ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކުގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މެދުޒިޔާރަތް މަގުގެ ހޮޓެލް ޖެން ކައިރީގައި އޮންނަ ސައިކަލު ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު 3:03 ހާއިރެވެ.

އަލިފާން ރޯކޮށްލުމާ ގުޅިގެން ހަތް ސައިކަލަކާއި ވޭނަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭގެތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.