އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލްގެ މަސައްކަތް ނިންމަން ޖެހޭނީ، ރާއްޖޭގެ މިނިވަން ކަމާއި ރައްކާތެރިކަމާއި އިގުތިސޯދީ ގޮތުން ގެއްލުން ނުވާނެ ގޮތްތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ތެދާއި ހަގީގަތަށް ވާހަކަ ދައްކާނަމަ ގައުމުދެކެ ލޯބިވުމާއި ގައުމިއްޔަތަކީ ދެ އެއްޗެއްކަން ދެނެގަންނަން ޖެހޭ ކަމަށެވެ.
"ގައުމުދެކެ ލޯބިވުމަކީ ގައުމުން ކުރާ ކަންކަމާ މެދު ފަހުރުވެރިވުން، ގައުމިއްޔަތަކީ ކޮންމެ ފަދަކަމެއް ގައުމު ކުރިކަމުގައިވިނަމަވެސް އެކަމާ ފަހުރުވެރިވެ ވަރިހަމަވުން،"
ނާޒިމް ވިދާޅުވި ގޮތުގައި، ޒިންމާދާރުވުމަކީ ކަނު ބަނދެވިގެން ތިބެގެން ކަންކަން ނިންމުމެއް ނޫނެވެ. ގައުމުދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދައި ލިބިގަތުމެއް ވެސް ނޫނެވެ. އަދި ގައުމުތަކަށް ވުރެ ތިމާމެން ނަގާ ޕޮޒިޝަން މާ ހަރުދަނާވެފައި މާ މޮޅޭ ބުނުމެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަންކަން އަޅުގަނޑުމެން ނިންމަން ވާނީ ޖުމްލަ ގޮތެއްގައި ޖަމްއު ގޮތެއްގައި އަޅުގަނޑުމެންގެ މިނިވަން ކަމާއި ރައްކާތެރިކަން އަދި އިގުތިސޯދީ ގޮތުންވެސް ގެއްލުން ނުވާނެ ގޮތަކަށް،"
ނާޒިމް ވިދާޅުވީ، މި ބިލަށް ކޮމިޓީގައި ބަހުސް ކުރަމުންދާ އިރު ކަމުގެ އެންމެ އަޑިއަށް ވާސިލްވެ އެކަމުގެ ސަބަބުން އަންނާނެ އިމްޕެކްޓްގެ ރަނގަޅު އެސެސްމެންޓެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"މިކަން މިހާރު އޮތް ހިސާބަށް ބަލާއިރުވެސް މިހާރުވެސް ރިޒަވޭޝަންތަކެއް ހަދައިފައި ތިބި ބަޔަކު ތިބޭނެ، އެމީހުން ހަދާފައިވާ ރިޒަވޭޝަންތަކާ ކަންކަން ގުޅިގެންދާނީ މި ބިލުގެ ކަންތައްތައް ނިމޭނެ ދުވަހެއްގެ މައްޗަށް. އެމީހުން ދައްކާފައިވާ ފައިސާ އާއި ބުކިންތަކާ އެއްޗެހި ކެންސަލް ކުރުމާ ދޭތެރޭގައި ރިސޯޓުތަކުންވެސް ކަންބޮޑުވުން އޮންނާނެ. އަދި ކެންސަލް ކުރާނަމަ، އެމީހުންނަށް ނާދެވޭނަމަ އެ ފައިސާވެސް އަނބުރާ ދައްކަން ޖެހޭނެ،"
ނާޒިމް ވިދާޅުވީ، ކޮމިޓީގައި ބިލުގެ މަސައްކަތް ކުރިއަށްދާ އިރު، ހުރިހާ ނަޒަރިއްޔަތަކުން ބަލައި، އިގުތިސޯދީ ގޮތުން ވިޔަސް، ސަލާމަތީ ގޮތުން ވިޔަސް، ރައްކާތެރި ގޮތުން ކަމަށް ވިޔަސް ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ވީހާ އަވަހަކަށް ބިލް މަޖިލިސް ތަޅުމަށް ގެންނަން އެދިވަޑައިގަންނަވާ ކަމަށެވެ.
މި ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވުމަށް ނާޒިމް ވަނީ ތާއީދު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު