ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

  • މުސްލިމަކު ކަމުގައިވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • އުމުރުން 25 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  • ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު އަދި އެހެނިހެން ފޯމުތައް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޗްއާރުސީއެމްގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ. މީގެ ކުރިން އެ މަގާމަށް ހުޅުވާލި ދެ ފުރުސަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައެއް ނުވެއެވެ.