ބާރލިން، ނުވަތަ ބާރލިންގެ އޮލިމްޕިކް ސްޓޭޑިއަމެވެ. މިއީ ޖަރުމަނުގެ އެންމެ މަޝްހޫރު އަދި އެންމެ މުހިއްމު އެއް ފުޓުބޯޅަ ދަނޑެވެ. 1985 އިން ފެށިގެން ޖަރމަން ކަޕް ފައިނަލް ކުޅޭ ދަނޑަކީ މިއީއެވެ. މި ދަނޑުގައި ކުޅެފައި ވާ މުހިއްމު މެޗުތަކުގެ ތެރޭގައި 2006 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕްގެ ފައިނަލް މެޗާއި، 2015 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ހިމެނެއެވެ. ޔޫރޯ 2024 ގެ ފައިނަލް ކުޅޭނީ ވެސް މި ދަނޑުގައެވެ.

  • ކެޕޭސިޓީ: 71000
  • ހޯމް ޓީމު: ހާރތާ ބާރލިން

އެފްސީ ކޮލޯންގެ ރަސްމީ ދަނޑު ކަމުގައި ވާ ކޮލޯން ސްޓޭޑިއަމަކީ 2006 ގެ ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތަށް ޓަކައި މަރާމާތު ކޮށް ޒަމާނީ ކުރެވުނު ދަނޑެކެވެ. ޖަރުމަނުގެ އެންމެ ތާރީޚީ އެއް ޝަހަރު ކަމުގައި ވާ ކޮލޯންގައި އޮންނަ މި ދަނޑަކީ ފުޓުބޯޅައިގެ އިތުރުން ކުޅިވަރާއި ފަންނުވެރިކަމުގެ ގިނަ އެހެން އިހުތިފާލުތަކެއް ވެސް ބާއްވާ ތަނެކެވެ. އޭގެ ތެރޭގައި، ކޮންމެ އަހަރަކު ޖަރުމަނުގައި ބާއްވާ އެމެރިކަން ފުޓުބޯޅަ އިވެންޓަކާއި، އައިސް ހޮކީ އާއި، މިޔުޒިކް ކޮންސާޓުތައް ހިމެނެއެވެ. މި ދަނޑުގައި ފަހުގެ ތާރީޚެއްގައި ކުޅެވުނު މުހިއްމު މެޗުތަކުގެ ތެރޭގައި 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް ހިމެނެއެވެ.

  • ކެޕޭސިޓީ: 43000
  • ހޯމް ޓީމު: އެފްސީ ކޮލޯން

ޔޫރޯ 2024 ކުޅެވޭ ދަނޑުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދަނޑު ކަމުގައި ވާ ބީވީބީ ސްޓާޑިއޯން ޑޯރޓްމުންޑަކީ މަޝްހޫރު ވެސް ދަނޑެކެވެ. އެ މަޝްހޫރުކަމުގެ މައިގަނޑު ސަބަބަކީ ޖަރުމަނާއި ޔޫރަޕުގައި މި ފަހަކަށް އައިސް އެންމެ މޮޅު އަދި އެންމެ ރީތި ފުޓުބޯޅައެއް ކުޅޭ އެއް ޓީމު ކަމުގައި ވާ ބޮރޫޝިއާ ޑޯރޓްމުންޑްގެ މަޝްހޫރު "ރީނދޫ ފާރު" ސަޕޯޓަރުންނެވެ. ފުރަތަމަ ބޮޑު ހަނގުރާމަޔާ ގުޅުން ހުރި މުހިއްމު ސަރަހައްދެއް ކަމުގައި ވާ "ރުއަރ" ގައި އޮންނަ ޑޯރޓްމުންޑްގެ ދަނޑަކީ ވެސް މުހިއްމު މެޗުތަކެއް އެ ދަނޑެއްގައި ކުޅެވިފައި ވާ ދަނޑެކެވެ. އޭގެ ތެރޭގައި 2001 ވަނަ އަހަރުގެ ޔުއެފާ ކަޕްގެ ފައިނަލުގައި ލިވަރޕޫލާއި ޑިޕޯރްޓިވޯ އަލަވޭޒް ކުޅުނު މެޗު ހިމެނެއެވެ.

