ޖަރުމަނަކީ ފުޓުބޯޅައިގައި ފާޑުފާޑުގެ ގަބޫލުކުރުންތައް ގަބޫލުކުރާ ބައެކެވެ. މީގެ ކުރިން ބޮޑެތި ބައެއް މުބާރާތްތަކުގައި ގައުމީ ޓީމުގެ ނަތީޖާތައް ކުރިއާލައި ހޯދުމަށް ކަމަށް ބުނެ، ބޯވައެއް ބޭނުންކުރިއެވެ. ޕައުލް ނަމަކަށް ކިޔާ އެ ބޯވައަކީ އެގައުމުގެ ފުޓުބޯޅަ ތަރިކައެކެވެ. ޔޫރޯ 2008 އިން ފެށިގެން ގޮސް، 2010 ގެ ވޯލްޑް ކަޕްގައި ޖަރުމަނު ކުޅުނު މެޗުތަކުގެ ނަތީޖާތައް ކުރިއާލައި، ދިމާކުރުވަން އެގައުމުން ޕައުލް ބޭނުންކުރިއެވެ.

ޔޫރޯ 2008 ގައި ޕައުލް އަތުން ކައްސައިގެން ދިޔައީ އެންމެ ދެ މެޗުގެ މޮޅުވާނެ ޓީމު އެކަންޏެވެ. 2010 ގެ ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރި ފަހަރު، ޕައުލް އަތުން އެއްވެސް އަންދާޒާއެއް ގޯހެއް ނުވެއެވެ. ޖަރުމަނު ކުޅުނު ހުރިހާ މެޗަކުން މޮޅުވާނެ ޓީމުވެސް ޕައުލް ދިމާކުރިއެވެ. ޓޭންކެއްގެ ތެރޭގައި ދެ ދިދަ ޖެހި، ދެ ފޮށި ބަހައްޓައި ބޭނުން ފޮށްޓަކަށް ގޮސް ވަނުމަށް ޕައުލްއަށް ފުރުސަތު ދިން އިރު، އެ ބޯވަ އިހުތިޔާރު ކުރާ ފޮށްޓަށް ގިނަ ބަޔަކު އޭރު އިންތިޒާރުވެސް ކުރިއެވެ.

ނަތީޖާތައް ދިމާވެގެން ގޮސް، ޕައުލްއަށް ޖަރުމަނުން ބޮޑު އިހުތިރާމެއް ދީ، މުޅިން އެ ބޯވައަށް ވިސްނުން ބަރޯސާ ކުރިއެވެ. އަނެއްކާވެސް ޖަރުމަނުގެ އަމިއްލަ ފަސްގަނޑުގައި ޔޫރޯއަކަށް ތައްޔާރުވެފައިވާ އިރު، މިރޭ ޖަރުމަނުން ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާނެ ޓީމަކީ ކޮބައިތޯ، ކުރިއާލާ ބެލުމަށް އެގައުމުން ވަނީ އެތެއް ބޭނުންކޮށްފައެވެ.

ބުބީ ނަމަކަށް ކިޔާ އެފްރިކާގެ އެތަކީ ޖަރުމަނުގެ ތުރިންގިއާގައި ހުންނަ ވައިލްޑްލައިފް ރިސާވެއްގައި އޮންނަ އެތެކެވެ. ފުޓުބޯޅައަށް ކުރިންވެސް ޝައުގުވެރިވާ އެ އެތަކީ ބޯޅަ ޖެހުމަށް ހުނަރު ހުންނަ އެތެއް ކަމަށް މީޑިއާތައް ބުނެއެވެ. ޖަރުމަނުން ކުޅޭ މެޗުތަކުން މޮޅުވާނެ ޓީމެއް ހޯދުމަށް، އެ އެތަށް ބޯޅައެއް ދީ، ދެގައުމުގެ ދިދަ ޖަހާފައި ހުންނަ ދެ ތަނބަށް ބޯޅަ ޝޫޓް ކުރަން އެތް ބަލަހައްޓާ ފަރާތްތަކުން ވަނީ ފުރުސަތު ދީފައެވެ.

މިރޭ ޖަރުމަނުން ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުން ޖަރުމަނު މޮޅުވާނެ ކަމަށް އެތް ބުނެފައިވަނީ ޖަރުމަނުގެ ދިދަ ހިމެނޭ ތަނބާ ދިމާލަށް ބޯޅާ އަމާޒުކޮށްލައިގެންނެވެ. ކޮންމެއަކަސް ބުބީގެ ވާހަކަ ޔޫރޯ ފެށުމާއެކު ބައެއް ނޫސްތަކަށް މިވަނީ ތިލަވެފައެވެ. ނަތީޖާއަށް ޖެހޭނީ އިންތިޒާރުކުރާށެވެ.