އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އޮޑި ސްޕޯޓްސް ކްލަބު އެއްވަރުވި އިރު، ރޭ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުވެސް އެއްވަރު ވެއްޖެއެވެ.
އިއްޔެ ހަވީރު ދަނޑުގައި ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ސަސްއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ސަސްއިން ފުރަތަމަ މެޗު ކާމިޔާބުކޮށްފައި އޮވެ އިއްޔެގެ މެޗަށް ނުކުމެފައިވާ އިރު، އޮޑިއަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. ރޭ ޓީސީން ކުޅުނު މެޗުގައި 2-2 އިން ބުރާ އެއްވަރުވެފައިވާ އިރު، އެއީ ޓީސީން ހޯދި ދެވަނަ މޮޅެވެ.
އިއްޔެ ހަވީރުގެ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ސަސްއިންނެވެ. އެ ގޯލު ޖެހީ މުހައްމަދު އިޒާން އަލީއެވެ. މެޗުން މޮޅުވާން ސަސް ދަނިކޮށް، އޮޑިން އެއްވަރުކުރީ 83 ވަނަ މިނެޓުގައި މުހައްމަދު ޖައުސާން އަބުދުﷲ (ޖައު) ޖެހި ގޯލުންނެވެ.
ރޭގެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައި ފުރަޔަމަ ލީޑު ނެގީ ޓީސީންނެވެ. ޓީސީގެ އެ ގޯލު ޖެހީ ހުސައިން ސައްމާހެވެ. 36 ވަނަ މިނެޓުގައި ސައްމާހު ލީޑު ނަގައިދިން ނަމަވެސް، އޭގެ ދެ މިނެޓް ފަހުން ބުރުން ވަނީ އެއްވަރު ކޮށްފައެވެ. ބުރުން އެއްވަރު ކުރީ އަޒްހަދު މުހައްމަދު ޒާހިދު ޖެހި ގޯލުންނެވެ.
ދެވަނަ ހާފަށް ނުކުމެ ބުރުން ލީޑުވެސް ނެގިއެވެ. އެ ހާފުގެ ކުރީކޮޅުގައި ބުރުގެ ދެވަނަ ގޯލު ޖެހީ ހަސަން ނާއިމެވެ. ދާދި ހަމަހަމަކޮށް ފެނިގެން ދިޔަ މެޗުގައި ޓީސީއަށް އެއްވަރުކޮށްދިނީ އަބުދުﷲ އަޒާން އަބުދުލްގަފޫރެވެ. އެ ގޯލު އޭނާ ޖެހީ 79 ވަނަ މިނެޓުގައެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. ހަވީރު 4:00 ގައި ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލު ކުރާނީ ޔުނައިޓެޑް ވިކްޓަރީއާއެވެ. މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް