ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒާއި ހަސަން ހަލީލަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެޅި ފިޔަވަޅާ ބެހޭ ރެކޯޑްތައް، އޭނާގެ ޕާސަނަލް ރެކޯޑް ފައިލުން އުނިކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.
ރަމީޒުގެ މައްސަލައަކީ ފުވައްމުލަކު ސިޓީއަށް ފޯރުކޮށްދޭ އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް އާ ހިދުމަތްތަކެއް ފެށުމުގެ ގޮތުން އެ އޮފީހުގެ ސީނިއާ މުވައްޒިފަކަށް ހަމަޖެއްސުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތަށް އެސިޓީއަށް ވަޒީފާ ބަދަލުކުރަން ދެ ފަހަރުމަތިން ކުރި މަސައްކަތާ ގުޅިގެން ރަމީޒް ކަންތައް ކޮށްފައިވާ ގޮތުގެ ސަބަބުން ސީއެސްސީން އޭނާއަށް އެޅި ފިޔަވަޅާ ގުޅިގެން ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
ހާލީލުގެ މައްސަލައަކީ ހއ. ދިއްދުއަށް ފޮނުވަން ކުރި މަސައްކަތާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ރަމީޒާއި ހަލީލު ބުނެފައި ވަނީ، މީގެ ފަހުން ސިވިލް ސާވިސްގެ ކޯޑް އޮފް އެތިކްސްއާ ހިލާފްވެއްޖެނަމަ އިތުރު އިންޒާރެއް ދިނުމަކާ ނުލައި ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާއަށް ނުކުތުން މަނާކުރުން ނުވަތަ ވަޒިފާއިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު ސިވިލްސާވިސް ކޮމިޝަން ލިބިގެންވާކަން އަންގައި، ދެފަހަރެއްގެ މަތިން އެ ކޮމިޝަނުން އޭނާއަށް ދީފައިވާ އިންޒާރަކީ ބާތިލް އެއްޗެއް ކަމަށް އަމުރުކޮށްދިނުމަށާއި އޭނާއަށް އަޅާފައިވާ ފިޔަޅުތަކަކީ ގާނޫނާ ހިލާފް ފިޔަވަޅެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އޭގެ އިތުރުން އެ ދެމީހުންނަކީ އެފަދަ އިސްލާހީ ފިޔަވަޅެއް އަޅާފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި އެ ފިޔަވަޅާ ބެހޭ އެންމެހައި ލިޔެކިއުން ރެކޯޑް ފައިލުން އުނިކުރުމަށާއި އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރު ވެރިޔާގެ ގޮތުގައި މި މައްސަލައިގައި އަމަލުކޮށްފައިވާ ފަރާތުގެ މައްޗަށް ގާނޫނާ ހިލާފް އަމަލު ހިންގިކަމުގެ ތުހުމަތު ބަލައި ފިޔަވަޅު އެޅުމަކީ ސީއެސްސީގެ މައްޗަށް އޮތް ލާޒިމް މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެއެވެ.
އަދި އެ އިންޒާރާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 30،000 ރުފިޔާ އާއި ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 34،290 ރުފިޔާ އަދި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު، ޕިއުނިޓިވް ބަދަލުގެ ގޮތުގައި 114،300 ރުފިޔާއާ އެކު ޖުމްލަ 178،590 ރުފިޔާ އެކީ އެއްފަހަރާ ދިނުމަށް ކަނޑައަޅައި ދިނުމަށްވެސް ޓްރައިބިއުނަލްގައި އެދިފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ފުރަތަމަ ފަހަރު 16 ނޮވެމްބަރު 2021ގައި ރަމީޒުގެ މަސައްކަތް ވަގުތީ ގޮތުން ތިން މަސް ދުވަހުގެ މުއްދަތަށް ފުވައްމުލަކަށް ބަދަލު ކޮށްފައިވާކަން އެންގުމުން އެކަމަށް އިއުތިރާޒްކުރާކަން އަންގާފައި ނުވުމާއި އަދި ފުރައިގެން ވެސް ނުދިޔުމަކީ ގަވާއިދާ ހިލާފަށް ކުރި އަމަލެއް ކަމަށް ބުނެފައިވާ އިރު، އޭނާ ހުރީ ޗުއްޓީގައި ކަމަށެވެ.
އެހެންކަމުން އޭނާ އޭރު ހުރީ ގާނޫނުން ލިބިދީފައިވާ ހައްގު ޗުއްޓީތަކެއްގެ މަތީގައި ކަން އެނގެން އޮތުމާއި އެ ޗުއްޓީ ތަކަކީ ސީއެސްސީން އެޕްރޫވް ކޮށްފައިވާ ޗުއްޓީތަކެއްކަން އެނގެން އޮންނާތީ، އެ ފަހަރު ނުފުރުމާ ގުޅިގެން ނުވަތަ އެކަމަށް އިއުތިރާޒު ކުރިކަން ބަޔާން ނުކުރާ ކަމަށް ބުނެ، ރަމީޒަށް އިސްލާހީ ފިޔަވަޅު އަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
މިފަދަ ދެވަނަ އެންގުމެއް ރަމީޒަށް އަންގާފައިވަނީ 24 އޯގަސްޓް 2022 ގައި އޭނާ ފުވައްމުލަކަށް ފުރުވާލަން ކުރި މަސައްކަތުގެ ތެރެއިންނެވެ.
އެކަމާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ، 24 އޯގަސްޓް 2022 އަށް ރަމީޒު ފުވައްމުލަކު އޮފީހަށް ވަޒީފާއަށް ނުކުތުމަށް އަންގައި 14 އޯގަސްޓް 2022 ގައި ޗިޓް ތައްޔާރު ކުރި ނަމަވެސް، އޭނާ ފުރުމަށް ސީއެސްސީން ޓިކެޓް ނަގާފައި ވަނީ 23 އޯގަސްޓް 2022 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމަށް ފަހުގައި ކަމަށާއި އޭނާއަށް އެ ޓިކެޓް ފެނިފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު، އެހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ޓިކެޓް ފޮނުވުމުން ވަކި އެއްޗެއް އެންގުމެއްނެތި އޭނާ ފުރާފައިނުވާކަން ބަޔާންކޮށް އިންޒާރު ދިނުމަކީ އިސްލާހީ ފިޔަވަޅެއް ކަމުގައި ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި ސީއެސްސީގެ ފަރާތުން ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ރަމީޒުގެ ފަރާތުން އެދިފައިވާ 178،590 ރުފިޔާ ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް ވަނީ ނިންމައިފައެވެ. އަދި މާލީ ގެއްލުމުގެ ބަދަލާއި ނަފްސާނީ ގެއްލުމުގެ ބަދަލާއި ޕިއުނިޓިވް ބަދަލާ އެކު ހަލީލުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ޖުމްލަ 182،490 ނަގައިދެވެން ނެތް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެކަންކަމާބެހޭ ގޮތުން ރަމީޒު އާއި ހަލީލުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުރަވެވެން ނެތަތީ، ސީއެސްސީން އަޅާފައިވާ ފިޔަވަޅަކީ ބާތިލު ފިޔަވަޅެއް ކަމަށް ކަނޑައަޅައި، އެ އިސްލާހީ ފިޔަވަޅާ ބެހޭ އެންމެހާ ރެކޯޑްތައް އެ ދެ މީހުންގެ ޕާސަނަލް ރެކޯޑް ފައިލުން އުނި ކުރުމަށްފަހު ފަސް ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް ލިއުމުން އެންގުމަށް ސީއެސްސީގެ މައްޗަށް އަމުރުރާ ކަމަށް ޓްރައި ބިއުނަލްގެ ނިންމުމުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު