މިދިޔަ ދެ ވޯލްޑް ކަޕާއި، ޔޫރޯ 2020 އަށްވެސް ޖަރުމަނު ޓީމަށްވީ ބޮލުރިހުމަކަށެވެ. 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓުންވީ ކުރިމަތިލާން ޖެހުނު ބޮޑު ލަދަކަށެވެ. ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރުގެ ލަގަބުން، އެގައުމު ބަޔަކު އެކަހެރި ކޮށްލިވެސް މެއެވެ. އެންމެފަހުން ބޭއްވި ޔޫރޯ 2020 ގައި އެޓީމުން ގަދަ 16 އިން ކަޓައިގެން ދިޔައީ އިންގްލެންޑް އަތުންނެވެ. ފުޓުބޯޅައިގެ ފެންވަރުން މިނެކިރާނަމަ، އެއީ ހަޑި ގޮތަކަށް ކެޓުން ނޫން ނަމަވެސް، ޖަރުމަނަށް އެވަރުން ފުއްދައެއް ނުލެވޭނެއެވެ.

ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ޖަރުމަނަކީ ޔޫރޯގެ ވެސް އެންމެ ކާމިޔާބު އެއް ޓީމެވެ. ޖަރުމަނާއި ސްޕެއިނުން ތިން ފަހަރު ޔޫރޯ ހޯދާފައިވެއެވެ. ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެންނެވެ. ފްރާންޒް ބެކައުންބާއޫގެ ކެޕްޓަން ކަމުގެ ދަށުގައި ޖަރުމަނުން އެ މުބާރާތް ކާމިޔާބު ކުރި އިރު، އޭނާއަކީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

ދުނިޔޭ ފުޓުބޯޅައިގެ ގަދަ ބާރު ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލް ވެސް ކުޅުނެވެ. އަދި 1980 ވަނަ އަހަރު އަނެއްކާ ވެސް ޔޫރޯގެ ތަށި ހޯދިއެވެ. އޭރުން ފެށިގެން މިދިޔަ 10 ވަރަކަށް އަހަރާ ޖެހެންދެން ވެސް އެތައް ބަޔަކު ދިޔައީ ޖަރުމަނުގެ ފުޓުބޯޅަ ސިސްޓަމަށް ތައުރީފް ކުރަމުންނެވެ. 1996 ވަނަ އަހަރު ޖަރުމަނުން ޔޫރޯ އަނެއްކާވެސް ކާމިޔާބުކޮށް، އެޓީމުން ޔޫރޯގައި ތާރީހު ލިޔެލިއެވެ.

އެ ކާމިޔާބީތަކަށް ވޯލްޑް ކަޕްގެ ކާމިޔާބީތައްވެސް އެކުވެ، ޖަރުމަނުގެ ފުޓުބޯޅަ ތާރީހު ޖަރީވެފައި އޮތް ނަމަވެސް، މިއަދުގެ ހާލަތު ތަފާތެވެ. އަމިއްލަ ގައުމުގައިވެސް ޖަރުމަނަށް އިތުބާރު ކުރާ މިންވަރު މަދެވެ. އެހެން ނަމަވެސް، އެޓީމަށް މިފަހަރު ޖަވާބު ދޭން މަޖުބޫރެވެ، މުބާރާތް އޮތީ އަމިއްލަ ގައުމުގައެވެ. ފިލައިގެން ދެވޭކަށް ނެތެވެ. ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޓޯނީ ކްރޫސް އާއި މެނުއަލް ނޯޔާ އަނބުރާ ޓީމަށް ގެނެސް، ޖަރުމަނުން މިފަހަރު ނުކުންނާނީ ޒުވާން ހުނަރާއި ތަޖުރިބާގެ މަސްހުނި، ބެލެންސް ޓީމަކާއެކުގައެވެ. އެޓީމަށް އޮތީ ތަށީގެ ޕްރެޝަރާއި ވޭތުވެދިޔަ ނާކާމިޔާބީތަކުގެ ޕްރެޝަރެވެ.

މާޔޫސްކަން ހަނދާން ނައްތާލަން އަމިއްލަ ގައުމުގެ ޔޫރޯގެ ތަށި ހޯދަން ޖަރުމަނަށް އެބަޖެހެއެވެ. އެ ޕްރެޝަރު ބޮޑެވެ. އެހެން ނަމަވެސް، ތަށި ނޫން ގޮތެއް އެގައުމަށް އެއްވެސް އިރެއްގައި ނޯންނާނެއެވެ. އެ ޕްރެޝަރު މިރޭގެ ފުރަތަމަ މެޗަށްވެސް އޮންނާނެއެވެ. ޒުވާން ކޯޗު، ޖޫލިއަން ނަގެލްސްމަންވެސް އެކަން ގަބޫލުކުރެއެވެ.

މިރޭ ޔޫރޯ 2024 ހުޅުވާ މެޗުގައި ޖަރުމަނުން ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. ގްރޫޕް އޭގެ އެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު، އުމުރުން 36 އަހަރުގެ ނަގެލްސްމަން ބުނީ، އަމިއްލަ ފަސްގަނޑުގައި ކުޅުމަކީ ޕްރެޝަރެއް ނަމަވެސް، އެކަމުން ހިތްހަމަ ޖެހުން ހޯދޭނެ ކަމަށެވެ.

"މިއީ ޖަރުމަނުން ޔޫރޯއެއް ހޯސްޓް ކުރާ ދެވަނަ ފަހަރު. ކުޅުންތެރިންނާއި އަހަންނަށްވެސް އަމިއްލަ ފަސްގަނޑުގައި މުބާރާތަށް ނުކުތުމަކީ މުޅިން ތަފާތު އާ ތަޖުރިބާއެއް. އަދި ފުރުސަތެއް. އެކަމުގައި ޓީމަށް ޕްރެޝަރު ބޮޑު. އެހެން ނަމަވެސް، ދަނޑުމަތީގައި ހިތްހަމަ ޖެހިގެން ކުޅެން ޖެހޭ. މިއީ ޖަރުމަނަށް އުފާވެރި މުބާރާތަކަށް ހަދަން ތައްޔާރު،" ކުރިން ބަޔާން މިއުނިކަށް ކޯޗުކަން ކޮށްދިން ނަގެލްސްމަން ބުންޏެވެ.

ޖަރުމަނުގެ ކުޅުންތެރިންގެ ވިސްނުންވެސް ހުރީ އެ ބީދައިންނެވެ. ގައުމީ ޓީމަށް މާޔޫސްކަމުގައި ހޭދަވި މިދިޔަ 10 ވަރަކަށް އަހަރު ނިންމައި، އާ ޖީލެއްގެ ފެށުމަށް ޖަރުމަނު ތައްޔާރެވެ. އެ ތައްޔާރީތަކުގެ ނަތީޖާ ފެންނާނީ މިރޭގެ މުބާރާތް ފެށުމުންނެވެ. ސްކޮޓްލޭންޑާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ ޔޫރޯގެ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.