އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަވައި "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ، އެ ގައުމަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި އެއީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައީސާ ދުރޫޕަދީ މުރްމޫ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެ ވެސް ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެ ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ ކަމަށް ޔަގީންކުރަން. ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ،" ރައީސް ވިދާޅުވިއެވެ.

މޯދީ ހުވާކުރެއްވުމުގެެ ރަސްމިއްޔާތަށް ރައީސް އިންޑިއާ އަށް ވަޑައިގަތީ އާދިއްތަ ދުވަހުއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. މިއީ، ރައީސްކަމާ ހަވާލުވެވަޑައިގެން އިންޑިއާއަށް އެ މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.