ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް، ވިނީޝިއަސް ޖޫނިއާއަށް ނަސްލީގޮތުން ދިމާކުރި ވެލެންސިއާގެ ތިން ސަޕޯޓަރަކު އަށް މަހަށް ޖަލަށް ލާން ސްޕެއިންގެ ކޯޓުން ހުކުމް ކޮށްފިއެވެ.

ރެއާލް އިން މިދިޔަ ސީޒަނުގެ ތެރެއިން މޭމަހު ވެލެންސިއާއާ ދެކޮޅަށް އެ ކްލަބުގެ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާ ސަޕޯޓަރުން ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ދިމާކުރުމުގެ އިތުރުން އޭގެ ކުރިން ރެއާލްގެ ތަމްރީން ހަދާ ދަނޑު ކައިރީ ނަސްލީގޮތުން ދިމާކުރުމުގެ ސްޓެޗިއުއެއް ބެހެއްޓި މައްސަލައެއްވެސް ލަލީގާ އިން ވަނީ ބަލައި، ސްޕެއިންގެ ސްޕޯޓްސް ކޮމިޝަނަށް ފޮނުވައިފައެވެ.

އެ މައްސަލައިގައި ވަކިވަކި ފަރާތްތަކަށް އަދަބު ދީފައިވާ އިރު، ރެއާލްގެ ތަމްރީނުތައް ފުރިހަމަކުރާ މަރުކަޒު ކައިރީ ބެހެއްޓި ސްޓެޗިއުގެ މައްސަލައިގައި ހަތަރު މީހަކު 51،700 ޕައުންޑުން ޖޫރުމަނާކޮށް، އެ ހަތަރު މީހުންނަށް ވަނީ ސްޕެއިންގެ އެއްވެސް ފުޓުބޯޅަ ސްޓޭޑިއަމަކަށް ނުވަދެވޭނެ ގޮތަށް ދެ އަހަރުގެ ސްޓޭޑިއަމް ބޭންއެއް ކޮށްފައެވެ.

ވިނީޝިއަސްއަށް ތަކުރާރުކޮށް ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިވެފައިވާ އިރު، ވެލެންސިއާ ސަޕޯޓަރުންގެ މައްސަލައިގައި އޭނާ ވަނީ ރެއާލާއި ލަލީގާއާ އެކު ކޯޓަށް ގޮސްފައެވެ. ކޯޓުން މައްސަލަ ބަލައި، އިއްޔެ ހުކުމް ކޮށްފައިވާ އިރު، ސަޕޯޓަރުންގެ މައްޗަށް ސާބިތުވީ ނަސްލީ ތަފާތުކުރުމުގެ ނިޔަތުގައި އާންމު އިޖުތިމާތީ މިންގަޑުތަކާ ހިލާފުވިކަމުގެ ކުށެވެ.

އަދަބެއްގެ ގޮތުގައި އެ ތިން ސަޕޯޓަރުން 12 މަހަށް ޖަލަށް ލާން ފުރަތަމަ ހުކުމް ކުރި ނަމަވެސް، ތަހުގީގަށް އެއްބާރުލުން ދިނުމުން އެ އަދަބު ވަނީ އަށް މަހަށް ތިރިކޮށްފައެވެ. އަދި އޭގެން އެއްވެސް ސަޕޯޓަރަކަށް ސްޕެއިންގެ ފެޑަރޭޝަނުން އިންތިޒާމް ކުރާ މެޗުތަކަށް ނުވަދެވޭނެ ގޮތަށް ތިން އަހަރަށް ބޭންވެސް ކޮށްފައިވެއެވެ. އެ ބޭންވެސް ފުރަތަމަ ކުރީ ހަތަރު އަހަރަށް ނަމަވެސް، ފަހުން އަދަބު ލުއި ކުރިއެވެ.

މިއީ ކުޅިވަރުގެ ތެރެއިން ނަސްލީގޮތުން ދިމާކޮށްގެން، ބަޔަކަށް އަދަބު ދިން ފުރަތަމަ ފަހަރެވެ. އެ ނިންމުމާ އެކު ވިނީޝިއަސް ބުނީ، ނަސްލީ ތަފާތުކުރާ މީހުންނަށް އިންޒާރެއް ދެވިއްޖެ ކަމަށާއި އެ މީހުން ފަސް ޖެހޭނެ ފަދަ ހުކުމެއް ކުރީތީ އުފާކުރާ ކަމަށެވެ. އެ ނިންމުމަށް ލަލީގާގެ ރައީސް ހާވިއޭ ތާބާސް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ މަރުހަބާ ކިޔައިފައެވެ.