އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކުރި އިރު، ރޭ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޗެމްޕިއަން ކްލަބު އީގަލްސް ބަލިކޮށްފިއެވެ.

ގްރީނުން ފުރަތަމަ ކުޅުނު މެޗުގައި މާޒިޔާއާ އެއްވަރުވެފައި އޮތް އިރު، އިއްޔެ ހަވީރު ގްރީނުން ޔޫވީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގްރީނުން ގޯލުތައް ޖެހީ ފަހަތުން އަރައެވެ.

ގައުމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔޫވީން ލީޑު ނެގީ ހަ ވަނަ މިނެޓުގައި، ތޯއިފް އަބްދުލް މަޖީދު ޖެހި ގޯލަކުންނެވެ. އެ ގޯލާއެކު ޔޫވީން ލީޑުގައި ހާފު ނިންމާލަން ދިޔަ ނަމަވެސް ގްރީނުން ވަނީ ފުރަތަމަ ފާހުގެ 42 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލު ޖެހީ އަޒްހަމް ރަޝީދެވެ.

ދެވަނަ ހާފަށް ނުކުމެވެސް، އެ ހާފުގެ ކުރީކޮޅުގައި އަބްދުﷲ އަނޫސް ގްރީނަށް ގޯލު ޖަހައިދީ މެޗުގެ ނަތީޖާ އަނބުރާލި އިރު، ގްރީނުން އެޓީމުގެ ފަހު ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގައި ގްރީންގެ ގޯލުތައް ޖެހީ މުހައްމަދު ފައިޒާނާން ފަޒީނާއި އަޒްހަމްއެވެ.

ރޭ މާޒިޔާއިން އެންމެފަހުގެ ޗެމްޕިއަން އީގަލްސް ބަލިކުރީ ފަހަތުން އަރައި، ތިން ގޯލު ޖަހައިގެން 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްގެ ގޯލުތައް ޖެހީ މުހައްމަދު އައިމަންއާއި އައްޝަމް އިބްރާހީމެވެ.

މާޒިޔާއިން މެޗު އަނބުރާލީ ދެވަނަ ހާފުގައި ޖެހި ތިން ގޯލުންނެވެ. އެ ގޯލުތައް ޖެހީ މުހައްމަދު އަފްޒަލްއާއި އަނޫފް އަބްދުﷲ އެވެ. މެޗުގައި އަފްޒަލް ވަނީ ދެ ގޯލު ޖަހައިދީފައެވެ.