ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމުންޑްގެ ކޯޗު، އެޑިން ޓާޒިކް އަމިއްލައަށް އެދިގެން އެ ކްލަބުގެ ކޯޗުކަން ދޫކޮށްލައިފިއެވެ.

ޓާޒިކްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމުންޑް ގޮސްފައިވާ އިރު، އޭނާ އެ ފައިނަލް މެޗަށްފަހު ކްލަބުގެ އިސްވެރިންނާ ވަނީ ބައްދަލުކޮށްފައެވެ. އޭނާ ކްލަބު ދޫކޮށްލަން އެދުނީ ކްލަބުގެ އިސްވެރިންނާ މަޝްވަރާކޮށް، އެ ކްލަބުގެ އާ ޖީލެއްގެ ފެށުމަށް އާ ކޯޗެއް ގެންނަން ޖެހޭނެ ކަމަށް ފެންނާތީއެވެ.

"އަހަރެން ޑޯޓްމުންޑްގެ ކޯޗިން ޓީމުގައި މަސައްކަތް ކުރާތީ މިވީ ނުވަ އަހަރު. އޭގެ ތެރެއިން ދެ އަހަރާއި ބައިގައި މި މަސައްކަތް ކުރީ ހެޑް ކޯޗުގެ ގޮތުގައި. އަހަރެން ގަބޫލުކުރަނީ ޑޯޓްމުންޑް އާ ފެށުމަކުން ފަށަން މަސައްކަތް ކުރާ ޖީލުގެ މޫނު މައްޗަކީ އާ މީހަކަށް ވާން ޖެހޭނެ ކަމަށް،" އުމުރުން 41 އަހަރުގެ ޓާޒިކް ބުންޏެވެ.

ޓާޒިކް ބުނީ އެ ނިންމުމަކީ އޭނާއަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އެހެން ނަމަވެސް ޑޯޓްމުންޑްގެ ކުރިމަގަށް އެ ނިންމުން މުހިއްމު ކަމަށްވެސް ޓާޒިކް ބުންޏެވެ.

ޑޯޓްމުންޑްގެ އެކަޑެމީގެ ކޯޗަކަށް ފުރަތަމަ މަސައްކަތް ކުރި ޓާޒިކް ފަހުން މަސައްކަތް ކޮށްފައިވަނީ ސްލަވެން ބިލިޗްގެ އެސިސްޓެންޓެއްގެ ގޮތުގައެވެ. ބިލިޗްގެ އެސިސްޓެންޓެއްގެ ގޮތުގައި ޓާޒިކް ވަނީ ޑޯޓްމުންޑާއި ޕްރިމިއާ ލީގުގެ ވެސްޓް ހަމްގައިވެސް މަސައްކަތް ކޮށްފައެވެ.