  • ކެޕޭސިޓީ: 62000
  • ހޯމް ޓީމް: ބޮރޫޝިއާ ޑޯރޓްމުންޑް

ފުރަތަމަ ބޮޑު ހަނގުރާމައާ ގުޅުން ހުރި މުހިއްމު އެހެން ސަރަޙައްދެއް ކަމުގައި ވާ ރައިންލޭންޑުގެ އުތުރުގައި އޮންނަ ޑުސެލްޑޯރފަކީ 650000 މީހުންގެ އާބާދީއެއް އޮންނަ ޝަހަރެކެވެ. އެ ޝަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑު ކަމުގައި ވާ ޑުސެލްޑޯރފް އެރީނާ އަކީ ޔޫރޯ 2024 ގެ މެޗުތައް ކުޅޭނެ އެންމެ ކުޑަ އެއް ދަނޑެވެ. މި ދަނޑުގައި ކުޅެފައި ވާ މުހިއްމު މެޗުތަކުގެ ތެރޭގައި 1988 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ހިމެނެއެވެ.

  • ކެޕޭސިޓީ: 47000
  • ހޯމް ޓީމް: ފޯރޗޫނާ ޑުސެލްޑޯރފް

ފްރޭންކްފަރޓަކީ ޖަރުމަނާއި ދުނިޔޭގެ ވެސް ވިޔަފާރި އާއި މާލިއްޔަތުގެ އެންމެ ބޮޑު އެއް މަރުކަޒެވެ. ޖަރުމަނުގެ ފަސްވަނައަށް އެންމެ ބޮޑު ޝަހަރު ކަމުގައި ވާ ފްރޭންކްފަރޓްގައި އޮންނަ ފްރޭންކްފަރޓް އެރީނާ އަކީ ވެސް ނިސްބަތުން ކުޑަ ދަނޑެކެވެ. އެ ދަނޑުގައި ކުޅެފައި ވާ މުހިއްމު މެޗުތަކުގެ ތެރޭގައި 1988 ގެ ޔޫރޯގެ މެޗުތަކާއި 2006 ވަނަ އަހަރުގެ ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ބައެއް މެޗުތަކާއި ކުއާޓަރ ފައިނަލުގެ އެއް މެޗު ހިމެނެއެވެ.

  • ކެޕޭސިޓީ: 47000
  • ހޯމް ޓީމް: އެއިންޓްރެޚް ފްރޭންކްފަރޓް

އެރީނާ އޫފްޝާލްކޭ އަކީ ސިނާއީ މަސައްކަތްތަކުގެ މަރުކަޒެއް ކަމުގައިވާ ގެލްސެންކާރޝެންގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑެވެ. 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލާއި، 2006 ވަނަ އަހަރުގެ ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގެ އެއް މެޗު އެ ދަނޑެއްގައި ކުޅެވުނު އެރީނާ އޫފްޝާލްކޭ އަކީ ޖަރުމަނުގެ ވަރުގަދަ ޓީމެއްގެ ގޮތުގައި ޒަމާންތަކެއް ވާންދެން އޮތް، ޖަރުމަނުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފައި ވާ އަދި 1996/97 ގެ ޔުއެފާ ކަޕް ކާމިޔާބު ކޮށްފައި ވާ ޝާލްކޭގެ ރަސްމީ ދަނޑެވެ. މި ދަނޑު ހުޅުވުނީ 2001 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

  • ކެޕޭސިޓީ: 50000
  • ހޯމް ޓީމް: ޝާލްކޭ

ހެމްބަރގަކީ ޔޫރަޕުގެ ޝަހަރުތަކުގެ ތެރެއިން، ޤައުމުތަކުގެ ވެރިރަށްތައް ފިޔަވައި، ތިންވަނައަށް އެންމެ ބޮޑު ޝަހަރެވެ. ރީތިކަމަށް މަޝްހޫރު، ފަތުރުވެރީންގެ ގާތުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އެ ޝަހަރަށް ނިސްބަތް ވާ ހެމްބާރގަރ އެސްވީގެ ރަސްމީ ދަނޑު ކަމުގައި ވާ ފޯލްކްސްޕާރކްސްޓާޑިއޯން ހެމްބަރގަކީ 2010 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލް މެޗާއި، 2006 ގެ ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ އެއް މެޗު ފަދަ މުހިއްމު މެޗުތައް ކުޅެވިފައި ވާ ދަނޑެކެވެ. 1953 ގައި ބިނާ ކުރެވުނު މި ދަނޑު 2000 ވަނަ އަހަރު މަރާމާތު ކޮށް ޒަމާނީ ކުރެވިފައި ވެއެވެ.

