ބުރު ސްޕޯޓްސް ކްލަބު ބަލިކޮށް، ސުޕަ ޔުނައިޓެޑް (ސަސް) އިން މޮޅަކާ އެކު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފަށައިފިއެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ސަސްއިން ބުރު ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. ޖުމުލަ އަށް ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ފެށީ އިއްޔެއެވެ. އިއްޔެ ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފައިވާ އިރު، މިހާރު ޝެޑިއުލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއީ ރޭގަނޑު މެޗުތައް ކުޅުމަށް ސްޕޯޓްސް މިނިސްޓްރީން ހުއްދަ ދިނުމާއެކުގައެވެ.
ސަސް އާއި ބުރު ވާދަކުރަން އޮތް މެޗު ފުރަތަމަ ކުޅެން އޮތީ އިއްޔެ ހަވީރު ނަމަވެސް، ރެއަށް އެމެޗު ބަދަލުކުރީއެވެ. މިހާރު ޝެޑިއުލް އޮތް ގޮތުން، ކުރިން ހެނދުނު ކުޅެން އޮތް މެޗުތައް ދެން އޮންނާނީ ހަވީރުއެވެ. އަދި ހަވީރު ކުޅެން ފުރަތަމަ ތާވަލުކޮށްފައި އޮތް މެޗުތައް ދެން އޮންނާނީ ރޭގަނޑުއެވެ.
ސަސްއިން ވަނީ ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ބުރުގެ ކީޕަރު އަލީ އައްޝަމް އާތިފް އަތުން ބައިކޮޅަށް ވަން ގޯލުން ސަސް ލީޑު ނެގި އިރު، އެ ގޯލަށް ހަ މިނެޓް ފަހުން އަހުމަދު ނަވާފް ފައުޒީ ޖެހި ގޯލުން ސަސް ލީޑު ފުޅާކުރިއެވެ. ހާފު ނިމުމުގެ ކުރިން އިތުރު ތިން ގޯލު މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ސަސްގެ ތިންވަނަ ގޯލު ޖެހީ މުހައްމަދު ހޫދު އަހުމަދެވެ.
ތިން ގޯލުގެ ލީޑެއްގައި ސަސްއިން ހާފު ނިންމާލަން ދަނިކޮށް، މުހައްމަދު ނިހާންގެ ދެ ގޯލާއެކު ބުރުން ވަނީ އެއް ގޯލަށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ކޮންމެވެސް ވަރެއްގެ އުންމީދަކާ އެކު ބުރުން ދެވަނަ ހާފަށް ނުކުތް ނަމަވެސް، ސަސް ފެނުނީ މާ މޮޅުކޮށެވެ. މުހައްމަދު އައިމަން އަލީގެ ގޯލުން އަނެއްކާވެސް ލީޑު ފުޅާކުރި އިރު، ސަސްގެ ފަހު ދެ ގޯލުވެސް ޖެހީ މުހައްމަދު އިޒާން އަލީއެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އޮންނަ މެޗުގައި މާޒިޔާއިން ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މިރޭ އޮންނަ މެޗުގައި ކްލަބު އީގަލްސްއިން ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް