އިންގްލެންޑުން ޔޫރޯގައި ކާމިޔާބު ހޯދުމަށް ހަމައެކަނި ޖޫޑް ބެލިންހަމްއަށް ބަރޯސާ ނުވާނެ ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

އިންގްލެންޑުން ޔޫރޯ 2024 އަށް ސްކޮޑު ފައިނަލްކޮށް، އެންމެފަހުން ކުޅުނު ވާމްއަޕް މެޗުގައި އައިސްލޭންޑް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ވި ބައްޔާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސައުތުގޭޓަށް އަމާޒުވެފައިވާ އިރު، އޭނާއަށް އޭގެފަހުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑާއެކު ހޯދި އިތުބާރު މިޑްފީލްޑަރު ޖޫޑް ބެލިންހަމް ޓީމުގެ ކޭމްޕާ ގުޅުމެވެ.

އުމުރުން 20 އަހަރުގެ ބެލިންހަމްއަކީ އިންގްލެންޑްގެ ސްކޮޑާ އެންމެ ލަހުން ގުޅުނު ކުޅުންތެރިޔާއެވެ. ރެއާލާއެކު ހޭދަކުރި ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު އިއްޔެ ސްކޮޑާ ގުޅުނު ބެލިންހަމްއަށް ކިހާ ވަރަކަށް ބަރޯސާވާނެތޯ ނޫސްވެރިން ސުވާލުކުރުމުން ސައުތުގޭޓް ބުނީ، ހުރިހާ ކަމެއް ބެލިންހަމް ބޮލަށް ނުޖަހާނެ ކަމަށެވެ.

"އަހަންނަށް ޔަގީން ބެލިންހަމް ވަރަށް ފުރިހަމައަށް ޕްރެޝަރު ހެންޑަލް ކުރާނެކަން. އެހެންވިޔަސް، ބެލިންހަމްއަށް ހުރިހާ ކަމެއް ބަރޯސާ ނުކުރާނަން. އަހަރެމެން ސްކޮޑުގައި އިތުރު މުހިއްމު ގިނަ ކުޅުންތެރިންތަކެއް އެބަތިބި. މުބާރާތަކުން މޮޅުވާން މަސައްކަތް ކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި،" ސައުތުގޭޓް ބުންޏެވެ.

އެންމެފަހުން ބޭއްވި ޔޫރޯ 2020 ގެ ފައިނަލާ ހަމައަށް އިންގްލެންޑް ގޮވައިގެން ދިޔަ ސައުތުގޭޓް ބުނީ ބެލިންހަމްއަށް ހުރިހާ ކަމެއް ބަރޯސާ ނުކުރި ނަމަވެސް، އޭނާއަކީ މުޅި ޓީމުގެ ރޫހަށްވެސް ބަދަލު ގެނުވާނެ ކަހަލަ ވިސްނުމެއް ހުރި ވަރުގަދަ ކުޅުންތެރިއެއްކަން ގަބޫލުކުރާ ކަމަށެވެ.

ބެލިންހަމް ރެއާލާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައިވެސް އޭނާ ވަނީ ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ރެއާލަށް ލީގު މެޗުތަކުގައި 19 ގޯލު ޖަހައިފައެވެ. ބެލިންހަމް ވަނީ ރެއާލާއެކު ލީގު ތަށި ހޯދައި، ޔޫރަޕްގެ ތަށި ހޯދައިފައެވެ.