އަންނަ އަހަރު ބާއްވަން މަސައްކަތް ކުރާ އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕްގައި ރެއާލް މެޑްރިޑުން ނުކުޅޭނެ ކަމަށް ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ފީފާއިން ކްލަބު ވޯލްޑް ކަޕްގެ ފޯމެޓަށް ބަދަލު ގެނެސް، 32 ޓީމާއެކު ފުރަތަމަ މުބާރާތް ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން 15 އިން ޖުލައި 13 އަށެވެ. އެއީ ސީޒަން ބްރޭކުގައެވެ. މިހާރު އޮތް ފޯމެޓްގެ ސަބަބުން، ކުޅުންތެރިންނަށް ބުރަބޮޑުވެ، އަނިޔާގެ މައްސަލަތައް އިތުރުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ އުފުލާފައިވާ އިރު، ރެއާލުން އެ ފޯމެޓާ ދެކޮޅަށެވެ.

"ފީފާއިން ހަނދާން ނައްތާލާ! ކުޅުންތެރިންނާއި ކްލަބުތަކަކުން ބޭނުމެއް ނުވޭ އެ ފޯމެޓަށް ކްލަބު ވޯލްޑް ކަޕްގައި ކުޅޭކަށް. ރެއާލް މެޑްރިޑްގެ އެންމެ މެޗެއްގެ އަގަކީ 20 މިލިއަން ޕައުންޑް. ފީފާއިން ބޭނުންވަނީ ބޮޑު ކަޕެއް ކުޅުވަން އެ އަގު ދީގެން. އަހަރެމެންނެކޭ އެއްގޮތަށް އެހެން ކްލަބުތަކުންވެސް އެ ވިސްނުމާ ދެކޮޅުވާނެ،" އެންޗެލޮޓީ، 65، ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދި ރެއާލަކީ އަންނަ އަހަރުގެ ފީފާ ކްލަބު ވޯލްޑް ކަޕްގައި ޔޫރަޕުން ވާދަކުރާ 12 ޓީމުގެ ތެރެއިން އެއް ޓީމެވެ. އެ މުބާރާތަށް ޕްރިމިއާ ލީގުން ކޮލިފައިވެފައިވަނީ ޗެލްސީއާއި މެންޗެސްޓާ ސިޓީއެވެ. ރެއާލާއި ޔުވެންޓަސް ނޫނީ ޔޫރަޕުން ކްލަބު ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ ޓީމަކީ ދަ ޔޫރަޕިއަން ކްލަބު އެސޯސިއޭޝަންސް (އީސީއޭ)ގެ މެމްބަރު ކްލަބުތަކެވެ. ޔުވެންޓަސްއިން މިހާރު އަންނަނީ އަލުން އީސީއޭއާ ގުޅެން ތައްޔާރުވަމުންނެވެ.

އީސީއޭއިން ރެއާލްގެ ހިޔާލަށް އަދި އެއްޗެއް ބުނެފައިނުވާ އިރު، ރެއާލާއި އީސީއޭ އަދިވެސް އޮތީ ވިސްނުން ތަފާތުކޮށެވެ. އެއީ 2021 ވަނަ އަހަރު ބޮޑެތި ކްލަބުތަކުން އުފައްދަން މަސައްކަތް ކުރި ސުޕަ ލީގު ޕްރޮޖެކްޓްގެ ސަބަބުންނެވެ. އެ ޕްރޮޖެކްޓަކީ އީސީއޭއިން ބޭރު ކްލަބުތަކުން އުފައްދަން މަސައްކަތް ކުރި ޖަމިއްޔާއެކެވެ. ފައިސާގެ ނަފާ ބޮޑުކުރަން އުފެއްދި އެ ޕްރޮޖެކްޓާ ސަޕޯޓަރުން ދެކޮޅުވެ، 48 ގަޑިއިރު ތެރޭގައި ހުރިހާ ކްލަބަކުން ކަހަލަ ގޮތަކުން ވަކިވިއެވެ.

މިހާރު ސުޕަ ލީގުގައި ދެމި ތިބީ ރެއާލް މެޑްރިޑާއި ބާސެލޯނާ އެކަންޏެވެ. އެއީ ފައުންޑިން އަށް ކްލަބުން ދެ ކްލަބެވެ.