އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި އައިސްލޭންޑް ކައިރިން ބަލިވި ބަލިވުމަކީ އިންގްލެންޑަށް ނިދިން ހޭލަން ލިބުނު "ވޭކް-އަޕް ކޯލް"އެއް ކަމަށް ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
ޔޫރޯ 2024 ގެ ކުރިން އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު އެންމެފަހު ވާމްއަޕް މެޗުން އިންގްލެންޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ސަޕޯޓަރުންވެސް އިންގްލެންޑަށް "ބޫ" ކޮށްފައިވާ އިރު، ކޭން ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ސަޕޯޓަރުން އެ ބުނެދެނީ ޓީމަށް އުންމީދުކޮށްގެން ތިބި ވަރު ކަމަށެވެ.
"އައިސްލޭންޑް ކައިރިން ބަލިވުމަކީ އެވާހަކަ ދެކެވޭނެ ކަމެއް. މާޔޫސްކަންވެސް އަންނާނެ ކަމެއް. ސަޕޯޓަރުންގެ ފަރާތުން އެ ފެނުނީ ސަޕޯޓަރުން ޓީމަށް ދޭ ލޯބި. ސަޕޯޓަރުންގެ އުންމީދުތައް ވަރަށް ބޮޑަށް ޓީމަށް އެބަ އޮތް. އެހެންވީމަ އެ މާޔޫސް ވަނީ. ސަޕޯޓަރުންނަށް ޖަވާބު ދޭން ޖެހޭނީ ދަނޑުމަތިން،" ޔޫރޯ 2020ގެ ފައިނަލްގައި އިންގްލެންޑަށް ކުޅުނު ކޭން ބުންޏެވެ.
ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށް ބަދަލުވެ، މި ސީޒަނުގައި 36 ގޯލު ޖަހައި ލީގު ރެކޯޑު ހެދި ކޭން، ރަނގަޅު ފޯމެއްގައި ޔޫރޯއަށް ދާއިރު، ގައުމީ ޓީމަށް އަދި އެންމެ ރަނގަޅު ފޯމެއްގައި ކުޅެފައެއް ނުވެއެވެ. މިދިޔަ އެކުވެރިކަމުގެ ދެ މެޗުގައިވެސް އިންގްލެންޑްގެ ފަރާތުން އެންމެ އެކަށީގެންވާ ރީތި ކުޅުމެއް ފެނިގެން ނުދާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ކޭން ބުނީ، އިންގްލެންޑަށް ހޭލަން ފުރުސަތު ލިބިއްޖެ ކަމަށާއި ބުރަ މަސައްކަތް ކުރަން އޮތްކަން ހަނދާން ކޮށްދީފި ކަމަށެވެ.
"އިންގްލެންޑަށް ނިދިން ހޭލަން ލިބުނު ވޭކް-އަޕް ކޯލެއް އައިސްލޭންޑް މެޗަކީ. އެނގިގެން އެދިޔައީ ފަސޭހަ ނުވާނެކަން. އަދި ބުރަ މަސައްކަތް ކުރިއަށް އެބައޮތް ކަމަށް،" އިންގްލެންޑްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ކޭން ބުންޏެވެ.
ކޭން އިތުރަށް ބުނީ އައިސްލޭންޑް މެޗުގައި ގޯލު ޖަހަން ފުރުސަތުތައް ލިބި ބޭކާރުވި ކަމަށާއި އެކަންތައް ރަނގަޅު ކުރުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޔޫރޯއަށް އިންގްލެންޑް ނުކުންނާނީ މާޔޫސްވެފައި ތިބެ ނޫން ކަމަށާއި އުފާވެރިކަމުގައި ކަމަށްވެސް ކޭން ބުންޏެވެ.
ޔޫރޯ 2024 ގެ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އިންގްލެންޑުން މިފަހަރުގެ ކެމްޕޭން ފަށާނީ ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް