މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ އާއި މެންޗެސްޓާ ސިޓީގެ ވިންގް، ޖެކް ގްރީލިޝްވެސް ބާކީކޮށް، އިންގްލެންޑުން ޔޫރޯ 2024 އަށް ސްކޮޑު ފައިނަލްކޮށްފިއެވެ.
އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ޔޫރޯއަށް ތަމްރީނުތައް ފަށަން ފުރަތަމަ އިއުލާނު ކުރީ 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑެކެވެ. އިންގްލެންޑުން ބައެއް ތަމްރީނުތަކަށްފަހު ބުދަ ދުވަހުގެ ރޭ ބޮސްނިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ވަނީ ކުޅެފައެވެ. އަދި ޔޫރޯގެ ކުރިން އައިސްލޭންޑާ ދެކޮޅަށް އިތުރު އެކުވެރިކަމުގެ މެޗެއްވެސް އިންގްލެންޑް ކުޅޭނެއެވެ. ކުރިން ބެލިވިފައި އޮތީ ސްކޮޑު ފައިނަލް ކުރާނީ އެ މެޗަށް ފަހުގައި ނަމަވެސް، ސްކޮޑުން ރޭ ހަތް ކުޅުންތެރިން ރަސްމީކޮށް ބާކީ ކޮށްފައިވެއެވެ.
ސައުތުގޭޓް ފުރަތަމަ ބާކީ ކުރި ކުޅުންތެރިންނަކީ ޓޮޓެންހަމްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަންއާއި ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ކާޓަސް ޖޯންސްއެވެ. އަދި އޭގެފަހުން އޭނާ ވަނީ ބާކީ ކުރި ހުރިހާ ކުޅުންތެރިން އިއުލާނުކޮށްފައެވެ.
ގްރީލިޝްއާއި މެގުއާވެސް ސްކޮޑުގައި ނުހިމަނައި ދެން ބާކީ ކުރީ ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑާއި ލިވަޕޫލް ޑިފެންޑަރު ޖަރެލް ގުއަންސާ، އެވަޓަންގެ ޑިފެންޑަރު ޖަރަޑް ބްރަންތުވެއެވެ. އޭގެ ތެރެއިން ގުއަންސާ އަދި ސްކޮޑާއެކު މަޑުކުރާނެއެވެ. އެއީ އިންގްލެންޑުން އައިސްލެންޑާ ދެކޮޅަށް ކުޅޭ މެޗުން އިތުރު ކުޅުންތެރިޔަކަށް އަނިޔާވެއްޖެނަމަ ސްކޮޑުގައި ހިމަނަން ޖެހިދާނެތީއެވެ.
އިންގްލެންޑުން ފައިނަލް ކުރި ސްކޮޑާ ގުޅިގެން ސައުތުގޭޓް ބުނީ ކުޅުންތެރިންތަކެއް ދޫކޮށްލަން ޖެހުމަކީ އުނދަގޫކަމެއް ކަމަށާއި، ނިންމުން ނިންމީ ވިސްނާފައި އެންމެ ފައިދާ ބޮޑު ގޮތަށް ކަމަށެވެ. އަދި މެގުއާއަށް ފުރުސަތު ނުދިނީ އަނިޔާއިން އެންމެ އެކަށީގެންވާ ވަރަށް ރިކަވާ ނުވާތީ ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.
މެގުއާއަށް ޔުނައިޓެޑްގެ އެފްއޭ ކަޕް ފައިނަލްވެސް ގެއްލިފައިވަނީ އަނިޔާގެ ސަބަބުންނެވެ. އޭރުން ފެށިގެން އަނިޔާއިން ރަނގަޅުވާން މެގުއާ މަސައްކަތް ކުރި ނަމަވެސް، ސައުތުގޭޓް ބުނީ އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު ކަމަށެވެ. މެގުއާއަކީ އިންގްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީއަށް ދިޔައިރުވެސް، އަދި 2020 ވަނަ އަހަރު ޔޫރޯ ފައިނަލަށް ދިޔައިރާއި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓައަށް ދިޔައިރުވެސް މުހިއްމު ކުޅުންތެރިއެކެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024