ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް މުއިއްޒު، އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ ތަރައްގީއާއި ފާގަތިކަމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ރައީސް މުރުމޫ ވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުފުޅު ކުރެއްވީތީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ. ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށް މުރުމޫ ވިދާޅުވިއެވެ. މުރުމޫ ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރައްވައިފައިވާތީ ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.
އިންޑިއާ ސަރުކާރުގެ "ނޭބާހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދިނުމުގެ ޝައުގުވެރިކަން މުރުމޫ ވަނީ ފާހަގަ ކުރައްވައިފައެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު އިންޑިއާއަށް ވަޑައިގަތުމުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރައްވައި އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ތާރީހީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެ ގައުމުގެ ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ،
އެ ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު