ޖަރުމަނުގެ ޔޫރޯ ސްކޮޑުގައި ހިމެނުނު ބަޔާން މިއުނިކްގެ އެލެކްސެންޑާ ޕަވްލޮވިޗްގެ ޓޮންސިލް ދުޅަވެ، އޭނާއަށް ޔޫރޯ ގެއްލޭނެކަން ޔަގީންވެއްޖެއެވެ.
އުމުރުން 20 އަހަރުގެ ޕަވްލޮވިޗް ޖަރުމަނަށް ފުރަތަމަ މެޗުވެސް ކުޅެފައި ވަނީ ޔޫރޯއަށް ތައްޔާރުވުމަށް، ޖޫން ތިންވަނަ ދުވަހު ޔުކްރެއިނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު 0-0 އިން އެއްވަރުވި އިރު، އޭގެފަހުން ޕަވްލޮވިޗް އަދި ގައުމީ ޓީމަށް މެޗެއް ކުޅެފައެއް ނުވެއެވެ. ޖަރުމަނުން މިދިޔަ ހުކުރު ދުވަހު ގްރީސްއާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވި މެޗުގައި ޕަވްލޮވިޗް ނުކުޅުނީ ޓޮންސިލް ދުޅަވެގެންނެވެ.
ޕަވްލޮވިޗް ސްކޮޑުން ބޭރުކޮށް، ޖަރުމަނުން އޭނާ ނެތްތައް ފޫބައްދަން ނަގާފައި ވަނީ އެ މަގާމަށް ކުޅޭ، ޑިފެންސިވް މިޑްފީލްޑަރު އެމްރޭ ޗާންއެވެ. ކޯޗު ޖޫލިއަން ނަގެލްސްމަން ބުނީ ޖަރުމަނު ޓީމުގެ މިޑްފީލްޑްގެ ތެރެއިން "ނަމްބަރު ހައެއް"ގެ މަގާމަށް އިތުރު ކުޅުންތެރިޔަކު ބޭނުންވާ ކަމަށާއި އެ މަގާމަށް އެންމެ އެކަށީގެންވަނީ ތަޖުރިބާކާރު ޗާން ކަމަށެވެ.
ނަގެލްސްމަން ބުނީ ޗާންގެ ތަޖުރިބާއާއެކު އޭނާއަށް ސްކޮޑުގައި ބޭނުންތެރި ކުޅުންތެރިއަކަށް ވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ކުރިން ލިވަޕޫލަށް ކުޅުނު ބްރޫޝިއާ ޑޯޓްމަންޑްގެ މިޑްފީލްޑަރު ޗާން، 30، މިހާތަނަށް ޖަރުމަނަށް 43 މެޗު ކުޅެފައިވެއެވެ. ޕަވްލޮވިޗްގެ ބަދަލުގައި ޗާން ސްކޮޑަށް ނަގާފައިވާ އިރު، މިފަހަރު ޖަރުމަނުގެ ލެއޯން ގޮރެޓްސްކާ ސްކޮޑަށް ނުނަގާކަން ފާހަގަކޮށްލަން ޖެހެއެވެ. ޖަރުމަނުން އިތުރު މިޑްފީލްޑަރަކަށް ބޭނުންވުމުންވެސް ގޮރެޓްސްކާ ނުނެގުމުން ބައެއް މީޑިއާތަކުގައި އެކަމަށް ފާޑު ކިޔާފައިވެއެވެ.
ޗާން ވަނީ މި ސީޒަނުގައި ޑޯޓްމަންޑްގެ ކެޕްޓަންކަމުގައި އެޓީމާއެކު ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެފައެވެ.
މިފަހަރު ޔޫރޯ 2024 ގެ ހޯސްޓް ޖަރުމަނުން މުބާރާތް ފަށާނީ ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައެވެ. އެ މެޗު އޮންނާނީ ޖޫން 14 ވަނަ ދުވަހުގެ ރޭ 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024