އުރީދޫ ފަން ރަން – ލާމު އެޑިޝަންގައި ރަޖިސްޓްރީވުމުގެ ފަހު ދުވަހަކީ މިއަދު ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ބުނީ ފަން ރަން ލާމު އެޑިޝަންގައި http://ore.do/funrun2024 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށެވެ.

އުރީދޫ ފަން ރަން އަކީ އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެތައް ހަރަކާތެއްގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި "ފަން ރަން" ގައި 5000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ފަން ރަން ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. މިފަހަރުގެ ފަން ރަންއަކީ ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވެގެންދާނެއެވެ.

އުރީދޫ ފަން ރަންގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ފަން ރަންގައި މިފަހަރުވެސް މަޖާ، ތަފާތު ހަރަކާތްތަކެއް ހިމެނޭ އިރު، ފަސް ކިލޯ މީޓަރުގެ ކުރުދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫން ބުނެފައިވަނީ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގުކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ލާމު ފަން ރަންގެ ކިޓުތައް ލިބެން ހުރީ ދެ ކެޓަގަރީއަކަށެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސަތޭކަ ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑެކެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓުގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ލ. އަތޮޅަށް މިފަހަރުގެ ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ އެންމެންނަށްވެސް މަޖާ، ގުޅިގެން ހަރަކާތްތެރިވެވޭނެ ފުރިހަމަ ހަރަކާތެއް ބޭއްވުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުންނަށް ރަންގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދޭން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

"ލާމު އަތޮޅަށް ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް މަޖާ އަދި ގުޅުން ބަދަހިކުރެވޭ ފަދަ ހަރަކާތެއް ބޭއްވުން. މިއީ ހަމައެކަނީ ދުޅަހެޔޮ ސިއްހަތަށް ކުރާ ކަމެއް ނޫން، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެންނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތައް ބޭއްވުމަކީ އުރީދޫން އަބަދުވެސް މަސައްކަތްކުރާ ކަމެއް. މި އުފާވެރި ހަރަކާތުގައި ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރަން،" ސީއީއޯ ހަމާދީ ވިދާޅުވިއެވެ.