ރާއްޖޭގައި މިއަހަރުވެސް ބާއްވަން ތައްޔާރުވެފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މިއަދު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މިއަދުގެ އިވެންޓް އޮތީ ބޯޅަ ގޭގައެވެ. މިއަދުގެ އިވެންޓްގައި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން ސާފިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ސޮބާހް (ޗޭ)، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އަދި އިވެންޓް އޮންނަ ކ. ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް ޝަހީމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 އޮންނާނީ އޮގަސްޓް 17 އިން 24 އަށް ކ. ތުލުސްދޫ ރާޅުގަނޑުގައެވެ.
މީގެ ކުރިން ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ތުލުސްދޫގައި ބާއްވާފައިވާ އިރު، އެ ފަހަރު 18 ގައުމަކުން 90 އެތުލީޓުން ވާދަކޮށްފައިވެއެވެ. އެ މުބާރާތްވެސް ކާމިިޔާބުކޮށް ނިމިގެން ގޮސްފައިވާ އިރު، ރާއްޖެއަށްވެސް ވަނީ ކާމިޔާބީތަކެއް ލިބިގެން ގޮސްފައެވެ. ފިރިހެން އޯޕަން ބައިން ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއެވެ. އަދި އޭޝިއަން ރޭންކިންގައި ރާއްޖެއަށް ރިހި މެޑަލް ލިބުނު އިރު، ޓީމް އިވެންޓުންވެސް ރާއްޖެ ލޯ މެޑަލް ހޯދިއެވެ.
މިއަހަރުގެ އިވެންޓްގައިވެސް ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ވާދަކުރާ އިރު، މިފަހަރުގެ މުބާރާތް ހާއްސަވާ ބޮޑު ސަބަބެއް އެބައޮތެވެ. އެއީ މިއަހަރުގެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ކޮލިފިކޭޝަން އިވެންޓަކަށްވާތީއެވެ. މިފަހަރު ރާއްޖޭގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވާން ލިބޭ ފުރުސަތެކެވެ. އެހެންކަމުން މިފަހަރުގެ މުބާރާތަށް ވަނީ ތަރުހީބު ބޮޑުވެފައެވެ. މިފަހަރު 25 ގައުމަކުން 140 އަށްވުރެ ގިނަ އެތުލީޓުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާނެއެވެ.
މިއަދުގެ އިވެންޓްގައި މިނިސްޓަރު ރާފިއު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުޅިވަރުގެ ތެރެއިން ރާއްޖޭ އިޝްތިހާރު ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ ކަމަށް ސާފިން މުބާރާތުން ވެސް އެހީވެދޭނެ ކަމަށެވެ. އަދި މިފަހަރު މުބާރާތުން ރާއްޖެ އިޝްތިހާރު ކުރަން ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ސެޓިފައިޑް ތިން ފަނޑިޔާރުން މުބާރާތުގައި ބައިވެރިވާތީ އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮލިފިކޭޝަން އިވެންޓްތަކާ ގުޅިގެން ތަމޫހު ވިދާޅުވީ، ރާއްޖޭގައި ބާއްވާ އިވެންޓްތަކުން އޭޝިއަން ކަޕް ކޮލިފިކޭޝަން އިވެންޓްތަކަކީ ޝޯޓް ބޯޑު އިވެންޓްތަކެއް ކަމަށެވެ. އަންނަ 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި މުޅިން އަލަށް ސާފިން ހިމަނާފައިވާ އިރު، އެ ގޭމްސްގައި ސާފިންނަށް ލިބެނީ ޖުމުލަ 48 ސްލޮޓެވެ. އެއީ އަންހެން 24 އަދި ފިރިހެން 24 އެތުލީޓުންނަށް ލިބޭ ފުރުސަތުތަކެކެވެ.
ތަމޫހު ވިދާޅުވީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނަށް ލިބެނީ އަންހެން ދެ ޖާގަ، އަދި ފިރިގެން ދެ ޖާގަ ކަމަށެވެ. އޭގެ އިތުރުން ތަމޫހު ވިދާޅުވީ ރާއްޖޭގެ މުބާރާތުން 12 އެތުލީޓުންނަށް އޭޝިއަން ގޭމްސްއިން ފުރުސަތު ލިބޭނެ ކަމަށެވެ. އެއީ އޭޝިއާގެ ފަސް ރީޖަންގެ ޗެމްޕިއަނުންނަށް ލިބޭ ޖާގައިގެ އިތުރުން، އެ ގައުމުތައް އުނިކޮށް ދެން ލިބޭ ފުރުސަތުގައި ރޭންކިންގެ އެންމެ ކުރީގައި އޮންނަ ރޭންކިން އެންމެ މަތީ ހަތް އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ކަމަށެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް