އިޓާލިއަން ސެރެއާ އޭގެ ރޯމާގެ ވެރިޔާ ޑޭން ފްރީޑްކިން، އެވަޓަންގެ މައިގަނޑު ހިއްސާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އެވަޓަންގެ ފައިސާގެ ހާލަތު ގޯސްވެ، މިދިޔަ ސީޒަނުގެ ތެރެއިން އެޓީމުން ޕޮއިންޓްވެސް ވަނީ އުނިކޮށްފައެވެ. ކްލަބުގެ ހިންގުން ގޯސްވެ، އެ ކްލަބުގެ މައިގަނޑު ހިއްސާ ވިއްކާލަން މަސައްކަތް ކުރަމުންދާ އިރު، އެ ހިއްސާގެ ބޮޑު ޕަސެންޓެއް ގަންނަން ގިނަ ފަރާތްތަކަކުން ޝައުގުވެރިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އެގޮތުން އެމެރިކާގެ ވިޔަފާރިވެރިޔާ ފްރީޑްކިން، އެވަޓަންގެ 94 ޕަސެންޓް ހިއްސާ ގަންނަން ބޭނުންވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ.

އޭގެ އިތުރުންވެސް މިހާރު އެވަޓަންއަށް ލޯނުގެ ގޮތުގައި 158 މިލިއަން ޕައުންޑް ދީފައިވާ އިނގިރޭސި ވިޔަފާރިވެރިން ކަމަށްވާ އެންޑީ ބެލް އާއި ޖޯޖް ޑޯނިންވެސް އެވަޓަންގެ ބޮޑު ހިއްސާއެއް ގަންނަން މަސައްކަތް ކުރަމުން ދެއެވެ.

އަދި، ޑެލް ޓެކްނޮލޮޖީސްގެ ޗީފް އެގްޒެކެޓިވް، މައިކަލް ޑެލް އާއި އިންވެސްޓްމަންޓް ފާމް އޭ ކެޕްގެ ކެނެތު ކިންގްވެސް އެވަޓަންގެ ހިއްސާ ގަންނަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ އިތުރުން ކްރިސްޓަލް ޕެލެސްގެ ކޯ އޯނަރު، ޖޯން ޓެކްޓާވެސް ވަނީ އެވަޓަންގެ 45 ޕަސެންތް ހިއްސާއެއް ގަންނަން ޝައުގުވެރިވާ ކަމަށް މީޑިއާއަށް ހާމަކޮށްފައެވެ.

އެވަޓަންގެ 94 ޕަސެންޓް ހިއްސާ މިހާރު އޮތީ ފްރްހާދް މޮޝީރީ އަތުގައެވެ. އޭނާ މި ސީޒަނުގެ ތެރެއިން އެމެރިކާގެ އިންވެސްޓްމަންޓް ފާމަކަށް އެވަޓަންގެ ހިއްސާ ވިއްކާލަން އެއްބަސްވި ނަމަވެސް، އެ އެއްބަސްވުމުގައި އެކުލެވިފައިވާ ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓް މޭމަހުގެ 31 އަށް ވަނީ ހަމަވެފައެވެ.