ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1،000 މީހުން ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ރިޔާސީ ވައުދުގެ ދަށުން ފުރަތަމަ ހައްޖަށްދާ 50 މީހުން، މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތްތާ ފުރަތަމަ ތިން ހަފުތާ ތެރޭގައި ކެބިނެޓާ މަޝްވަރާކުރައްވައި މިއަހަރުގެ ހައްޖުގެ މޫސުމުގައި ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވައިފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ފުރަތަމަ ބުރުގައި ހިލޭ ހައްޖަށް ގެންދާ މީހުންގެ ގުރު ނަގައިފައެވެ. ގުރުއަތު ނަގާފައިވަނީ ފަގީރުންގެ ލިސްޓަށް ބަލައިގެންނެވެ. ގުރު ނެގުމަށް ބޭނުންކޮށްފައިވަނީ ފަގީރުންގެ ލިސްޓުގައި ތިބި 667 މީހުންގެ އައިޑީކާޑު ނަންބަރެވެ. އޭރު 50 މީހުންގެ ގުރުއަތު ނެގީ، އޭގެ ތެރެއިން ބަޔަކު އުޒުރުވެރިވެއްޖެ ނަމަ ޖާގަ ދޭނެ 10 މީހުންނާ އެއްކޮށެވެ.
އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން ސަރުކާރުގެ ހަރަދުގެ ހައްޖަށް ދިއުމަށް ޝަރުތު ހަމަވަނީ 667 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު