މާލެ އާސަހަރާ މިސްކިތުގެ މަސައްކަތް މި އަހަރުގެ އޮގަސްޓު މަހުގެ ފަހު ހަފުތާގައި ނިމޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތްކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތުގެ މަސައްކަތް ލަސްވަނީ އެތަނުގެ ކުރެހުމަށް އެކި ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށެވެ.

"އެހެންވީމަ ކުރަމުންދާ ވަރަކަށް މަސައްކަތްތަކަށް ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓަރަށްވެސް އުނގަދޫތަކެއް ދިމާވި. މަސައްކަތް ބެހިފައިވަނީ ދެ ބަޔަކަށް. އެއްބަޔަކީ ސްޓަކްޗާ މަސައްކަތް. އަނެއް ބަޔަކީ ފިނިޝިން މަސައްކަތް، އަދި ވަރަށް ގިނަ ފަހަރަށް ހުޅުމާލޭގައި ހިނަވާ މާލެ ގެންނަންޖެހޭ ފަހަރުވެސް އެބަ އާދޭ. ހުޅުމާލޭގައި ފެންތިލަވީމަ ވާރޭވެހިއްޖެއްޔާ އެތާ ވަޅުލެވޭ ގޮތެއް ނުވޭ. އެކަހަލަ ބޮޑެތި މައްސަލަ ތައްވެސް އެބަހުރި އެތަނުގައި. ވެލިވެސް އަޅަން ޖެހޭ. ވެލި އެޅެން އަންނަނީ އެތަނަށް ބަދަލުކޮށްފައި ވެލި އަޅާ އެތަނަކީ ރަނގަޅަށް ބޭނުން ކުރެވޭތަނަކަށް އެތަން ބަދަލުކުރަން އެބަޖެހޭ،" އާޒިމް ވިދާޅުވިއެވެ.

މަރާމާތަށް އާސަހަރާ ބަންދުކޮށް، ވަގުތީ ގޮތުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖެއްސީ 2023 މެއި ގައެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ އެންމެ ލަސްވެގެން އޮގަސްޓުގެ އެންޑަށް އެންމެ ލަސްވެގެން ނިންމައި ރައްޔިތުންނަށް މިތަން ބޭނުން ކުރެވޭނެ ގޮތް ހަދަން. ހުޅުމާލޭގައި މީހުން ވަޅުލުމުގެ މަސައްކަތް ކުރަމުންދާ އިރު ވަރަށް ދަތި. މާލޭގައި މިހާ ބޮޑު އާބާދީއެއް އޮވެފައި މީހަކު ނިޔާވާއިރަށް ހުޅުމާލެ މިޖެހެނީ ދާން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތުގެ އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނީގެ މީހުން އަތުން މަސައްކަތް ނަގަން ޖެހުނީ ސްރަކްޗާ މަސައްކަތްތައް ރަނގަޅަށް ކުރަމުންނުދާތީ ކަމަށެވެ.

"ފުރަތަމަ ކޮންޓެރެކްޓަރަށް 3 މިލިޔަން ރުފިޔާ ދެވިފައިވަނީ. ދެވަނަ ކޮންޓްރެކްޓަރަށް ހަމަ އެ މަސައްކަތް ހަވާކުރީ 66 މިލިޔަން ރުފިޔާއަށް. ފިނިޝިން މަސައްކަތަށް 2.7 މިލިޔަން. މިހާރު ފިނިޝިންގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްގެން ކުރިޔަށް މިދަނީ. މި ތަނުގެ މަސައްކަތް ނިމުނުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ،" މޭޔަރު ވިދާޅުވިއެވެ.

ޖުމުލަ 71.7 މިލިޔަން ރުފިޔާ އާސަހަރާގެ މަސައްކަތަށް ހަރަދުވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

  • އިތުރު ހިނަވާ އަށްޓެއް ހުންނާނެ
  • އަންހެނުން ނަމާދު ކުރުމަށް ވަކި ތަނެއް
  • އަންހެނުންނަށް ވުލޫ ކުރުމަށް ވަކިތަނެއް
  • އަންހެނުންނަށް ވަކި ފާހަނައެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ފާހަނާއެއް
  • މިހާރު ހުރި ހުރިހާ ފާހަނާއެއް ޒަމަނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިއުން
  • މިސްކިތުގެ ޖާގަ ބޮޑުވުން
  • އެތަނަށް އަންނަ ފަރާތްތައް މަޑުކޮށްލާނެ ތަނެއް

އާޒިމް އިތުރަށް ވިދާޅުވީ، ފެންފޭބުމާއި އާބާތުރަ ފިލުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިހާރުގެ ކޮންޓްރެކްޓާ ހައިމަން ބުނެފައި ވަނީ އެ މަސައްކަތްތައް އެ މީހުންގެ ހަރަދުގައި ކޮށްދެއްވާނެ ކަމަށް. އެކަމަށްޓަކައި އެބޭފުޅުންނަށް ވަރަށް ބޮޑަށް ހެޔޮ ހިތުން ޝުކުރު ދަންނަވަން. ވަރަށް މުހިންމު ވަގުތެއްމީ އަޅުގަނޑުމެންގެ ތިމާގެ މީހަކު ރައްޓެއްސަކު ދިވެއްސަކު ނިޔާވެގެންދާ ގަޑީގައި އަޅުގަނޑުމެން މިތަނަށް ރަނގަޅު މާހައުލެއް ދިނުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އާސަހަރާ ވަރަށް ބޮޑަށް ބެދިފައި ހުރުމުން ހޫނުގަދަވާނެތީ، މަސައްކަތް ނިމޭއިރު، އޭސީ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.