އިންގްލެންޑުން ޔޫރޯއަށް ނަގާފައިވާ ޕްރިލިމިނަރީ ސްކޮޑު ކުޑަކުރާ އިރު، ޓޮޓެންހަމްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ބާކީ ކުރާނެ ކަމަށް އިތުބާރު މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ޔޫރޯއަށް ތަމްރީނުތައް ފަށަން ފުރަތަމަ އިއުލާނު ކުރީ 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑެކެވެ. އިންގްލެންޑް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށްފަހު ސްކޮޑު ފައިނަލް ކުރަން ހަތް ކުޅުންތެރިންގެ ނަން އުނިކުރަން މިހާރު ދަނީ ތައްޔާރުވަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބޮސްނިއާއާ ދެކޮޅަށް ދާދިފަހުން ކުޅުނު މެޗުގައި އިންގްލެންޑުން 3-0 ގެ މޮޅެއް ހޯދި އިރު، އެ މެޗުގެ ވަކި ހިސާބަކުން މެޑިސަން ކުޅެފައިވެއެވެ. އެހެންނަމަވެސް ބީބީސީ ސްޕޯޓްސްއިން ބުނެފައި ވަނީ މެޑިސަންއަށް ކޯޗު ސައުތުގޭޓް ޔޫރޯގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އުމުރުން 27 އަހަރުގެ މެޑިސަންއަކީ، މިދިޔަ ދުވަސްތަކުގައި އިންގްލެންޑް ސްކޮޑަށް އާންމުކޮށް ނަގަމުން އައި ކުޅުންތެރިއެކެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް ސްކޮޑުގައިވެސް މެޑިސަން ހިމެނުނުނެވެ. އެހެން ނަމަވެސް އެފަހަރު އޭނާ މެޗެއްގައި ކުޅެފައެއް ނުވެއެވެ.
މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީން ޓޮޓެންހަމްއަށް ބަދަލުވި މެޑިސަން މިހާރުވެސް ސްކޮޑުން ބާކީ ކޮށްފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އޭނާ މި ސީޒަނުގެ ފޯމަށް ބަލައި ކޯޗު ސައުތުގޭޓް އެ ނިންމުން ނިންމާފައިވާ އިރު، ނިމިދިޔަ ސީޒަނުގައި އެއް ފެންވަރެއްގައި ފޯމު ދަމަހައްޓަން މެޑިސަންއަށް ވަނީ އުނދަގޫވެފައެވެ.
އިންގްލެންޑުން ޔޫރޯއަށް ގެންދާ ފައިނަލް ސްކޮޑު އިއުލާނު ކުރާނީ ހުކުރު ދުވަހުގެ ރޭ ވެމްބްލީގައި އައިސްލޭންޑާ ދެކޮޅަށް ކުޅޭ މެޗަށްފަހުއެވެ. އެއީ ހޮނިހިރު ދުވަހުއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024