  • ކެޕޭސިޓީ: 49000
  • ހޯމް ޓީމް: ހެމްބަރގަރ އެސްވީ

ލައިޕްޒިގަކީ ވެސް ޖަރުމަނުގެ ތާރީޚުގެ މުހިއްމު ޝަހަރެކެވެ. އެ ޝަހަރާ ގުޅިފައި ވާ އެންމެ މުހިއްމު އެއް ހަނދާނަކީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނު ދެބައި ވެ، އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަނުގެ ގޮތުގައި ދެ ދައުލަތަކަށް ޒަމާންތަކަކު އޮތުމަށް ފަހު، އަލުން ޖަރުމަން އެއް ކޮށްލުމަށް ކުރެވުނު މަސައްކަތުގައި 1989 ވަނަ އަހަރު އެ ޝަހަރުގައި އިންތިޒާމު ކުރެވުނު ސުލްހަވެރި މުޒާހަރާތަކެވެ. ދެ ޖަރުމަން ވަކީން އޮތް ދުވަސްވަރު، އިރުމަތީ ޖަރުމަނުގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑަކީ ލައިޕްޒިގް ސްޓޭޑިއަމެވެ. އެއިރު އެތަނުގެ ނަމަކީ ޒެންޓްރަލާސްޓާޑިއޯނެވެ. ދެ ޖަރުމަނު އެއް ކޮށްލުމަށް ފަހު، 2004 ގައި ދަނޑު އަލުން މަރާމާތު ކޮށް ޒަމާނީ ކުރުމަށް ފަހު ހުޅުވުނު އިރު، ނަން "ލައިޕްޒިގް ސްޓޭޑިއަމް" އަށް ބަދަލު ކުރީއެވެ.

  • ކެޕޭސިޓީ: 40000
  • ހޯމް ޓީމް: އާރްބީ ލައިޕްޒިގް

ފުޓްބޯލް އެރީނާ މިޔުނިކް، ނުވަތަ މަޝްހޫރު ނަމުން ވިއްޔާ އެލިއަންޒް އެރީނާ އަކީ ޔޫރަޕުގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކުލަބު ކަމުގައި ވާ ބެޔާރން މިޔުނިކުގެ ރަސްމީ ދަނޑެވެ. 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗާއި، ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުގެ އެއް މެޗާއި، އަދިވެސް ތާރީޚީ އަދި މުހިއްމު އެތައް މެޗެއް އެ ދަނޑެއްގައި ކުޅެވުނު އެލިއަންޒް އެރީނާ 2005 ވަނަ އަހަރު ބިނާ ކުރީ، މިޔުނިކަށް ނިސްބަތް ވާ ބެޔާރން މިޔުނިކާއި 1860 މިޔުނިކް މި ދެ ކުލަބު ގުޅިގެންނެވެ. ނަމަވެސް ފަހުން ބެޔާރން ވަނީ ދަނޑުގެ މިލްކުވެރިކަމުގެ ހުރިހައި ހިއްސާއެއް ގަނެ، ދަނޑު އަމިއްލަ ކޮށްފައެވެ.

  • ކެޕޭސިޓީ: 66000
  • ހޯމް ޓީމް: ބެޔާރން މިޔުނިކް

ސްޓުޓްގާރޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކާރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ މާރސިޑީޒް ބެންޒް އަދި ޕޯޝޭގެ ވަޒަނެވެ. އެ ޝަހަރަށް ނިސްބަތް ވާ ވީއެފްބީ ސްޓުޓްގާރޓްގެ ރަސްމީ ދަނޑަކީ އެރީނާ ސްޓުޓްގާރޓެވެ. މި ދަނޑުގައި ކުޅެފައި ވާ މުހިއްމު މެޗުތަކުގެ ތެރޭގައި 1998 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ފައިނަލާއި، 2006 ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗު ހިމެނެއެވެ. މިހާރުގެ ފަރުމާއަށް 1993 ގައި ބިނާ ކުރެވުނު މި ދަނޑު ވަނީ އެތައް ފަހަރެއްގެ މަތީން މަރާމާތު ކޮށް ޒަމާނީ ކޮށްފައެވެ.

  • ކެޕޭސިޓީ: 51000
  • ހޯމް ޓީމް: ވީއެފްބީ ސްޓުޓްގާރޓް