ބްރައިޓަންގެ ކޯޗުކަމަށް، އުމުރުން 31 އަހަރުގް ފަބިއަން ހުރްޒެލާ ގެންދިޔުމަށް އެކްލަބުން މަސައްކަތް ފަށައިފިއެވެ.

ހުރްޒެލާ އަކީ މިދިޔަ ސީޒަނުގައި ސެއިންޓް ޕޯލީއަށް ޖަރުމަނު ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްދިން ކޯޗެވެ. ދެވަނަ ޑިވިޝަނުގެ ތަށްޓާއެކު ޕޯލީ ޖަރުމަނު ފުރަތަމަ ޑިވިޝަނަށް ނުކުމެފައި ވަނީ 13 އަހަރަށްފަހުއެވެ. އެމެރިކާއަށް އުފަން ހުރްޒެލާ ޕޯލީގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ހުރްޒެލާ ބްރައިޓަންގެ ކޯޗުކަމާ ހަވާލުވުމަށް އަދި އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ބްރައިޓަންގެ ވެރިޔާ ޓޯނީ ބްލޫމާއި ޗީފް އެގްޒެކެޓިވް ޕައުލް ބާބާ މިހާރު ހުރްޒެލާ ގެންދަން ބުރަކޮށް މަސައްކަތްކޮށް، އެ މަސައްކަތުގެ އެންމެ ފަހު މަރުހަލާއާ ހަމައަށް ކަންކަން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ހުރްޒެލާ ބްރައިޓަންގެ ކޯޗުކަމާ ހަވާލުވެއްޖެ ނަމަ، އޭނާ ވެގެންދާނީ 1992 ވަނަ އަހަރު ޕްރިމިއާ ލީގުގެ ނަމުގައި އިނގިރޭސި ފުރަތަމަ ޑިވިޝަން ކުޅެން ފެށިފަހުން ޓީމެއްގެ ކޯޗުކަމާ ހަވާލުވާ އެންމެ ޒުވާން ކޯޗަށެވެ. ހުރްޒެލާއަށްވުރެ ބްރައިޓަންގެ ބައެއް ސީނިއާ ކުޅުންތެރިންވެސް އުމުރުން ބޮޑެވެ. އެގޮތުން އެޓީމުގެ ޖޭމްސް މިލްނާއަށް 38 އަހަރު ވެފައިވާ އިރު، ޑެނީ ވެލްބެކްގެ އުމުރަކީވެސް 33 އެކެވެ. އަދި ކެޕްޓަން ލެވިސް ޑަންކްގެ އުމުރަކީ 32 އެވެ.

ބްރައިޓަންގައި މިދިޔަ ސީޒަނު ހުރި ކޯޗު ރޮބާޓޯ ޑި ޒާބީ އެ މަގާމު ދޫކޮށްލީ މި ސީޒަން ނިމުމުންނެވެ.