އިންޑިއާގެ ގޯ އެއާ އިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ގޯ އެއާ އިން މީރާއަށް ދައްކަން ޖެހޭ، އެކަމަކު މިހާތަނަށް ނުދައްކާ ހުރި ޖުމުލަ ފައިސާ ހޯދުމަށް މީރާގެ ފަރާތުން ގޯއެއާގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

މި މައްސަލައިގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ހުކުމް ކުރި ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 3،580،588 ޑޮލަރު މީރާއަށް ދެއްކުމަށެވެ. ކޯޓުން އެ ގޮތަށް ހުކުމް ކުރީ ގޯ އެއާގެ ގައިރު ހާޒިރުގައެވެ.

އެއީ ސިވިލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވުމަށް ގޯ އެއާ ކުރިން ހިންގި އޮފީހުގެ އެޑްރެހަށް މައްސަލައިގެ ޗިޓު ރައްދު ކުރަން މަސައްކަތް ކުރި ނަމަވެސް ޗިޓު ރައްދުކޮށްދެވިފައި ނުވާތީއެވެ. އެ އެއާލައިން މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުން ނުދާކަން ކޯޓުގެ ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.