ހުޅުމާލޭގައި އިމާރާތްކުރާ ލަގްޒަރީ އެޕާޓްމެންޓްތައް ކަމަށްވާ ކޭޕާކް އެޕާޓްމެންޓްތައް ނިންމަން ހަވާލުކުރި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާ މައްސަލައިގައި އެޗްޑީސީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ދައުވާ ހުށަހެޅުމުގެ ކުރިން ހެކި ހާމަ ކުރުމުގެ އަމުރަކަށް އެދި ލ. ފޮނަދޫ ރޯޝަނީ ވިލާ ފާތުމަތު އާސިޔާ ގެ ފަރާތުން ހައުސިން ޑިވެކޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އެޗްޑީސީގެ ފަރާތުން ހޯދުމަށް އޭނާ އެދިފައި ވަނީ، ކޭޕާކް ރެޒިޑެންޓް އިމާރާތް ކުރުމާގުޅޭ ގޮތުން އެޗްޑީސީ އާއި ހަންބޯ ކޮމްޕެނީ ލިމިޓެޑާ ދެމެދު 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެއަށް އިސްލާހެއް ގެނަސްފައިވާ ނަމަ، އެ އިސްލާހުގެ ކޮމިޕީ އާއި އެތަން އިމާރާތް ކުރުމާ ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކުރި އިރު ޕްރޮޖެކްޓް ސެކިއުރިޓީގެ ގޮތުގައި އެއްވެސް ސެކިއުރިޓީއެއް ހުށަހަޅާފައިވާ ނަމަ، އެކަމާ ގުޅޭ ލިއުމުގެ ކޮޕީ އާއި އެ ޕްރޮޖެކްޓާ ގުޅިގެން މިހާރު އެއްވެސް ސެކިއުރިޓީއެއް ހުރި ނަމަ، އެ ސެކިއުރިޓީއާ ގުޅޭ ލިއުންތަކެވެ.
މީގެ އިތުރުން އެކަމާބެހޭ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު، އެހެން އެއްވެސް ފަރާތަކަށް ދިނުމަށް އެޗްޑީސީން ހުއްދައެއް ނުވަތަ ނޯ އޮބްޖެކްޝަން ދީފައިވާނަމަ، އެކަން އެނގޭ ލިއުމުގެ ކޮޕީ އާއި އެއްބަސްވުމުގެ ދަށުން އިމާރާތް ކުރުމަށް ހަވާލު ކޮށްފައިވާ ހައުސިން ޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ "ހަންބޯ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" އަށް އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ އެޗްޑީސީން ދީފައިވާކަން އަންގައިދޭ ލިއުންތަކާއި އިމާރާތް ނިންމުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާފައިނުވުމުގެ ސަބަބުން އެޗްޑީސީގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ، އެ ފިޔަވަޅުތަކުގެ ތަފުސީލާއި އެ ފިޔަވަޅުތަކާ ގުޅޭ ލިއުންތައް ހޯދުމަށްވެސް އޭނާ ހުށަހަޅާފައިވެއެވެ.
މި މައްސަލައިގައި އާސިޔާ އެދިފައިވާ ލިއުންތައް 14 ދުވަހުގެ ތެރޭގައި އޭނާއާ ހަވާލު ކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެޗްޑީސީއަށް އަމުރު ކޮށްފައެވެ. އަދި އެ ލިއުންތައް ބޭނުން ކުރަން ވާނީ އާސިޔާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅަން ބޭނުންވާ މައުލޫއީ މައްސަލައާ ގުޅޭ ގޮތުން އެކަނި ކަމަށް ކަނޑައަޅައި، ޖުލައި 30 ވަނަ ދުވަހުގެ ކުރިން އާސިޔާގެ ފަަރާތުން ސިވިލް ކޯޓަށް ދައުވާ ހުށަހަނާޅައިފި ނަމަ، އެ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ ލިއުންތައް އިތުރު ކޮޕީއެއް ހެދުމަކާ ނުލައި އެޗްޑީސީއާ ހަވާލު ކުރުމަށް އާސިޔާގެ މައްޗަށްވެސް ސިވި ލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލި މައްސަލަތަކެއް މިހާރުވެސް ވަނީ ކޯޓަށް ހުށަހަޅައިފައެވެ. އޭގެ ބައެއް މައްސަލަތަކުގައި އެ އެޕާޓްމެންޓްތައް މީހުންނަށް ދިނުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.
އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖުކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލައިގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު