ކުރިއަށް އޮތް ޔޫރޯ 2024 ގައި ވާދަކުރަން އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ނެދަލޭންޑްސްގެ ސްކޮޑަށް ނެގި ދެ ކުޅުންތެރިންނަށް އަނިޔާވުމާ އެކު، އެތަން ފޫބައްދަން ޗެލްސީގެ ލޯނެއްގައި ޑޯޓްމުންޑަށް ކުޅެމުންދާ އިއާން މާޓްސަން އާއި އިޓަލީގެ ބޮލޯނިއާއަށް ކުޅެމުންދާ ޖޯޝުއާ ޒިރްކްޒީ ސްކޮޑަށް ނަގައިފައެވެ.

ނެދަލޭންޑްސްއިން އިއުލާނު ކުރި ޔޫރޯ ސްކޮޑުގައި ހިމެނުނު ބާސެލޯނާގެ މިޑްފީލްޑަރު، ފްރޭންކީ ޑި ޔޯންގް އަނިޔާއިން ރަނގަޅު ނުވެގެން އޭނާ މިހާރު ވަނީ ސްކޮޑުން ބޭރުވެފައެވެ. އަދި އޭގެ އިތުރުން އެޓަލާންޓާ މިޑްފީލްޑަރު ޓެއުން ކޫޕްމެއިނާސްއަށްވެސް އަނިޔާވެ މިހާރު ވަނީ ސްކޮޑުން ބޭރުކޮށްފައެވެ.

ޑި ޔޯންގް ފުރަތަމަ ސްކޮޑަށް ނެގީވެސް ރިސްކްގައެވެ. މިދިޔަ ސީޒަނުގައި އެއްކޮށް ކަހަލަ ގޮތަކަށް އޭނާ އަނިޔާގައި ހުރި އިރު، ބާސާއަށްވެސް ގިނަ މެޗުތަކެއް ކުޅެވިފައެއް ނުވެއެވެ. ޑި ޔޯންގް ސްކޮޑަށް ނެގި އިރު، ފިޓްވުމުގެ ފަހު މަރުހަލައިގައި އުޅުނު ނަމަވެސް، ޔޫރޯ ނުކުޅެވޭނެ ކަމަށް ނިންމައި، މިހާރު ވަނީ ބާސާއަށް ގޮސްފައެވެ.

ކޫޕްމެއިނާސްއަށް އަނިޔާވީ، ނެދަލޭންޑްސްއިން އައިސްލޭންޑާ ދެކޮޅަށް ހޯމަ ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗަށް ވާމްއަޕް ކުރުމުގެ ތެރޭގައެވެ. މިދިޔަ ސީޒަނުގައި އެޓަލާންޓާއަށް 51 މެޗު ކުޅުނު އުމުރުން 26 އަހަރުގެ ކޫޕްމެއިނާސްއަކީ ނެދަލޭންޑްސްއަށް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް 21 މެޗު އެޓީމަށް ކުޅެފައެވެ.

ނެދަލޭންޑްސް ޓީމަށް އަލުން ނެގި، ޗެލްސީގެ ޑިފެންޑަރު އިއާން މާޓްސެން، 22، އަކީ މިދިޔަ ސީޒަނުގައި ލޯނެއްގައި ޑޯޓްމުންޑަށް ކުޅުނު ކުޅުންތެރިއެކެވެ. އެޓީމަށް މިދިޔަ ސީޒަނުގައި މުހިއްމު ކުޅުމެއް މާޓްސެން ދައްކާފައިވެއެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމުންޑް ގެންދިޔުމުގައި އޭނާގެ ދައުރު ބޮޑެވެ.

ދެން ސްކޮޑަށް އިތުރު ކުރި ޒިރްކްޒީއަކީ މިދިޔަ ސީޒަނުގައި ބޮލޯނިއާއަށް 11 ގޯލު ޖަހައިދިން ފޯވަޑެކެވެ. ކޫޕްމެއިނާސްއަކީ މިޑްފީލްޑަރެއް ކަމަށްވުމުން ނެދަލޭންޑްސް ކޯޗު، ރޮނާލްޑް ކޫމަން ފުރަތަމަ ހުރީ ބަދަލުގައި ކުޅުންތެރިޔަކު ނުނަގާށެވެ. އެހެން ނަމަވެސް އިތުރު ފޯވަޑެއް ނެގީ، އަޔެކްސްގެ ފޯވަޑް، ބްރައިން ބްރޮބޭވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި އުޅޭތީއެވެ. ބްރައިންއަށް ޔޫރޯ ގެއްލޭނެކަމެއް އަދި ޔަގީނެއް ނޫނެވެ.