ޖަރުމަނު ލީގުގައި ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުން އަންނަ ބަޔާން މިއުނިކުން ރޭ އަމިއްލަ ދަނޑުގައި ހެމްބާގު ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނި ތިން މެޗުންވެސް ބަޔާން މޮޅުވެފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު، ފައިދާ 12 ގޯލާއެކުގައެވެ. ބަޔާނުން މިހާތަނަށް 14 ގޯލު ޖަހާފައިވާ އިރު، އެޓީމު ކޮޅަށް ވަނީ އެންމެ ދެމެޗެވެ.

ރޭ އަމިއްލަ ދަނޑުގައި 5-0 އިން މޮޅުވި އިރު، އޭގެ ތެރެއިން ދެ ގޯލު ޖެހީ ހެރީ ކޭންއެވެ. ކޭން ވަނީ މިހާތަނަށް ޖަރުމަނު ލީގުގައި ކުޅުނު 65 މެޗުގައި 67 ގޯލު ހަމަކޮށްފައެވެ. ރޭ ޖެހި އެއް ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ކޭންގެ އިތުރުން ރޭ ބަޔާނަށް ގޯލުތައް ޖަހައިދިނީ ސާޖް ނަބެރީއާއި އެލެކްސެންޑާ ޕަވްލޮވިޗް އަދި ލުއިސް ޑިއާޒެވެ.

ރޭގެ މެޗުގެ ދެވަނަ ހާފަށް ނިކޮލަސް ޖެކްސަން ނުކުމެފައިވެއެވެ. ޖެކްސަން ޗެލްސީގެ ލޯން އެއްބަސްވުމެއްގައި ބަޔާނަށް ބަދަލުވީ ޓްރާންސްފާ ޑެޑްލައިން ޑޭގައެވެ. ޖެކްސަންއަށް އެ ނިންމުން ނިންމަން އުނދަގޫވެގެން ދިޔައީ އޭނާ ބަޔާނަށް ގޮސް ހުއްޓާ، ޗެލްސީ އަންނަން އެންގުމުންނެވެ. ޗެލްސީގެ ފޯވަޑް ލިއަމް ޑެލަޕަށް އަނިޔާވުމުން ޖެކްސަން އަލުން ގެންދަން އުޅުނު ނަމަވެސް، ޖެކްސަން އެކަމަށް އެއްބަސް ނުވީއެވެ.

ޖަރުމަނު ލީގުގެ ދެވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކު އޮތް ބްރޫޝިއާ ޑޯޓްމުންޑުން ރޭ ހެއިޑެންހެއިމް ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެޓީމުގެ ގޯލުތައް ޖެހީ ސަރްހޫ ގުރައިސީއާއި މެކްސިމިލިއަން ބެއިއާއެވެ.