ގަވާއިދާ ހިލާފަށް އިމިގްރޭޝަނުން ބިދޭސީއަކު ހައްޔަރުކޮށް ބަންދު ކުރުމަށްފަހު އޭނާ ފޮނުވާލަން އުޅޭ ކަމަށް ބުނެ، ވަގުތުން ވަގުތައް އޭނާ ދޫކޮށްލުމަށް އަމުރުކުރަން ހުށަހެޅި މައްސަލައިގައި ކޯޓުން އަމުރެއް ނުނެރެދިނެވެ.

މި މައްސަލައަކީ ބިލަކް ޕްރައިވެޓް ލިމިޓެޑްގެ ސްޕޮންސާގެ ދަށުން އެ ކުންފުނީގެ ލޭބަރެއްގެ މަސައްކަތް ކުރަމުންދާ ބަނގްލާދޭޝްގެ މުސްތަފާ ގުލާމް ކިޔާ މީހަކު ގާނޫނާ ހިލާފަށް އިމިގްރޭޝަނުން ހައްޔަރުކޮށް އޭނާ ފޮނުވާލަން އުޅޭ ކަމަށް ބުނެ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަކްރަމް އަބުދުއްރަހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އެ ކުންފުނީގެ ފަރާތުން ބުނެފައި ވަނީ ބަރާބަރަށް ކުންފުނީގެ ވިސާ ދައްކައި ގާނޫނާ އެއްގޮތަށް އުޅެމުން ދަނިކޮށް، އެއްވެސް ކުށެއް ނެތި އަދި ރާއްޖޭގެ ގާނޫނާ ހިލާފަށް އެއްވެސް އަމަލެއް ހިންގާފައި ނުވަނީސް، މެއި މަހުގެ 15 ވަނަ ދުވަހު ގުލާމް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އެނާގެ ފޯނު ހެދުމަށް މޯބައިލް ފިހާރައަކަށް ގޮސް ހުއްޓައި ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ހައްޔަރުކޮށް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށް ރާއްޖޭން ބޭރަށް ފުރުވައިލުމަށް ނިންމައި އޭނާގެ ޕާސްޕޯޓް ހަވާލު ކުރުމަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ކުންފުނީގެ ފަރާތުން ކޯޓުގައި އެދިފައި ވަނީ، ގުލާމް ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ދޫކޮށްލުމަށެވެ.

އެ މައްސަލައިގެ މައުލޫއަށް ގޮތް ނިންމުމުގެ ކުރިން މިހިނދުން މިހިނދަށް އޭނާ ދޫކޮށްލުމަށް އިމިގްރޭޝަންގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެފަރާތުން އެދިފައިވެއެވެ. ސަބަބެއްގެ ގޮތުގައި އެފަރާތުން ބުނެފައި ވަނީ، އޭނާ ފޮނުވައިލުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ހުރުމުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެށް ލިބޭ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މައުލޫއީ ދައުވާގައި ނެތް ނަމަވެސް ވަގުތީ އަމުރެއް މެދުވެރިކޮށް ވަގުތީ ފަރުވާއެއްގެ ގޮތުގައި ނަގައިދިނުމަށް އެދޭ ބާވަތުގެ ފަރުވާއެއް ވަގުތީ ފަރުވާއެއްގެ ގޮތުގައި ކޯޓަށް ނަގައިދެވިދާނެ ކަމަށެވެ.

ނަމަވެސް ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރަކުން އަސްލު މައްސަލައިގައި ހިމެނޭ މައުލޫއީ ހައްގަކަށް އަސަރު ކުރާފަދަ ގޮތަކަށް ނުވަތަ އެ ހައްގު ބާތިލްކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރެއް ނެރެދިނުމުގެ ބާރު ކޯޓުތަކަށް ނުވަތަ ޓްރައުބިއުނަލްތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް އަމަލު ކޮށްފިނަމަ، ވެގެންދާނީ ދައުވާގައި ހިމެނޭ މައުލޫއީ ހައްގަށް ދާއިމީ ހިމާޔަތް، ކުރިއާލައި ދިނުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މި މައްސަލައިގައި އޭނާ ހައްޔަރު ކުރުމުން ގެއްލުން ލިބޭ ކަމަށް ބުނެފައިވީ ނަމަވެސް ލިބޭ ގެއްލުމުގެ އެއްވެސް ތަފްސީލެއް ނުވަތަ ހެތްކެއް ހުށަހަޅާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމުގައި ބެލެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަންކަަމަކީ ހުށަހަޅާފައިވާ ދައުވާގެ މައުލޫއުގައި ވެސް އެދިފައިވާ ފަރުވާއަށް ވީހިނދު، ދައުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރެފިނަމަ، އެކަމުގެ ސަބަބުން ދައުވާގައި ހިމެނޭ މައުލޫއީ ހައްގަށް ކުރިއާލައި ދާއިމީ ހިމާޔަތް ދެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.