ދިރާގު އީދު ޝޯއާއި "ވިން އަ ޓެސްލާ"ގެ ގުރު ނެގުން މިމަހުގެ 17 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގުން މިއަދު ބުނީ މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ އީދު ޝޯގައި މަޝްހޫރު މިއުޒިޝަނުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރެވިއޯ، ސްކައިރޮކް، އީކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ޑީޖޭ އަލީ އަދި ސިމްބޮލިކް ރެކޯޑްސް ފަދަ ހުނަރުވެރި ދިވެހި މިއުޒިކް ކުޅުންތެރިންގެ ލައިންއަޕެއް ޝޯއިން ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

"މީގެ އިތުރުން ޝޯގެ ތެރެއިން ގިނަ ބަޔަކު އިންތިޒާކުރަމުންދާ، ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުއަތުގެ ނަސީބުވެރިޔާ ވެސް އިއުލާންކުރެވިގެން ދާނެ" ދިރާގުން ބުންޏެވެ.

ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މެދުކެނޑުމަކަށްފަހު ދިރާގު އީދު ޝޯ އަލުން އާންމުންނާ ހަމައަށް ގެނެސްދިނުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ އުއްމީދަކީ މި ޝޯގެ ޒަރިއްޔާއިން އީދުގެ ރޫހު އާލާވެ، ބެލުންތެރިންގެ ހަނދާނުން ނައްތާނުލެވޭ ފަދަ ފުރިހަމަ ތަޖުރިބާއަކަށް މި އިވެންޓް ވެގެން ދިޔުން. އަދި ވީހާވެސް ގިނަ ބޭފުޅުން، ރައްޓެހިންނާއި އާއިލާއާ އެކު، ޝޯ ބަލައިލުމަށް ވަޑައިގަންނާނެ ކަމަށް އުންމީދު ކުރަން" ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގު އީދު ޝޯ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެ ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަމަށް ދިރާގުން ބުންޏެވެ.